ރައްޔިތުން ހަވާލު ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތައް ބަހައްޓާފައި، މާދަމާ ރައްޔިތުން މަޖިލީހުގައި އިއްވުމަށް ހަމަ ޖެހިފައިވާ ރިޔާސީ ބަޔާން ތިމަންނާއަށް އިއްވުމުގައި ހުރަހެއް ކުރިމަތި ވެދާނެ ކަމަށް ހީކޮށް، އަމިއްލަ އަށް މަޖިލިސް ކުރާގެއަށް ވަޑައިގެން، އިންތިޒާމު ތައް ރަނގަޅަށް ހުރިތޯ ބައްލަވައި، ޕްރޮޓަކޯލް އޮފިސަރެއްގެ ރޯލު، ރައީސުލްޖުމްހޫރިއްޔާ އަދާ ކުރައްވައިފިއެވެ.
މިއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެރިއަކު އަދި ކުރައްވާފައި ނުވާ އާދަޔާ ޚިލާފު މަސައްކަތެކެވެ. އަދި ރާއްޖޭގައިވެސް އެއްވެސް ރައީސަކު އުޅުއްވި ގޮތެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތާއި މަގާމުން ބޭރުވެ، މުއިއްޒު ގެންދަވަނީ މިފަދަ ހަމަ ނުޖެހޭ ކަންކަން ކުރައްވަމުންނެވެ.
ރައްޔިތުންގެ ހައްސާސް މައްސަލަތަކަށް އެދެވޭ އެއްވެސް ހައްލެއް ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރައްވާ މަންޒަރު ރައްޔިތުންނަށް ފެނިވަޑައި ނުގަންނަވައެވެ. ވީޑިޔޯ ތަމްސީލް ކުޅުއްވައި، ޕްރޮޓަކޯލް ބެލެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާއަށް އެހާ ވަގުތު ލިބޭ ނަމަ، ރައްޔިތުންގެ ކަމެއް ކުރާނެ އިރެއް ނޯންނާނެއެވެ.
މިއިން ދޭހަވަނީ އެމަނިކުފާނު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި، ރައީސް އޮފީހުގެ ޕްރޮޓޮކޯލް އަށް އިތުބާރު ނުކުރައްވާ ކަމެވެ. އަދި ކޮންމެ ކަމެއް މައިކްރޯ މެނޭޖްކޮށް ކަންކަން ކޮންޓްރޯލް ކުރުމަށް އެދުންވެރިކަން ހުރި މިންވަރެވެ.
މީގެ އިތުރުން، މިއިން ދޭހަވަނީ، ރައްޔިތުން ހަވާލު ކުރި ވާޖިބާއި، މަސްއޫލިއްޔަތަށްވުރެ، އަދި ރައްޔިތުންގެ ކަންކަމަށް ވުރެ، އަމިއްލަ ފުޅު މަސްލަހަތު ހުރި ކަންކަމަށް ވަގުތާއި ސަމާލުކަން ދިނުން އެއީ މުއިއްޒަށް އިސްކަންދެއްވާ ކަމެއް ކަމެވެ.
މިކަމުގެ ސަބަބުން ނުބައި ނަމޫނާއެއް (ޕްރޮސީޑިންގ އެއް) އުފެދި، ގާއިމުކުރެވިފައިވާ ޕްރޮޓޮކޯލްތަކަށް މުއިއްޒުގެ އިހްތިރާމް ކުޑަކޮށް ކަންކަން ކުރުން އާދަކޮށް ސިފައިންނަށް މިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ.
ރައީސް އޮފީހުން މައުލޫމާތު ލިބުނު ގޮތުގައި، ފާއިތުވި 3 ދުވަހު ޑރ. މުއިއްޒު އުޅެއްވީ މާދަމާ ދޭން އޮތް ރިޔާސީ ބަޔާން ޕްރެކްޓިސް ކުރުމުގައެވެ. ގިނަ ވަގުތު ހޭދަ ކުރެއްވީ ރައީސް އޮފީހުގެ އެކަމުގައި އުޅުއްވާ ކޮމިއުނިކޭޝަން މިނިސްޓަރާއި އަދި ކުދިންނާއި އެކީއެވެ.