މިއީ ދިވެހިރާއްޖޭގެ ފަސްޓްލޭޑީ ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ދުނިޔޭގައި ތަމްސީލު ކުރަން ވަޑައިގަންނަވާ އިރުގައި އާއި، އަދި ދައުލަތުގެ ރަސްމީ، ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައި ގަންނަވާ އިރު، އަތް ދަބަސް ގެންގުޅެން އެންމެ އެދެވިގެންވާ ގޮތުގެ ގައިޑްލައިން އެކެވެ.
ދިޔަވަރު ނޫހުން މި ގައިޑްލައިން ތައްޔާރު ކުރަން ޖެހިފައިވަނީ، މަޖިލީހުގެ އާ ދައުރުގެ ރަސްމީ ޖަލްސާއަށް އެކަމަނާ ވަޑައިގެންނެވި އިރު، 4 އަހަރުގެ ކުއްޖެއްގެ އަތަށް، އަތް ދަބަހެއް ދިނުމުން، އުޅޭހެން، އަތް ދަބަސް ދެކޮޅަށް ހެއްލަމުން، ދަބަހުގައި ހިފަން ނޭނގި، އުޅުއްވި ހުތުރު މަންޒަރު، ރާއްޖޭގެ އެތައް ބަޔަކަށް ފެނި، ލަދުވެތި ކަމަކަށް އެކަން ވުމުން، އަތް ދަބަސް ގެންގުޅެއްވީ ގޮތުގެ ތަފްސީލު ގައިޑްލައިނެއް ދިވެހި ބަހުން އެކަމަނާއަށް ތައްޔަރު ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބެއް ކަމުގައި ފެނި، އެ ޚިދުމަތް އެކަމަނާއަށް ފޯރުކޮށްދިނުމުގެ އިހްލާސްތެރި ނިޔަތުގައެވެ.
އަތް ދަބަސް ހިއްޕަވައިގެން ރަސްމީ މުނާސަބަތު ތަކަށް ވަޑައި ގަންނަވާ އިރު ތިރީގައި މިބަޔާން ކުރާ ކަންކަމަށް ސަމާލުކަން ދެއްވާށެވެ.
- ދެ ކޮނޑު ފަހަތަށް ޖައްސާލައިގެން ދިގުކޮށް ކޮޅަށް ހުންނަވައިގެން ހިންގަވާށެވެ. ގުދުވުމާއި، އަރިއަކަށް ހުރުމާއި، ބޭކާރު ވަރުބަލި ހަރަކާތްތަކުން ދުރުހެލިވާށެވެ. މިއީ ނަފްސަށް އޮތް އިތުބާރާއި، ހައިބަތު ހިންގަވާއިރުގައި އާއި ކޮޅަށް ހުންނަ އިރު ދެއްކުމަށްޓަކައެވެ.
- އަތްދަބަސް ހުންނަންޖެހޭނީ, ހެދުމަށް އެއިން ތައުރީފް ލިބޭ ގޮތަށް ގުޅޭ ހެންނެވެ. ހެދުމުގެ ކުލައާއި، ދަބަހުގެ ކުލައާއި، ތަފާތުވެ، ޑިޒައިންގަނޑު މާ ބޮޑުވެއްޖެ ނަމަ، އަޅައި ގަންނާނެއެވެ.
- އެންމެ ރަސްމީ ހަފްލާތަކަށް، ކުޑަ ކްލަޗެއް ނޫނީ ނުގެންދަވާށެވެ. މި އަދުގެ ހަފްލާއަށް ކަމަނާ ގެންދެވީ އަތްދަބަހެކެވެ. އެއީ މިކަން އޮންނަ ގޮތެއް ނޫނެވެ. ކްލަޗަކާއި ވައްތަރު، ކުޑަ އަތް ދަބަހެއް، އެހާ ރަސްމީ ނޫން މުނާސަބަތުތަކަށް ބޭނުން ކުރެވިދާނެއެވެ. ރަސްމީ ނޫން ކަންކަމަށް ވަޑައިގަންނަވައިރު ތިގެންދަވާ ދަބަސްތައް ގެންދަވާށެވެ. ކަމަނާގެ އަރިހުގައި، އަތްގާތް ކުރާ ކުދިން ވަރު ވަރުން ތިބޭ އިރު، އެކުދިން އަތަށް ވަކިން ބޮޑު ދަބަހެއް ދެއްވާފައި ކަމަނާ ނިކަން މާތް ކޮށް އިންނަވާށެވެ. އޭރުން ކަމެއް ދަމެއް ބޮޑުވެ، ބޭނުމެއް ޖެހޭ ހާލަތެއްގައި، އެއިން ބޭނުން ފުޅުވާ އެއްޗެއް ނަންގަވާނީއެވެ.
- ރަސްމީ މުނާސަބަތު ތަކުގައި ކްލެޗް ގައި އެއް އަތުން ހިފަހައްޓައިގެން ހުންނަވާށެވެ. ފޮޓޯގައި އެ ފެންނަނީ މިއަދު ކަމަނާ ކްލެޗް ހިފަހައްޓައިގެން ހުންނަންވީ ގޮތެވެ. ނަމަވެސް ކަމަނާ މިއަދު ގެންދެވީ ކްލަޗެއްވެސް ނޫނެވެ.


