ޚަބަރު

އަތް ދަބަސް ދެފަރާތަށް ހޫރުވަމުން, މުއިއްޒު ގައިގަ ކޮނޑުން ތަޅަމުން ރަތްދޫލަމަތީގައި ހިންގަވާފައި ވަޑައިގެންނެވިއިރު, ސާޖިދާ މިއަދުގެ ރަސްމިއްޔާތު ހެއްދެވީ ބޮޑު ޖޯކަކަށް!

ދިޔަވަރު
އަތް ދަބަސް ދެފަރާތަށް ހޫރުވަމުން, މުއިއްޒު ގައިގަ ކޮނޑުން ތަޅަމުން ރަތްދޫލަމަތީގައި ހިންގަވާފައި ވަޑައިގެންނެވިއިރު, ސާޖިދާ މިއަދުގެ ރަސްމިއްޔާތު ހެއްދެވީ ބޮޑު ޖޯކަކަށް!

ރައްޔިތުންގެ މަޖިލިހަށް ރައީސުލްޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ރަސްމިއްޔާތަކީ ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ އިއްޒަތްތެރި ރަސްމިއްޔާތެވެ. އެއީ ދައުލަތުގެ ތިންބާރުގެ އެންމެ އިސް ވެރީން އެއްތަންވާ މަދު ރަސްމިއްޔާތުތަކުގެ ތެރޭގައި ހިމެނޭ އެއް ރަސްމިއްޔާތުވެސް މެއެވެ.

ރައްޔިތުންގެ މަޖިލިސް ކޮންމެ އަހަރަކުވެސް ހުޅުވާ މިރަސްމިއްޔާތަށް ދައުލަތުގެ އުއްތަމަ ފަނޑިޔާރުވެސް ވަޑައިގަންނަވައެވެ. ރާއްޖޭގައި ތިއްބަވާ ސަފީރުންނާއި އިސް ޑިޕްލޮމޭޓުންވެސް އާންމުކޮށް މި ޖަލްސާއަށް ވަޑައިގަންނަވައެވެ.

ނަތީޖާއެއްގެ ގޮތުން މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވަނީ ރަތް ދޫލައިގައެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މި ޖަލްސާގައި ރައީސް ގައުމުގެ ހާލަތު ބަޔާންކޮށް, ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާންވެސް އިއްވައެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް, ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް އޭރަކު ހުންނަވާ ރައީސަކު ވަޑައިގަންނަވަނީ, ފަސްޓްލޭޑީއާވެސް އެކީގައެވެ. އެއީ މި މުހިންމު ރަސްމިއްޔާތުގެ އާދައަކަށް ވަނީ ވެގެން ގޮސްފައެވެ. ފާއިތުވެދިޔަ ހުރިހާ ދައުރެއްގައިވެސް ގައުމުގެ ރައީސުން ރިޔާސީ ބަޔާން އިއްވަވާފައިވަނީ ފަސްޓް ލޭޑީވެސް ހާޒިރުވެވަޑައިގެން އިންނަވާ ޖަލްސާއެއްގައެވެ.

އެހެންނަމަވެސް އެހެން އަހަރުތަކާއި ޚިލާފަށް, މިއަދު ރައީސް މުއިއްޒު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ރަސްމިއްޔާތު ވެގެން ގޮސްފައިވަނީ އެތައް ބަޔަކު ފާޑުކިއުމުގެ ނަޒަރަކުން ދެކެން ފަށާފައިވާ ރަސްމިއްޔާތަކަށެވެ.

