ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުންނަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ރައީސް މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުން ބޭއްވި ޖަލްސާގައި ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމްއާއި، ހައުސިން މިނިސްޓަރ ޑރ. ހައިދަރުގެ އިތުރުން އޭޖީ އުޝާމްއަށެވެ.
މި ތިންވަޒީރުނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިނުމަށް ފާސްކުރުމާއެކު, ހަމަ އެދުވަހު ރައީސް މުއިއްޒުވަނީ 3 ވަޒީރުންވެސް އަލުން ވަޒީރުކަމަށް އައްޔަންކޮށް, ގާނޫނު އަސާސީއަސާއި, މުޅި ދުސްތޫރީ ނިޒާމަށް ގޮން ޖައްސަވާފައެވެ.
ދުނިޔޭގެ ރިޔާސީ ނިޒާމް އޮންނަ ހުރިހާ ގައުމެއްގައިވެސް ވަޒީރުންނަށް ވަޒީރު ކަމުގައި ދެމި ތިބެވެނީ ގާނޫނުހަދާ މަޖިލިހުގެ ރުހުން ހޯދައިގެންނެވެ.
އެގޮތުން ދުނިޔޭގެ އެންމެ ޚުދުމުޚްތާރު ވެރިކަންތައް އޮންނަ ގައުމުތަކުގައިވެސް, ރަމްޒީ ގޮތުންވެސް ނަމަވެސް ކެބިނެޓްގައި ވަޒީރުން ބައިތިއްބަނީ ގާނޫނުހަދާ މަޖިލިހުގެ ރުހުން ހޯދައިގެންކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުވަނީ, ރައްޔިތުންގެ މަޖިލިހުން 3 ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއެކު, ހަމަ އެދުވަހު އެވަޒީރުންނަށް ވަޒީރުކަމުގެ ފޮތްކޮޅު އަރުވާފައެވެ. އަދި އެ ވަޒީރުންވަނީ ހަމަ އެދުވަހު އޮފީހަށްވެސް ނިކުންނަވަން ފައްޓަވާފައެވެ.
ގިނަ ބަޔަކު ސިފަކުރަނީ މިއީ ގާނޫނު އަސާސީން އެކަށައަޅާފައި އޮތް ދުސްތޫރީ ނިޒާމުގެ ހުރުމަތްކަނޑާލާއި, ރާއްޖޭގައި ޚުދުމުޚްތާރު ވެރިކަމެއް ކުރުމުގެ ބޭނުމުގައި މުއިއްޒު ހިންގެވި ދަށު ދަރަޖައިގެން އަމަލެއްގެ ގޮތުގައެވެ.