ޚަބަރު

މިފްކޯ ބަނގުރޫޓުވެ މަސްވެރިންނަށް ފައިސާ ނުދެއްކިގެން، މަސްވެރިންނަށް ދޭންޖެހޭ 190 މިލިއަން ރުފިޔާ ރައްޔިތުންގެ ޕެންޝަން ފަންޑުން ނަގަނީ!

ދިޔަވަރު
މިފްކޯ ބަނގުރޫޓުވެ މަސްވެރިންނަށް ފައިސާ ނުދެއްކިގެން، މަސްވެރިންނަށް ދޭންޖެހޭ 190 މިލިއަން ރުފިޔާ ރައްޔިތުންގެ ޕެންޝަން ފަންޑުން ނަގަނީ!

ދައުލަތުގެ މަސް ކުންފުނި މިފްކޯ ބަނގުރޫޓްވެ, މަސްވެރިންނަށް އެކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކޮށްގެން ލޯން ނެގުމަށް ސަރުކާރުން މިއަދު ނިންމާފައިވާއިރު, މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުން ޓީ ބިލް ވިއްކައިގެން ރައްޔިތުންގެ ޕެންޝަން ފަންޑުން ލޯން ނެގުމަށް މަޝްވަރާ ކުރަމުންދާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕެންޝަން އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓީ ބިލް ވިއްކައިގެން ޕެންޝަން ފަންޑުން ފައިސާ ނެގުމަށް ސަރުކާރުން ވިސްނަމުންދަނީ, އެމްއެމްއޭގެ ގަވައިދުތަކުގައިވާ ގޮތުން ކޮމާޝަން ބޭންކުތަކުގެ އެއަދަދަށް ފައިސާ ނެގުމަށް ފުރުސަތު ފަހިވެފައި ނެތުމުގެ ސަބަބުން ކަމުގައެވެ.

އެހެންނަމަވެސް ޕެންޝަނާބެހޭ ގާނޫނުގައި ވާގޮތުންވެސް, ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިންވެސްޓު ކުރުމުގެ ފުރުސަތު ލިބެނީ ޕެންބަނާބެހޭ ގާނޫނުގައި ބާޔާން ކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ. ޕެންޝަން އޮފީހުގެ އޮފިޝަލް ވިދާޅުވީ, މަސްވެރިންނަށް ފައިސާ ދިނުމަށް, ޕެންޝަން ފަންޑުން ލޯން ދޫކުރުމުގައި ގޮންޖެހުންތައް ހުރިނަމަވެސް, ޕެންޝަން އޮފީހުން މިކަމުގައި ސަރުކާރާ ވާހަކަ ދައްކަމުން ދާކަމުގައެވެ.

ފިޝަރީޒް މިނިސްޓަރ ޝިޔާމް މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ, މި ދުވަސްވަރަކީ މަސަވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހަކުވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދަނީ އިތުރުވަމުން ކަމަށާއި, އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށެވެ.

އަދި އެފައިސާ ދެއްކޭނެ ގާބިލްކަން މިފްކޯގައި ނެތި, ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް، ސަވަރިން ގެރެންޓީ ދީގެން ލޯނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމުގައި ޝިޔާމް ވިދާޅުވިއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ބޮޑު އިންޓަރެސްޓެއްގައި 190 މިލިއަން ރުފިޔާގެ ލޯނެއް, މަހުޖަނު މުހައްމަދު މޫސާ ”އުއްޗު“ގެ އަތުން ނެގުމަށްވެސް ސަރުކާރުން ދަނީ އޭނާއާއިވެސް މަޝްވަރާ ކުރަމުންނެވެ.

މިއީ މަސްވެރިންނަށް ފައިސާ ނުދެއްކި, މިފްކޯގެ މުޅި ތާރީޚުގައިވެސް އެކުންފުނިން ލޯނެއް ނަގަންޖެހުނު ފުރަތަމަ ފަހަރެވެ. މިފްކޯ ބަނގުރޫޓުވެ, އެކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދޫކުރަން މަޖުބޫރުވެފައިވާއިރު, އެކުންފުނިން މިހާރުވެސް ދަނީ, ކުންފުނީގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކޮށްދެމުންނެވެ.

އަދި އެކުންފުންޏަށް ސަރުކާރުން ދަނީ, މަގާމަށް ގާބިލްނޫން އެތައް ސިޔާސީ މުވައްޒަފުންނެއް ވައްދަމުންނެވެ.