އެންމެ ސަބަބަކާ ހެދިއެވެ. ރައީސް މުއިއްޒުގެ އަނބިކަނބަލުން, އަދި ފަސްޓް ލޭޑީގެ ފަރާތްޕުޅުން މި ރަސްމިއްޔާތުގައި ފެނިގެންދިޔަ, ހާލަތާއި ނުގުޅޭ, ރަސްމީ މިފަދަ ރަސްމިއްޔާތަކާއި ގުޅުމެއް ނެތް އައިބު ހަރަކާތްތަކާއި, އަމަލުތަކުގެ ސަބަބުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ފާހަގަވެގެންދިޔަ ކަމަކީ, ސާޖިދާ ރަން ދޫލަމަތިން ދެއަތަށް ކިރެމުން ހިނގަވަމުން ގެންދެވިއިރު, ރައީސް މުއިއްޒުގެ ގައުކޮޅުގައި ކޮނޑުން ތަޅަމުންދިޔަ މަންޒަރެވެ. އެއްފަހަރު ކޮނޑުން މުއިއްޒުގެ ގައިގައި ޖެހިއްޖެނަމަ, އަނެއްފަހަރު ދެބޭފުޅުން މެދުގައި ދެ ފޫޓެއްހާ ދުރުމިން ހުރެއެވެ. އެއްވެސް ރަސްމީ ސިފައެއް, އުސޫލެއް ހަމައެއް ލަމައެއް ނެތެވެ. އަދަބެއް އަޚްލާގެއް ފެންނާކަށް ނެތެވެ.

ދެވަނަކަމަކަށް ފެނިގެން ދިޔައީ މެޑަމް ސާޖިދާގެ އަތް ދަބަހެވެ. އެއްފަހަރު މުލައްދަނޑިގައި ދަބަސް އެލުވާލަފާނެއެވެ. އަނެއްފަހަރު އަތުން އެލުވައިގެން ދަބަސް ފައިގައި ދަޅަމުން ހިނގާފަ އަންނަ މަންޒަރު ފެނިދާނެއެވެ. ގިނަ ފަހަރު ސިފަވެގެން ދިޔައީ, ބާޒާރު ކޮތަޅެއް އަތުން އެލުވައިގެން ޝޮޕިން ކޮށްލައިގެން ގެއަށް އަންނަ މަންޒަރެވެ.

ހަގީގަތުގައިވެސް, މިއީ ގައުމެއްގެ ފަސްޓު ލޭޑީންގެ ކިބައިން ފެނިގެން ނުވާނެ މަންޒަރުތަކެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާ ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ, އަމުދުން ފަސްލޭޑީ ތަބާވާންޖެހޭ ޚާއްސަ ޕްރޮޓޮކޯލްތަކެއް ހުރެއެވެ. ތަބާވާންޖެހޭ އުސޫލުތަކެއް ހުރެއެވެ. ދައްކަވަންޖެހޭ މިސާލުތައްވެސް އެހާމެ ގިނަވާނެކަމަށް ގަބޫކުރާންޖެހެއެވެ.

އެއީ އެ ހުރިހާ މަންޒަރަކުންވެސް ގައުުމު ތަމްސީލުކޮށްދޭތީއެވެ. ހުރިހާ ކެމެރާތަކެއް އަމާޒުވެފައި ހުންނާނީ ވަލިއްޔުލްއަމްރުއައި މަހާރެހެންދިއަށްކަމަށް ވާތީއެވެ. އަންނަން އޮތް ޖީލުތަކަށް އެމަންޒަރުތައް ރައްކާކުރެވިގެންދާނެތީވެސް މެއެވެ. އެ ދެބޭފުޅުންނަކީ އަބަދުވެސް ގައުމުގެ މޫނުމައްޗެއްވެ. ފަޚުރާއި ޝަރަފެވެ.

އެހެންކަމުން ގައުމުގެ ވަލިއްޔުލްއަމުރުގެ ކިބައިންނާއި, މަހާރެހެންދިގެ ކިބައިން ރިވެތި މިސާލެއް މެނުވީ ފެނިގެން ނުވާނެއެވެ. އެހެންނަމަވެސް ހިތާމައަކީ މިއަދު ފެންނަމުން މިދާ މަންޒަރުތަކުން އެމިސާލުތައް ފެންނަމުން ނުދާކަމެވެ. ދައަލަތުގެ އެންމެ އިސްވެރިޔާ އަނބިކަނބަލުންނާއެކީ ބައިވެރިވެޑައިގަންނަވާ ކޮންމެ ޖަލްސާއަކުން އެފަޚުރާއި ޝަރަފް ގައުމަށް ލިބިގެން ނުދާކަމެވެ. މިއީ ގައުމީ ނިސްބަތަކުން ވިސްނާ މިއަދު ހައްލު ހޯދާންޖެހިފައިވާ ގައުމީ މައްސަލައަކަށް މިވަނީ ވެގެން ގޮސްފައެވެ.