ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މާދަމާ އިއްވެވުމަށް ހަމަޖެހިފައިވާއިރު, މާދަމާގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ރިޔާސީ ބަޔާން އަޑުއެއްސެވުމަށް ތިއްބަވާނީ, ރިޝްވަރުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުން އެކަނިކަން ޔަގީން ކުރެއްވިއްޖެއެވެ.
މިކަން ޔަގީން ކުރެވިގެން ދިޔައީ, އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންނާއި އަދި ޑިކޮމްރެޓްސްއިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ މެޖޯރިޓީއަށް ބަލާއިރު, ރިޝްވަރުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި އެމްޑީޕީގެ 13 މެމްބަރުން ޕީއެންސީއަށް ބަދަލުވި ނަމަވެސް, އެމްޑީޕީގެ 44 މެމްބަރުންނާއި އަދި ޑިމޮކްރެޓްސްގެ 13 މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލިހުގެ 57 މެމްބަރުންގެ ބޮޑު މެޖޯރިޓީއެއް އޮންނަނީ އިނދިކޮޅަށެވެ.
އެގޮތުން މާދަމާގެ ޖަލްސާ އެމްޑީޕީއާއި ޑިމޮކްރެޓްސްވެސް ބޮއިކޮޓް ކުރުމަށް ނިންމުމާއެކު, މާދަމާ ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވާއިރު, މަޖިލިހުގެ ތަޅުމުގައި ރިޔާސީ ބަޔާނުގެ އަޑުއައްސަވަން ތިއްބަވާނެ މެޖޯރިޓީ މެމްބަރުންނަށް ވެގެންދާނީ, ރިޝްވަތުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި 13 މެމްބަރުންނެވެ.
ރައީސް މުއިއްޒު, ރައްޔިތުންގެ މަޖިލިހުގެ 13 މެމްބަރަކު ގަނެފައިވަނީ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާގެ މަގުން, ޖުމްލަ 52 މިލިއަން ރުފިޔާގެ ރިޝްވަތުގެ ފައިސާއަށެވެ.
ރިޝްވަތުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުން އެކަނި ހާޒިރުވާ މަޖިލީހަކަށް މާދަމާ ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިވަންޖެހުމަކީ ދިވެހި ޑިމޮކްރަސީއަށްވެސް ހުތުރު މަންޒަރަކަށްވެގެން ދާނެ ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.