- ކްލެޗް ކަހަލަ، ކްލެޗަށް ވުރެ، ތަންކޮޅެއް ބޮޑު ދަބަހުގައި، ހިފަހައްޓާނީ އެ ދަބަހުގެ، އަތްގަނޑުގައެވެ. އޭގެ ޗެއިންގައެއް ނޫނެވެ. މިއަދު ކަމަނާ ހުންނެވީ ދަބަހުގެ ޗެއިންގައި ހިއްޕަވައިގެން އެ ދެކޮޅަށް ހެއްލާލަ ހެއްލާލައެވެ. އެއީ ވަރަށް ހަޑި ގޮތެކެވެ. ފޮޓޯގައި މިވާ ދަބަހުގައި ވެސް ޗެއިންނެއް އޮންނާނެއެވެ. ނަމަވެސް އެ ޗެއިން މޭގަން މާކަލް ހިފަހައްޓައިގެން ނެތީ އެއީ ހުތުރު ކަމަކަށް ވާތީއެވެ.


- މީގެ އިތުރުން ދަބަސް ގެންގުޅެ އިރު، ކޮޅު ކޮޅަށް ދަބަސް ނުހެއްލާށެވެ. ތަކުރާރުކޮށް މިވާހަކަ މިދަންނަވަނީ ކަމަނާ އުޅުއްވި ގޮތުން، ހަމަ ލަދުންނެވެ. އަދި އަތްމުނިމުނި ކަވައިގެން ދަހަބާއި ނުކުޅޭށެވެ. އެއިން ދައްކުވައި ދޭނީ ހާސް ވެގެން އުޅޭ ކަމެވެ.
- މޫނާއި، ހަށިގަނޑު ފޮރުވަން އުޅޭހެން ދަބަސް ނުގެން ގުޅޭށެވެ. އެފަދައިން ހަށިގަނޑުގެ ބަސްމަގު ގެންގުޅުމަކީ، އެއިން ރައްޔިތުންނަށް ތިމަންނާގެ ބީރައްޓެހިކަމާއި، ދެކޮޅުވެރިކަން ދައްކުވައިދޭނެ ކަމެކެވެ.
- ކުރިއާލައި ދަބަސް ނަގައި، ދަބަސް ކުޑަކޮށް ގެންގުޅޭށެވެ. ދަބަހާއި ތިމާއާއި ގުޅޭ މިންވަރު ވަޒަން ކޮށްލާށެވެ. ލޯގަނޑު ކުރިމަތީ ހުންނަވައިގެން ހިންގަވައި، ކުޑަކޮށް ޕްރަކްޓިސް ކުރައްވާށެވެ.
- އެންމެ ފަހު ނުކުތާއެއް ގޮތުގައި، ހިންގަވާފައި ވަޑައި ގަންނަވާއިރު، ސާބިތުކޮށް ހުންނަވާށެވެ. ރައީސްގެ ކޮނޑުފޫޅުގައި ޖެހިވަޑައި ނުގަންނަވާށެވެ. ހެޔޮ ވަރެއްގެ ދުރު މިނެއް ބަހައްޓަވާށެވެ. ކަމަނާގެ ފިރިކަލުން ކައިރީގައި ހުންނާނެއެވެ. ތާއީދު އެހާ ދަށްވެފައި ހުރުމުން، އިތުރު އަންހެނަކު މުއިއްޒު ބޭނުން ފުޅުވެގެން އުޅޭހެނެއް ހިޔެއް ނުވެއެވެ.
ކަމަނާގެ އަމިއްލަފުޅު ޝަހުސުގައި ހަމަޖެހިލައިގެން ހުންނަވައިގެންވެސް، މިދެންނެވި ކަންކަމަށް ސަމާލުކަން ދެއްވަނިކޮށް މިކަން ރަނގަޅު ވެދާނެއެވެ. މިހާރު ތިޔައީ ގައުމުގެ ފަސްޓް ލޭޑީއެވެ. މުއިއްޒު އަށް ދޭދޭ ޤައުމުތަކާއި އޮންނަންޖެހޭ ގުޅުންތައް އޮޅިގެން، ޑިޕްލޮމެޓިކް ހަމަތަކުން ނެއްޓި ސޯބެއްހެން އެނބުރޭހެން، ކަމަނާ ވެސް، ދަބަސް ހޫރަމުން، ސިޑި ހޮޅި މަތީ އަތް ހާކަމުން، "އިސްޖެހި ލަދުގަނެފާ" ރައްޔިތުން ތިބެން ޖެހޭ ގޮތަށް ނޫޅުއްވާށެވެ. މިކަންކަން ރަނގަޅު ކޮށްލައްވާށެވެ. ނޫނީ އިސްތިއުފާ ދެއްވުންވެސް ހަމަ އެންމެ ރަނގަޅެވެ.