ޚަބަރު

ދެ މައްސަލައެއް އެޖަންޑާ ކޮށް، މާދަމާ އިތުރު މަޖިލިސް ޖަލްސާއެއް ބާއްވަނީ!

ދިޔަވަރު
ދެ މައްސަލައެއް އެޖަންޑާ ކޮށް، މާދަމާ އިތުރު މަޖިލިސް ޖަލްސާއެއް ބާއްވަނީ!

މާދަމާ ރައީސްގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގެ އިތުރުން އިތުރު ޖަލްސާއެެއް ބާއްވަން ނިންމައި، ރައްޔިތުންގެ މަޖިލިސް އިންތިހާބު ފަސްކުރުމާއި، ވަޒީރުންގެ މައްސަލަ އެޖެންޑާކޮށްފި އެވެ.

މާދަމާ 14:00ގައި އޮންނަ ދެވަނަ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާ މެމްބަރު އީވާ އަބްދުﷲ ހުށަހަޅާފައިވާ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 ވަޒީރުން ރައީސް އަލުން އައްޔަން ކުރެއްވި މައްސަލަ އާއި އެގޮތުން އިހަވަންދޫ ދާއިރާ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅާފައިވާ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މައްސަލަ އެވެ.

އެގޮތުން އިންތިހާބާއި ބެހޭ ގާނޫނަށް މެމްބަރު ޝިފާއު ހުށަހެޅުއްވި އިސްލާހަކީ ރޯދަމަހު އިންތިހާބު ބޭއްވުމުން ދަތިތަކާ ކުރިމަތިވާނެތީއާއި ބާތިލް ވޯޓް ގިނަވާނެތީ، ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

އަދި މެމްބަރު އީވާ ހުށަހެޅުއްވީ ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނެތް ކަމަށް ނިންމާފައިވާ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނާއިބު އަހްމަދު އުޝާމް އަލުން ރައީސް އައްޔަންކޮށްފައިވާތީ އެމައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. .

މާދަމާ އޮންނަ ރައީސް ރިޔާސީ ބަޔާން ދެއްވާ ޖަލްސާ ބޮއިކޮޓް ކުރުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ނިންމާފައެވެ.