ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ޖަލްސާގައި ބައިވެރިނުވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިރޭ އެ ގޮތަށް ފާސްކުރިކަން އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ކަށަވަރުކޮށްދެއްވި އެވެ.
އެއިން އެއް މެންބަރަކު ވިދާޅުވި ގޮތުގައި ޕާޓީގެ އަގުލަބިއްޔަތު މެންބަރުންގެ ވިސްނުން ހުންނެވީ ސަރުކާރު މެންބަރުންނާއެކު އަދި ރައީސަށް ވެސް އޮމާން މާހައުލެއްގައި ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
"މެންބަރުން ގިނަ، އެއިން މެންބަރަކު ޝުއޫރު ފާޅުކުރާ ގޮތަކުން ވެސް ކަމެއް ވެދާނެ، އެހެންވެ ޕީޖީ ގްރޫޕުގެ ވިސްނުމަކަށްވީ ރައީސް މުއިއްޒު ހަމަޖެހިގެން އެ ކަން ކުރަން ފުރުސަތެއް ދޭން،" މެންބަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާން އެމްޑީޕީން ނިންމިއިރު، މުއިއްޒު މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޕާޓީން ކުރިން ބުނެފައިވެ އެވެ.
މި އަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރަށެވެ.