އެމެރިކާއިން އަންގައިގެން ފަލަސްތީނަށް ދުއާ ކުރުން ހުއްޓާލުމުން، ގުނޫތު ނާޒިލާ ކިޔަން ޖެހޭ ސަބަބު ދެމިއޮތްހާ ހިނދަކު އެކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެ، ޑރ އިޔާޒް މުއިއްޒަށް ރައްދު ދެއްވައިފި ވަނީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަދި އެކަމުގެ ތަފްސީލް ފެންނަ ގޮތަށް ޑރ. އިޔާޒް ވަނީ ލިންކެއް ވެސް އެކްސް ގެ ޕޯސްޓުގައި ހިމަނާފައެވެ.
ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށްޓަކައި ކޮށްދެވެންހުރި ހުރިހާކަމެއްކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް. އެގޮތުން އެމީހުންނަށް ހެޔޮދުޢާ ކޮށްދިނުމުގެ ގޮތުން ކޮންމެ ނަމާދެއްގެ ފަހު ރަކްޢަތުގައި ޤުނޫތު ނާޒިލާ ކުރިޔަށް ގެންދަންޖެހޭ.
ޑރ އިޔާޒް ފުރަތަމަ ކުރެއްވި އެކްސް ޕޯސްޓްގައި ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދެއްއްވުން އެދި ކޮންމެ ނަމާދުގައި ކިޔަމުން އައި ގުނޫތު ކިޔަން މިއަދު ފެށިގެން ހުއްޓާލަން އިސްލާމީ ކަންތައްތަކާއި ބޭހޭ ވުޒާރާއިން އަންގައިފައި ވަނީ, ފޮރިން މިނިސްޓްރީ މެދުވެރިކޮށް ފަލަސްތީނާއި ދެކޮޅު އެއްވެސް ހަރަކާތެއް ރާއްޖޭގައި ނުހިންގުމަށް، އެމެރިކާއިން އަންގާފައި ވާތީއެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް މަޖިލީހުން މުއިއްޒަށް ދެންނެވިތާ 75 ދުވަސް ވެފައި ވާއިރު، މުއިއްޒު ވަނީ އެކަމަށް ވެސް އިންކާރު ކޮށްފައެވެ.
ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔާހޫދީންގެ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ކިޔަން ފެށީ، ރައީސް ސޯލިހްގެ ވެރިކަމުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 12 ވަނަދުވަހުއެވެ. ފުރަތަމަ ގުނޫތު ކިޔަން ފެށީ އަޑުހަރުކޮށް ކިޔަވާ ނަމާދުގައެވެ. އެހެންނަމަވެސް ފަހުން އޮކްޓޫބަރ 18 ވަނަދުވަހު އޭރުގެ އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން ނިންމާ އެކަން ފަށާފައެވެ.
ހުރިހާ ނަމާދެއްގައި ދުޢާ ކިޔަމުން ދަނިކޮށް މުއިއްޒު އަންގައިގެން މިސަރުކާރުން ވަނީ ހަމަ އެކަނި އަޑުހަރުކޮށް ކިޔަވާ (ޖަހުރިއްޔާ) ނަމާދުތަކުގައި އެކަނި ގުނޫތު ނާޒިލާ ކިޔާ ގޮތަށް ޑިސެމްބަރު 7 ވަނަދުވަހު ހަމަޖައްސާފައެވެ.