ޚަބަރު

މަހާތީރުގެ ސިޓީފުޅެއް މުއިއްޒަށް! އާދޭސް ދަންނަވައި އެދި ވަޑައިގަތީ އިޒްރޭލް އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް! މުއިއްޒު ދަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ސީދާ ދެކޮޅު ހަދަމުން! މެލޭޝިޔާއިން ވަނީ އިޒްރޭލް ޕާސްޕޯޓް ބޭން ކޮށްފައި!

ދިޔަވަރު
މަހާތީރުގެ ސިޓީފުޅެއް މުއިއްޒަށް! އާދޭސް ދަންނަވައި އެދި ވަޑައިގަތީ އިޒްރޭލް އާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް! މުއިއްޒު ދަނީ އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ސީދާ ދެކޮޅު ހަދަމުން! މެލޭޝިޔާއިން ވަނީ އިޒްރޭލް ޕާސްޕޯޓް ބޭން ކޮށްފައި!

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ ދިޔަވަރު ނޫހަށް ލިބިއްޖެއެވެ. މި ސިޓީގައި މަހާތީރު އެދިވަޑައިގެންފައި ވަނީ އިޒްރޭލާއި ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށެވެ. ރާއްޖެއިން އިޒްރޭލާއި ދެކޮޅަށް އެޅެން އޮތް ފިޔަވަޅަކީ ޕާސްޕޯޓް މަނާ ކުރުމެވެ. އަދި އިޒްރޭލު ކުންފުނިތަކަށް ދީފައިވާ ޕްރޮޖެކްޓްތައް ހުއްޓުވުމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް މުއިއްޒު ކުރަން ބޭނުންފުޅު ނުވަނީ، އެމެރިކާއިން ބޭނުންވާ ގޮތަށް ކަންކަން ކުރަން މުއިއްޒަށް ޖެހިވަޑައިގެންފައި ވުމުންނެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ދައުވާ ކުރުމުގެ އިތުރުން އެކޯޓަށް ހޯދިފައިވާ ހޯދުންތައް ތަންފީޒު ކުރަން ޖެހެއެވެ. ދުނިޔެއަށް އެކަން ކުރެވޭނީ އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައި، އަދި އިޒްރޭލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެންނެވެ.

ކޮންމެ ސަބަބަކާއި ހުރެ ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ނަމަވެސް، ގަތުލުއާންމެއް ހިންގުމަކީ އިންސާފެއް ނޫނެވެ.
މެލޭޝިއާއަކީ އިސްރާއީލާ ސިޔާސީ ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ.

އެހެންކަމުން، އަޅުގަނޑު އުންމީދު ކުރަނީ، ރާއްޖެއިންވެސް، އަޅުގަނޑު ލަފާދެއްވި ފިޔަވަޅުތައް އިޒްރޭލާއި ދެކޮޅަށް އަޅުވައި، ފަލަސްތީނުގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ޑރ މަހާތީރު ފޮނުވި ސިޓީގައި ވެއެވެ.
މަހާތީރު މުއިއްޒަށް ފޮނުވި ސިޓީފުޅު.

އިޒްރޭލުގެ ގަތުލުއާންމު ވަރުގަދަ ކުރުމާއެކު ދިވެހިން ވެސް އެންމެ ބޮޑަށް ކުރަމުންދިޔަ ޑިމާންޑަކީ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމެވެ. ރައްޔިތުންގެ މަޖިލީހަށް މި މައްސަލާގައި ގަރާރެއް، ކުއްލި މައްސަލައެއް، އަދި ބިލެއް ވެސް ހުށަހެޅުނެވެ.

އެ ޕްރެޝަރުތަކާއެކު މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ވަނީ ނޮވެމްބަރު 16، 2023 ގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ.

އެއާއެކު މިދިޔަ ޖެނުއަރީ މަހު ފަސް ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، “ސީރިއަސް ކަމެއްގެ ގޮތުގައި” އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަމާއި މެދު އެއްވެސް މަސައްކަތެއް ނުކުރުމަށް ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރާ ކުރިމަތިވާ ސުވާލުތަކަށް މިހާތަނަށް ސާފު ޖަވާބެއް ދީފައި ނުވަނީ އެމެރިކާއިން އިންޒާރުދިން ވާހަކަ ބުނަން ސަރުކާރުން ޖެހިލުން ވާތީއެވެ. ވަކި ގައުމެއްގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަކީ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރެކެވެ. ނަމަވެސް ރައްޔިތުންނަށް އެކަން އޮޅުވާލުމަށް ރައީސް އޮފީހުން ދިން ޕްރެސް އެއްގައި އެއީ ރައީސް އަށް ކުރެވެން އޮންނަ ކަމެއް ނޫންކަމަށް ވަނީ ބުނެ ދޮގު ހަދާފައެވެ.

މި ސަރުކާރު އައީ، އިސްލާމް ދީނުގެ ޝިއާރު ފާޅުކަން ބޮޑުކޮށް އުފުލާނެ ބައެއް ގޮތުގައި ރައްޔިތުންނަށް ދައްކައިގެން އޮޅުވާލައިގެންނެނެވެ. މިދިޔަ މަހު އިޒްރޭލުން ރާއްޖެ އައީ އެންމެ 34 ފަތުރުވެރިންނެވެ. މިހާ މަދު ބަޔަކު އަންނަ ޤައުމެއްގެ ރައްޔިތުން ރާއްޖެ ނުވެއްދުމަށް ފިޔަވަޅު އަޅަން ނުކެރި އެމެރިކާ އާއި އިޒްރޭލުގެ އަޅަކަށް ވެގެން މުއިއްޒު ހުރެދާނެ ކަމަކަކަށް ހަމަ އެކަކުވެސް ހީނުކުރައެވެ.