ރިޕޯޓު

ޔާމީންގެ 15 މިނެޓްގެ ތަގުރީރެއް: ޝުކުރާ ޝަކުވާ އަދި އިލްތިމާސް

ދިޔަވަރު
ޔާމީންގެ 15 މިނެޓްގެ ތަގުރީރެއް: ޝުކުރާ ޝަކުވާ އަދި އިލްތިމާސް
ގޭ ބަންދުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ހާއްސަ ފަރިވަޅެއް ރޭ އަރުވާފަ އެވެ. ފަރިވަޅާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހީގައި ހުންނަވާ 15 މިނެޓްގެ ވަަރުގަދަ ތަގުރީރެއް ވަނީ ދެއްވާފަ އެވެ. މިއީ ޖަލު ބަންދަށް ވަޑައިގެންނެވި ފަހުން މިވީ މުއްދަތުގެ ތެރޭގައި ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ އެމަނިކުފާނު މިފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. ދޫވެހީގެ ކުޑަދޮރު ކައިރީ ހުންނަވާ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ސަރުކާރާއި އިންޑިއާ ސަރުކާރުން ހީކޮށްގެން ތިބީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަަމަވެސް މާތްﷲ ގެ ތަދުބީރުގެ ރޭއްވެވުންތެރިކަން މާ މޮޅުކަން މި ސަރުކާރާއި ސަރުކާރު ގައި ތިބި އިލްމުވެރީންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި ގަސްތުގައި އެމަނިކުފާގެ އިސްތިއުނާފު ލަސް ކުރީ އެވެ. އަދި ރާވައިގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަތީ އެވެ. މީގެ ކުރީން ފާރިސް މައުމޫނާއި މައުމޫން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމަށް ވެސް ކަފާލާތު ލިބިވަޑައިގެން ކަމަށާ ނަމަވެސް ރައީސް ޔާމީނާއި ޖެހުމުން އެ ހައްގު ވެސް ލިބިވަޑައިނުގެން ކަމަށް ވިދާޅުވި އެވެ. އަދި އިސްތިއުނާ ނުނިމޭތީ އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ކުރީން ދިނުމަށް ފަހު އެ އުސޫލު ވެސް އެމަނިކުފާނާއި ޖެހުމުން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ މި ފަހަރުގެ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނާއި ދެކޮޅަށް ނިންމި ނިންމުމަކީ އެ ކޯޓުން ގާއިމުކުރި ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް ވިދާޅުވެފައެވެ. "މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޓެންޑެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކުން ދަށުކޯޓުން އެެމީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް، ވެރިހަމަ އެމީހަކު ކުށެއް ކުރިޔަސް ނުކުރިޔަސް. ހަމަ ދަށު ކޯޓުން ހުކުމެއް އަންނަންވީ އޭނާއަށް އިސްތިއުނާފުގެ މުއްދަތު ހަނިވާ ގޮތަށް،" ކޯޓްގެ އެ ނިންމުމާއެކު އިންތިހާބަށް ތިން ހަތަރު މަހަށް ވުމުން ވާދަވެރިޔާގެ މައްޗަށް ހުކުމެއް ކޮށް އިންތިހާބުން ފުރުސަތު ގެއްލުވާލުމުގެ ދޮރު އޮތީ ހުޅުވައިދީފައި ކަމަށް ޔާމީން ވިދާޅުވި އެވެ. "އެކަަމަކު މިފަހަރުވެސް ﷲ ގެ ރަހްމަތުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު ނުކުންނާނީ އިސްތިއުނާފު މަރުހަލާ ނިމިގެން މައުސޫމް މީހެއްގެ ގޮތުގައި،" ހައިކޯޓް މަރުހަލާއިން ސަލާމަތް ވެވަޑައިގަންނަވާނެ ކަމަށް ވަރަށް އިތުބާރާއެކު ވިދާޅުވި އެވެ. ޔާމީން ރޭ ވިދާޅުވި ގޮތުގައި ބަޔަކަށް ހީވިޔަސް އެމަނިކުފާނަކީ ރައީސް ކަމުގެ ލައްޒަތު ހޯދަން ވެރިކަމަށް އަންނަން ބޭނުންވާ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ދެ އަހަރާއި ބައިވަންދެން ނެންގެވީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ވިދާޅުވި އެވެ. "މީގަ ދެން އެންމެ ދެރަވަނީ މި ހުރިހާ މީހުންނަށް ހީވަނީ އަޅުގަނޑު މީ ވަރަށް ބޮޑަށް ރައީސްކަން ކުރަން ބޭނުންވާ މީހެކޭ. ރައީސް ކަމަކީ ރައީސްކަމުގެ ލައްޒަތާއި އިއްޒަތް ބޭނުން ވެގެން އަރަން ޖެހޭ ގޮޑިއެއް ނޫން. ރައީސް ކަން ބޭނުން ވަނީ އުޅޭނެ ގަނޑުވަރެއް ނެތިގެނެއް ނޫން. ރައީސްކަން ބޭނުން ވަނީ މުސާރައަށް ލިބޭ އެއްލައްކަ ރުފިޔާގެ ބޭނުމަކު ނޫން،" ރައީސް ވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ވޯޓް ހޯދަން އެމަނިކުފާނުގެ ޕާޓީ ބޭފުޅުން ވަޑައިގަތަސް ގަައުމީ މަސައްކަތުގައި އެންމެ ބޮޑަށް އުޅެއްވި ލީޑަރު ހައްޔަރު ކުރުމުން އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތުގައި ސަޕޯޓަރުންނާއެކު ބައިވެރިނުވީ ކީއްވެގެންތޯއާ އެ ދުވަހު ޔާމީން ފިނި ކޮޓަރިތަކުގައި ތިއްބެވީ ކީއްވެގެންތޯ ސުވާލު ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އާންމު މެންބަރުން ދައްކާ ހިތްވަރު އިސް ބޭފުޅުން ވެސް ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ. "[ސުވާލު ކުރައްވާ] މިކަމުގައި [ރައީސް ޔާމީން މިނިވަން ކުރުމަށް] ކީއްވެގެން ހޭ އެ މީހުންނަށް ބައިވެރިނުވެވެނީ،" ނަމަވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ތާއީދާއެކު އުފެދުނު ޑރ. މުއިއްޒުގެ ސަަރުކާރަށް ތާއީދު ކުރުމުގައި ދެމި ތިބުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރަށް ފާޑު ވިދާޅުވެ އެމަނިކުފާނު ވަނީ މައްސަލަތައް ބަލާލުމުން އެންމެ ބޮޑެތި ވައްކަމާ ފަސާދަ ހިންގާފައިވަނީ ކޮން ބައެއްކަން ސާފުވާނެ ކަމަށް ވިދާޅު އެ މައްސަލަތައް ބަލަން އެދިވަޑައިގެންފައެވެ. "އަޅުގަނޑުމެންގެ ސަރުކާރަށް ކެރެންވީ މައްސަލަތައް ބަލަން. މައްސަަލަތައް ބަލައިފިއްޔާ ކަންކަން ފެންނާނެ،" ޔާމީން ވަނީ މިދިޔަ ދިގު މުއްދަތުގައި އެމަނިކުފާނު މިނިވަން ކުރުމަށް ސަޕޯޓަރުން ކުރި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ. "ބުނަަން އޮތީ ޝުކުރިއްޔާ އޭ،" އެއްވެފައިވާ ސަޕޯޓަރުންނަށް ވަރަށް ލޯތްބާއެކު ރައީސް ޔާމީން ވިދާޅުވި އެވެ.