ޚަބަރު

ލޯން ލިބުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ, މިސްރާބު އެންމެފަހުން މިފްކޯ ވިއްކާލުމާ ދިމާލަށް! މަހުޖަނު ގާސިމްއާއި އަދި އުއްޗުއާ އެކުވެސް ސަރުކާރުން ސިއްރު މަޝްވަރާތަކެއް ބާއްވައިފި!

ދިޔަވަރު
ލޯން ލިބުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ, މިސްރާބު އެންމެފަހުން މިފްކޯ ވިއްކާލުމާ ދިމާލަށް! މަހުޖަނު ގާސިމްއާއި އަދި އުއްޗުއާ އެކުވެސް ސަރުކާރުން ސިއްރު މަޝްވަރާތަކެއް ބާއްވައިފި!

ދައުލަތުގެ މަސް ކުންފުނި މިފްކޯ ބަނގުރޫޓްވެ, މަސްވެރިންނަށް އެކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުން ސޮވެރިން ގެރެންޓީ ދޫކޮށްގެން ލޯން ނެގުމަށް ސަރުކާރުން ނިންމާފައިވާއިރު, މިފްކޯ ވިއްކާލުމުގެ ވިސްނުންވެސް ސަރުކާރުން ގެންގުޅެމުންދާކަމުގެ މައުލޫމާތު "ދިޔަވަރު އޮންލައިން" އަށް ލިބިއްޖެއެވެ.

ފާއިތުވެދިޔަ ތަނުގައި ބޮޑު ފައިދާއަކާއެކު ސަރުކާރުތަކުން ހިންގަމުން އައި މަސް ކުންފުނި ބަގުރޫޓު ވެފައިވާކަން ހާމަވެގެން ދިޔައީ, ދިވެހި މަސްވެރިންނަށް އެކުންފުނިން ދައްކަން ޖެހިފައި އޮތް 190 މިލިއަން ރުފިޔާ ދެއްކޭނެ ގޮތެއް ނެތިގެން ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ލޯން ނެގުމަށް މިހާރު އެކުންފުނިން މަސައްކަތް ފަށާފައިވާކަމަށް, ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަން ހާމަކޮށްފައިވަނީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޝިޔާމް މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ, މި ދުވަސްވަރަކީ މަސަވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހަކުވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދަނީ އިތުރުވަމުން ކަމަށާއި, އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މިވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް ދައްކާކަމަށެވެ.

އަދި އެފައިސާ ދެއްކޭނެ ގާބިލްކަން މިފްކޯގައި ނެތި, ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް، ސަވަރިން ގެރެންޓީ ދީގެން ލޯނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމުގައި ޝިޔާމް ވިދާޅުވިއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ބޮޑު އިންޓަރެސްޓެއްގައި 190 މިލިއަން ރުފިޔާގެ ލޯނެއް, މަހުޖަނު މުހައްމަދު މޫސާ ”އުއްޗު“ގެ އަތުން ނެގުމަށްވެސް ސަރުކާރުން ވަނީ މަޝްވަރާ ކޮށްފައެވެ. އެހެންނަމެވެސް, ދައުލަތުގެ މާލީ ހާލަތު ދަށްވެ, އަދި މިފްކޯއަކީ މިހާރު ބަގުރޫޓްވެފައިވާ ކުންފުންޏަކަށް ވުމާއެކު, އެކުންފުންޏަށް ލޯނު ދޫކުރުމަށް އުއްޗު ދެކޮޅު ހައްދަވާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެއާއެކު, މަސްވެރިންނަށް ފައިސާ ދެއްކުމަށް, ރައްޔިތުންގެ ޕެންޝަން ފަންޑުންވެސް ފައިސާ ނެގުމަށް ސަރުކާރުން މަސައްކަތް ކުރިނަމަވެސް, ޕެންޝަނާބެހޭ ގާނޫނަށް ބަދަލު ނުގެނެސް އެފަންޑުން މިފްކޯއަށް ލޯން ދޫކުރެން ނެތްކަމަށް ޕެންޝަން އޮފީހުންވެސް ވަނީ ސަރުކާރަށް އަންގާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ކޮމްޕޮޒިޝަން މިވަގުތު އޮތް ގޮތުން, ޕެންޝަން ފަންޑުގައި ހުރި ފައިސާ, ގާނޫނަށް ބަދަލު ގެނެސްގެން ނުނެގޭނަކަމަށް ސަރުކާރަށް މިހާރު ގަބޫލުކުރެވިފައިވާކަމަށްވެސް, ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯ ގަތުމަށް ދެ މަހުޖަނުން ކަމުގައިވާ ގާސިމްއާއި އުއްޗުވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ސަރުކާރުން މިހާރު މި ދެ މަހުޖަނުންނާއެކުވެސް ސިއްރުން ބައްދަވުންތަކެއް ބާއްވާފައިވާކަމުގެ ކަށަވަރު މައުލޫމާތު ”ދިޔަވަރު އޮންލައިން“އަށް ލިބިފައިވި ނަމަވެސް, މި މަޝްވަރާތައް ކުރިޔަށް ގޮސްފައިވަނީ ކޮން ހިސާބަކަށްކަން އަދި ވަނީ ކަށަވަރު ނުކުރެވިފައެވެ.

މިއީ މަސްވެރިންނަށް ފައިސާ ނުދެއްކި, މިފްކޯގެ މުޅި ތާރީޚުގައިވެސް އެކުންފުނިން ލޯނެއް ނަގަންޖެހުނު ފުރަތަމަ ފަހަރެވެ. މިފްކޯ ބަނގުރޫޓުވެ, އެކުންފުނިން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދޫކުރަން މަޖުބޫރުވެފައިވާއިރު, އެކުންފުނިން މިހާރުވެސް ދަނީ, ކުންފުނީގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކޮށްދެމުންނެވެ.

އަދި އެކުންފުންޏަށް ސަރުކާރުން ދަނީ, މަގާމަށް ގާބިލްނޫން އެތައް ސިޔާސީ މުވައްޒަފުންނެއް ވައްދަމުންނެވެ.