ޚަބަރު

އިނގިރޭސިބަސް ނޭގުނަސް, އިނގިރޭސިބަހުން ބަޔާންތަކާއި އިއުލާންތައް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށް, ތައްޔިބަށް ސްޓެލްކޯއިން ވަޒީފާއެއް ހަމަޖައްސާ ދީފި

ދިޔަވަރު
އިނގިރޭސިބަސް ނޭގުނަސް, އިނގިރޭސިބަހުން ބަޔާންތަކާއި އިއުލާންތައް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށް, ތައްޔިބަށް ސްޓެލްކޯއިން ވަޒީފާއެއް ހަމަޖައްސާ ދީފި

އެމްޑީޕީގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓްރީގައި ސިޔާސީ ވަޒީފާއެއް ދީފައިހުރި, ތައްޔިބު ޝަހީމަށް ސްޓެލްކޯއިން ވަޒީފާއެއް ހަމަޖައްސާ ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތައްޔިބަށް ސްޓެލްކޯއިން ހަމަޖައްސާ ދީފައިވަނީ "ސާވިސް ސުޕަރވައިޒަރ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް" ނަމަކަށް ކިޔާ ވަޒީފާއެކެވެ.

މި ވަޒީފާގެ މަސްއޫލިއްޔަތަކަށް ހަދާފައިވަނީ, ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި, ނޫސް ބަޔާންތައް ތައްޔާރު ކުރުމުގެ އިތުރުން ކުންފުނީގެ ވެބްސައިޓަށް ލުމަށްޓަކާ ޚަބަރުތަކާއި, އެންގުންތައް ދިވެހިންނާއި އިނގިރޭސިބަހުން ތައްޔާރު ކުރުމެވެ.

އެހެންނަމަވެސް ތައްޔިބަކީ އެއްވެސް ވަރަކަށް އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ މީހަކަށް ވުމާއެކު, ލިޔެކިޔުންތައް އިނގިރޭސި ބަހުން ތައްޔާރު ކުރުމާއި, އަދި ތަރުޖަމާ ކުރުމުގެ މަސައްކަތަކީ ތައްޔިބަށް ކުރެވިދާނެ މަސައްކަތެއް ކަމަށް ނުބެލެވެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ސޯޝަލް މީޑިއާ އެކްޓިވިސްޓުންކަމަށް ދައްކައިގެން އުޅުނު ބައެއް ފަރާތްތަކަށް މިސަރުކާރުން ދަނީ ސިޔާސީ ވަޒީފާތައް ދެމުންނެވެ. އޭގެ ތެރޭގައި, މިހާރު ސަރުކާރަށް ތާއީދުކޮށް ޓުވީޓު ކުރަމުންދާ ލޫކަސް ޖަލީލަށްވެސް މިސަރުކާރުން ދަނީ, ސަރުކާރު ޕްރޮމޯޓުކޮށް ޓުވީޓް ކުރަމުންދާތީ 25,000 ރުފިޔާ ކޮންމެ މަހަކުވެސް ދެމުންނެވެ.

އެހެންނަމަވެސް ލޫކަސްއަކީ އެމްޑީޕީގެ ވެރިކަން ނިމެންދެން ފުލް މުސާރާގައި ރައީސް ސާލިހުގެ ސަރުކާރުން ނިމެންދެން ވަޒީފާގައި ހުުރުމަށްފަހު, އޭނާ އެދުނުގޮތަށް ފްލެޓެއް ހަމަޖައްސާ ނުދިނުމުން, ދައުރު ނިމެން އުޅެނިކޮށް ސަރުކާރުގެ ވަޒީފާ ދޫކޮށްފަ ނަޝީދުގެ ޑިމޮކްރެޓްސްއާ ގުޅުނު މީހެކެވެ. އެހެންނަމަވެސް ނަޝީދު ދޫކޮށް, މިހާރު އޭނާ މަހަކު 25,000 ރުފިޔާއަށް މަސައްކަތް ކުރަމުންދަނީ ރައީސް މުއިއްޒުއަށެވެ.