ޚަބަރު

ރިޕޯޓު: ހުސް ގޮނޑި ދައްކައިގެން ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުއަށް ފުރަތަމަ ރިޔާސީ ބަޔާން އިއްވަން ޖެހުނީ ހުސް ގޮނޑިތަކާއި މުޚާޡަބްކޮށް! މިއަދަކީ އިބުރަތުން ފުރިގެންވާ ދުވަހެއް!

ދިޔަވަރު
ރިޕޯޓު: ހުސް ގޮނޑި ދައްކައިގެން ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުއަށް ފުރަތަމަ ރިޔާސީ ބަޔާން އިއްވަން ޖެހުނީ ހުސް ގޮނޑިތަކާއި މުޚާޡަބްކޮށް! މިއަދަކީ އިބުރަތުން ފުރިގެންވާ ދުވަހެއް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އިއްވި ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވައިފިއެވެ. އެހެންނަމަވެސް މިއަދުގެ ރިޔާސީ ބަޔާން ވެގެން ދިޔައީ ރައްޔިތުންގެ މަޖިލިހުގެ ތާރީޚުގައިވެސް "ހުސް ގޮނޑި"ތަކާއި މުޚާތަބްކޮށް ރާއްޖޭގެ ރައީސަކު ރިޔާސީ ބަޔާން އިއްވި ފުރަތަމަ ދުވަސް ކަމުގައެވެ.

ރައީސް މުއިއްޒު މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވިއިރު, މިއަދުގެ މަޖިލިސް ޖަލްސާގައި, ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ރިޔާސީ ބަޔާން އަޑުއެއްސެވުމަށް ތިއްބެވީ, ރިޝްވަރުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުން އެކަނިކަން ފާހަގަ ކޮށްލެވެއެވެ.

މިކަން ޔަގީން ކުރެވިގެން ދިޔައީ, އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންނާއި އަދި ޑިކޮމްރެޓްސްއިން މިއަދުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާ ބޮއިކޮޓް ކޮށްފައިވާތީއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ މެޖޯރިޓީއަށް ބަލާއިރު, ރިޝްވަރުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި އެމްޑީޕީގެ 13 މެމްބަރުން ޕީއެންސީއަށް ބަދަލުވި ނަމަވެސް, އެމްޑީޕީގެ 44 މެމްބަރުންނާއި އަދި ޑިމޮކްރެޓްސްގެ 13 މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލިހުގެ 57 މެމްބަރުންގެ ބޮޑު މެޖޯރިޓީއެއް އޮންނަނީ އިނދިކޮޅަށެވެ.

އެގޮތުން މިއަދުގެ ޖަލްސާ އެމްޑީޕީއާއި ޑިމޮކްރެޓްސްވެސް ބޮއިކޮޓް ކުރުމަށް ނިންމުމާއެކު, މިއަދު ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވިއިރު, މަޖިލިހުގެ ތަޅުމުގައި ރިޔާސީ ބަޔާނުގެ އަޑުއައްސަވަން ތިއްބެވި މެޖޯރިޓީ މެމްބަރުންނަށް ވެގެންދިޔައީ, ރިޝްވަތުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި 13 މެމްބަރުންނެވެ.

ރައީސް މުއިއްޒު, ރައްޔިތުންގެ މަޖިލިހުގެ 13 މެމްބަރަކު ގަނެފައިވަނީ ކޮންމެ މެމްބަރަކަށް 4 މިލިއަން ރުފިޔާގެ މަގުން, ޖުމްލަ 52 މިލިއަން ރުފިޔާގެ ރިޝްވަތުގެ ފައިސާއަށެވެ.

ރައީސް މުއިއްޒުއަކީ, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑިދައްކައިގެން, މަކަރާއި ހީލަތުން ވެރިކަަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރެއްވީ, ކެމްޕޭންގައި ބޭއްވި ހުރިހާ ޖަލްސާއެއްގައިވެސް, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑިއެއް އެންމެ ކުރީ ސަފުގައި, ޝަރަފްވެރި މެހުމާން އިންނަވާ ތަނުގައި ބައިންދަވައިގެންނެވެ. އަދި ރައީސް ޔާމިން މިނިވަންކުރުމުގެ ވައުދަކީ ރައްޔިތުންގެ ވޯޓު ހޯދުމަށް މުއިއްޒު ވެވަދައިގެންނެވި އެންމެ ބޮޑު އެއް ވައުދުވެސް މެއެވެ.

އެހެންނަނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއިއެކު ރައީސް މުއިއްޒުވަނީ މި ވައުދުތަކުގެ މަތިން ހަނދާން ނައްތަވާލައްވާ, އާފިލްވެވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒުއަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަން ޖެހިވަޑައިގަތީ, ހުސްކޮށް އޮތް މަޖިލީހަކާއި މުޚާޡަބްކޮށް, އަދި އެ މަޖިލިހުގެ ތަޅުމުގައި ހުރި ހުސް ގޮނޑިތަކާ މުޚާޡަބް ކޮށެވެ.

މިއަދުގެ ޖަލްސާގައި ރައީސް މުއިއްޒުގެ ރިޔާސީ ބަޔާން އަޑުއައްސަވަން ތިއްބެނީ ރިޝްވަތުގެ ހަރާމްފައިސާއަށް ނަފްސު ވިއްކާލި މަދު މެމްބަރުން ކޮޅެއް އެކަންޏެވެ.

ރިޝްވަތުގެ ހަރާމް ފައިސާއަށް ނަފްސު ވިއްކާލި މެމްބަރުން އެކަނި ހާޒިރުވާ މަޖިލީހަކަށް މިއަދު ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަކީ ދިވެހި ޑިމޮކްރަސީއަށްވެސް ހުތުރު މަންޒަރަކަށްވެގެން ހިގައްޖެ ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މިއަދަކީ ހަގީގަތުގައިވެސް އިބުރަރުން ފުރިގެންވާ ދުވަހެކެވެ.