މަސްވެރިންނަށް ފައިސާ ދެވެން ނެތް ކަމަށާއި، ލޯނެއް ނަގައިގެން މަސްވެރިންނަށް ފައިސާ ދެވޭތޯ ބަލާނެ ކަމަށް މުއިއްޒު އަމިއްލަ ފުޅަށް ކުރި، ވީޑިޔޯ މެސެޖެއްގައި އާއި، މިހާރުގެ ފިޝަރީސް މިިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ފައިސާ ދެވެން ނެތް އިރުވެސް، މަސް ކިރައި ދަރަންޏަށް ސަރުކާރުން ދަނީ މަސްވެރިންގެ އަތުން މަސް ނަގަމުންނެވެ. އަމުދުން މިފްކޯ މިހާރު، އެސްޓިއޯގެ ދަށުން މިނިވަން ކޮށްފައި ވުމުން، އެއީ އަމިއްލައަށް ޚަރަދު ތައް ބެލެހެއްޓޭ ވަރުގެ ކުންފުންޏަކަށް ނުވާއިރު، ލޯން ދިނުމުގައި ދުނިޔޭގެ މާލީ ބާޒާރުން ބަލާ މިންގަނޑުތަކަށް ނުފެތޭތީ، ދުނިޔޭގެ އެއްވެސް ތަނަކުން މިފްކޯއަށް ލޯނެއް ލިބެނެ ގޮތެއް ނޯންނާނެއެވެ. ބަނގުރޫޓު ވަމުންދާ ކުންފުންޏަކަށް ލޯނު ދިނުމަކީ ދުނިޔޭގައި އެއްވެސް އިރަކު ކުރާނެ ކަމެއް ނޫނެވެ.
ރާއްޖޭގެ މުއްސައްޖެގެ އަތުން ނަގާ ކުޑަ ލޯނަކުން 3 މަސްދުވަހުގެ މަހުގެ އަގު މަސްވެރިންނަށް އަދާ ކުރެވުނަސް އެއީ ދާއިމީ ހައްލެއް ނޫނެވެ.
އެހެންކަމުން މަސްވެރިންނަށް ދަރާފައި ހުރި ފައިސާ ދޭނެ މަގެއް މުއިއްޒު އަކަށް ހަމަ އެއްގޮތަކަށް ވެސް ހޯދިފައި ނުވެއެވެ. އަދި ސަރުކާރު މިދާ މިސްރާބަށް ބަލާއިރު އެއީ، ހޯދޭނެ ފައިސާއެއްވެސް ނޫނެވެ. މުއިއްޒު އެޤައުމެއްގެ އުނގަށް ވެއްޓިގެން އުޅޭ ޗައިނާއަކީ ބަޖެޓް ސަޕޯޓް ދޭ ބައެއް ނޫނެވެ. އިންޑިޔާ އާއި އެއްވެސް ސަބަބެއްނެތި ގުޅުން ކަނޑާލާފައި ވާއިރު، އިންޑިޔާއިން އެހީއެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ޗައިނާގެ ޖާސޫސީ އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިބި ތިބުމަކީ އެމެރިކާވެސް ހިތް ހަމަ ޖެހޭ ކަމެއް ނޫނެވެ. އެހެން ކަމުން އެމެރިކާއިންވެސް ބަޖެޓް ސަޕޯޓެއް ނުލިބޭނެއެވެ.
މެދުއިރުމަތީ ޤައުމުތަކަށް ބަލާއިރު، ސައުދީ އިން ރާއްޖެ ވަޑައިގެންނެވި ފަރާތާއި މެދު ކަންކަން ކުރި ގޮތުން ސައުދީ ސަރުކާރުން ވަނީ މުއިއްޒުގެ ސަރުކަރުގައި އެއްވެސް ހަރުދަނާ ކަމެއް ނެތްކަން އެނގިފައެވެ. އަދި ސައުދީއިން ވަނީ އެޤައުމަށް ދިޔުމަށް ހަމަ ޖެހިފައި އޮތް ފުރަމާނަ ދަތުރުވެސް މުއްދަތެއް ނެތް ގޮތަށް ލަސް ކޮށްފައެވެ. މި ދަތުރު ލަސް ކޮށްފައި އޮއްވާ މެދުއިރުމަތީގެ ޑިޕްލޮމެޓިކް ގުޅުންތަކަށް ބަލާ ނުލައި މުއިއްޒު ވަނީ ތުރުކީއަށް ވަޑައިގެންފައެވެ. ސައުދީއިން ނުދޭ، އެހީތެރިކަމެއް، ޔޫއޭއީ އަކުން ވެސް ނުދޭނެއެވެ. ޔޫއޭއީ ސަރުކާރުގައި، މުއިއްޒު އެ ޤައުމަށް ވަޑައިގަތުމަށް އެދޭކަން އަންގާފައި ވާތާ 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރު އެޤައުމުން މުއިއްޒަށް އެއްވެސް ޖަވާބެއް ނުދެއްވާކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތު ލިބެއެވެ. މީގެ ކުރިން އޮތް ޕީޕީއެމް ސަރުކާރުން ވަނީ ޤަތަރާއި ގުޅުން ކަނޑާލާފައެވެ. އެހެން ކަމުން ޤަތަރުންވެސް އެހީއެއް މުއިއްޒަކަށް ނުލިބޭނެއެވެ. ދެން އޮތީ ޔޫކޭ އާއި ޔޫރަޕެވެ. ކުރީގެ ޕީޕީއެމް ސަރުކާރުން ވަނީ، ކޮމަންވެލްތާއި އޮތް ގުޅުން ކަނޑާލާފައެވެ. އެހެން ކަމުން ޕީޕީއެމް ސަރުކާރަކަށް ޔޫކޭއިން ވެދޭނެ އެހީއެއް ނޯންނާނެއެވެ. ޔޫރަޕް އާއި ރާއްޖޭގެ ގުޅުންތައް ޕީޕީއެމް އެއްގެ އެއްވެސް ސަރުކާރެއްގައި ރަނގަޅު ނޫން އިރު، ޔޫރަޕުގެ އިޤްތިޞާދަށް ވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަސަރު ކޮށްފައެވެ. އެހެންކަމުން އެއްވެސް ޤައުމަކުން ރާއްޖެއަށް އެހީ ލިބޭނެ ކަމަށް ނުބެލެވެއެވެ.
މަސްވެރިންގެ މަސްތައް އަމިއްލަ އަށް އާންމުންނަށް ވިއްކޭނެ ގޮތެއް ހޯދާށެވެ. ސަރުކާރުން މަހަށް ލާރި ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ރާއްޖެ މިދަނީ، ބަނޑަށް ޖެހެމުންނެވެ. މުއިއްޒު ވިސްނުމެއްނެތި އިސްކުރަމުންދާ ނަފްރަތުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން މުޅި ޤައުމު މި އޮތީ ނާޒުކު ފައްތަރެއްގައެވެ. މިއަދު މަސްވެރިކަމުގެ ސިނާއަތް އެ ދަނީ އެއްކޮށް ގެނބިގެންނެވެ. މާދަމާ ފަތުރު ވެރިކަމެވެ. އޭގެ ކުރިން މުއިއްޒުގެ ވެރިކަން މަޖިލީހުގެ ތެރެއިން ޤާނޫނީ އިމުގެ ތެރެއިން އަޒުލު ކުރުމަށް، މަސްވެރިންވެސް ނުކުމެ ގޮވާލަން ޖެހެއެވެ.