ދައުލަތުގެ މަސް ކުންފުނި މިފްކޯ ބަނގުރޫޓްވެ, މަސްވެރިންނަށް އެކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކޮށްގެން ލޯން ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ޝިޔާމް މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ, މި ދުވަސްވަރަކީ މަސަވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހަކުވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދަނީ އިތުރުވަމުން ކަމަށާއި, އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށެވެ.
އަދި އެފައިސާ ދެއްކޭނެ ގާބިލްކަން މިފްކޯގައި ނެތި, ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް، ސަވަރިން ގެރެންޓީ ދީގެން ލޯނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމުގައި ޝިޔާމް ވިދާޅުވިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ބޮޑު އިންޓަރެސްޓެއްގައި 190 މިލިއަން ރުފިޔާގެ ލޯނެއް, މަހުޖަނު މުހައްމަދު މޫސާ "އުއްޗު"ގެ އަތުން ނެގުމަށްވެސް ސަރުކާރުން ދަނީ އޭނާއާއި މަޝްވަރާ ކުރަމުންނެވެ.
މިއީ މަސްވެރިންނަށް ފައިސާ ނުދެއްކި, މިފްކޯގެ މުޅި ތާރީޚުގައިވެސް އެކުންފުނިން ލޯނެއް ނަގަންޖެހުނު ފުރަތަމަ ފަހަރެވެ. މިފްކޯ ބަނގުރޫޓުވެ, އެކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދޫކުރަން މަޖުބޫރުވެފައިވާއިރު, އެކުންފުނިން މިހާރުވެސް ދަނީ, ކުންފުނީގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކޮށްދެމުންނެވެ.
އަދި އެކުންފުންޏަށް ސަރުކާރުން ދަނީ, މަގާމަށް ގާބިލްނޫން އެތައް ސިޔާސީ މުވައްޒަފުންނެއް ވައްދަމުންނެވެ.