ޓެލެޕްރޮމްޓަރ މައްސަލަ ޖެހިދާނެތީ، މިއަދުގެ ރިޔާސީ ބަޔާން އިއްވީ ރިކޯޑް ކޮށްގެން ކަން ދިޔަވަރު ނޫހަށް ރައީސް އޮފީހުން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކޮށްފިއެވެ. މުއިއްޒު ވަނީ ރިކޯޑް ކޮށްގެން ޖެހި، ބަޔާނާއި އެއްވަރަށް އަޑުދަށުން ތުންތަޅުވާފައެވެ. މުއިއްޒު މަޖިލީހުގައި ވާހަކަ ދައްކާ ކަމަށް ދައްކައިގެން ދެއްކެވި ޕާރފޯމަންސް އިން އެމަނިކުފާނުގެ ރިޔާސީ ބަޔާން ޕްރެކްޓިސް ކޮށްފައިވާ މިންވަރު ފެނިގެން ދިޔައެވެ.
ރިޔާސީ ބަޔާނަކީ މުހިންމު އެއްޗަކަށް ވެފައި، ބަޔާން ދެމުން ދަނިކޮށް، ޓެލެޕްރޮމްޓަރ މައްސަލަ ޖެހިއްޖެ ހާލަތެއްގައި، ހުއްޓުން އަރައި މީހުންގެ މަލާމާތު އަނެއްކާވެސް ލިބިދާނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގެން، މަޖިލީހުގައި ބަޔާން ރިކޯޑް ކޮށްގެން ޖެއްސުވުމަކީ އެމަނިކުފާނު ނިންމެވި ރަނގަޅު ނިންމުމެއް ކަމުގައި ރައީސް އޮފީހުން ސްޕީޗް އެމަނިކުފާނަށް ލައިދެއްވި ފަރާތްތަކުން ވަނީ އެމަނިކުފާނަށް ދަންނަވާފައެވެ.
މީގެ ކުރިން ޓެލެޕްރޮމްޓަރ މައްސަލަ ޖެހުމުން، ވާހަކަ ނުދައްކާ ދާން ޖެހުނު ފަދަ ކަމެއް ވެއްޖިޔާ، އެވާހަކަ ބައިނަލްއަގުވާމީ މީޑިޔާއަށް އަރާނެ ކަމަށް ބުނެ، އެއީ އެއްގޮތަކަށް ވެސް ވެގެންވާނެ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
މިއަދު އިއްވަން އޮތް، ރިޔާސީ ބަޔާން ދިނުމުގެ ކުރިން، އެމަނިކުފާނު ވަނީ އަމިއްލަ ފުޅަށް މަޖިލީހަށް ވަޑައިގެން، ޕްރޮޓޮކޯލްގެ އެޑްވާންސް ޓީމުން މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާ ފަދައިން އަމިއްލަފުޅަށް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ދޫކޮށް، މަޖިލީހަށް ވަޑައިގެން ޕްރޮޓަކޯލް އޮފިސަރެއްހެން އުޅުއްވާފައެވެ. މަޖިލީހުގެ އިންތިޒާމު ތައް ހުރި ގޮތުން، މަޖިލީހަށް އިތުބާރު ކުރެވެން ނެތުމުން، ރިކޯޑިންގ އެއް އިއްވުމަށް ރައީސް ނިންމެވީ ކަމުގައި ދިޔަވަރަށް މައުލޫމާތް ދެއްވި ފަރާތުން ހާމަ ކުރެއެވެ.
3 ދުވަސް ވަންދެން ޕްރެކްޓިސް ޖެއްސުމަށް ފަހު، ބަޔާން ރިކޯޑް ކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށް ދިވަރު ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ ރިކޯޑު ކޮށްގެން މަޖިލީހުގައި ޖަހައިގެން ރިޔާސީ ބަޔާން އިއްވި ފުރަތަމަ ފަހަރެވެ.