ކެންސަރަށް ފަރުވާ ހޯއްދެވުމަށް ފަހު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މި ހަފްތާގައި އޮފީހަށް ނުކުންނަވަން ފައްޓަވާފައި ވަނީ، އަވަށްޓެރި އިންޑިޔާއިން ވަޑައިގެން ފަރުވާ ހޯއްދެވުމަށް ފަހުގައި ކަން ހާމަ ވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ނޫސްތަކުގައި އެކަމަނާ ކެންސަރުގެ އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު، ފަރުވާ ހޯއްދަވައިގެން ވަޑައިގެންނެވި ވާހަކަ ހިމަނާފައި އޮތް އިރު، ފަރުވާ ހޯދު ޤައުމު ހާމަ ކޮށްފައި ނުވަނީ، ފަރުވާ ހޯދީ އިންޑިޔާއިން ކަމަށް ވެފައި، އިންޑިޔާއަށް ހެޔޮ ކަމެއް ރައްދުވާހެން ބަހެއް ބުނުން މިނިސްޓަރުންނަށް މަނާ ކޮށްފައި އޮތުމުންނެވެ.
މިނިސްޓަރުންގެ ފެންވަރުގައި، މުއިއްޒު ޓްވިޓާރ ގައި ގެންގުޅޭ ބޮޓުން އިންޑިޔާއިން ލިބޭ ބޭސް ފަރުވާ ސިފަ ކުރަމުންދަނީ ދަށު ފަންތީގެ ބޭސް ފަރުވާއެއް ގޮތުގައެވެ. މިހާ ދަށުފަންތީގެ ބޭސް ފަރުވާ ހޯދުމަށް މުއިއްޒުގެ މިނިސްޓަރުން އިންޑިޔާއަށް މި ވަޑައިގަންނަވަނީ ކޮންކަމަކާތޯއެވެ؟ ޤައުމުތަކާއި ދިމާލަށް ހުތުރު އެކި ބަސްބަހުން އެއްޗެހި ކިޔުމަށް ފަހު، އެގައުމުތަކަށް ފަރުވާ އަށް ދިޔުމަކީ ވަށަފަރު މީހުން އުނބަންޖެހުން ފަދަ ކަމެކެވެ. އިންޑިޔާއާއި މެދު ނަފްރަތު އުފެއްދި، ޕީޕީއެމްގެ އާންމު މެމްބަރުންނާއި، ސިޔާސީ މަގާމު ތަކުގައި ތިބި އެފަދަ ފަރާތްތައް ބޭސް ފަރުވާއަށް ތިބޭފުޅުން "ކުއްފާރަ ވެރި ޤައުމުތަކައް ކަމަށް ބުނާ" ހުޅަނގުގެ ޤައުމުތަކަށް ވަޑައިގަންނަވާށެވެ. އިންޑިޔާއަށް ވަޑައި ނުގަންނަވާށެވެ.
މުއިއްޒު ބައްލަވަމުން ގެންދަވަނީ، ތައިލެންޑުންނާއި، ޔޫއޭއީ އިން ދިވެހިންނަށް އާސަންދަ ދިނުމަށެވެ. އަދި އިންޑިޔާއިން ދޭ އާސަންދަ ކަނޑާ ލުމަށެވެ. ނަމަވެސް، ތައިލެންޑުންނާއި، ޔޫއޭއީ އިން ދުވަހަކުވެސް ފަރުވާ ހޯދާފައި ނުވާ، މުއިއްޒުއަކަށް އެތަންތާގެ ސިއްހީ ހިދުމަތްތައް ޔޫރަޕުގެ ގިނަ ޤައުމުތަކަށް ވުރެ ބޮޑު ކަމެއް އެނގި ނުލައްވައެވެ. ރިޔާސީ ބަޔާނުގައި މި ފޮނި ވާހަކަ ތަކުރާރު ނުކުރެއްވީ އެހެންވެއެވެ.
ދުނިޔެގެ ފެންވަރުގެ ސިއްހީ ފަރުވާ، އިންޑިޔާއިން އަގު ހެޔޮކޮށް، ލިބެން ހުރުމުން، އެ ޤައުމަށް ޔޫރަޕާއި، އެމެރިކާއިންވެސް ބޭސް ފަރުވާއަށް މީހުން ދެއެވެ. މުއިއްޒުގެ ސިޔާސީ ބޭނުމަކަށް އިންޑިޔާއާއި އޮތް ގުޅުން ކަނޑާލައި، ބޭސްފަރުވާއަށް އެޤައުމަށް ދިޔުމަށް އޮތް ފުރުޞަތު ހަނި ކުރުމަށް، ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް ކުރަމުންދާ ކަމެކެވެ.
އަދި ގަސްތުގައި އިންޑިޔާ ރުޅި އަރުވައި، ދެ ޤައުމުގެ ދެމެދުގެ ގުޅުންތައް ހީނަރު ކޮށް، އެއިން ވިސާ ދިނުމަށް އަސަރު ކުރާވަރު ކުރުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިޔާއަށް ބޭސް ފަރުވާއަށް ދާން ވިސާ ނަގަންޖެހޭ ހާލަތަކަށް ގޮސްފި ނަމަ އޭގެ ގެއްލުންވެސް ކުރާނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. މިނިސްޓަރަކަށް ހުންނަ ފަރާތް، ކޮންމެވެސް ގޮތެއް ހޯދައިގެން އިންޑިޔާއަށް ވިސާ ހަމަ ޖައްސައިގެން ފަރުވާ އަށް ގޮސްފާނެއެވެ. ނަމަވެސް އާންމު ރައްޔިތުން ޖެހޭނީ ކިޔުޖެހިގެން، ވިސާ ނުލިބިގެން ތެޅޭށެވެ. މުއިއްޒު ދަނީ ޤައުމުގެ ހާލަތު އެދަރަޖައަށް ގެންދަމުންނެވެ. އަދި ރައްޔިތުންނާއި މެދު ކުޑަވެސް ވިސްނުމެއް ނުގެންގުޅެއެވެ.
ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން މިނިސްޓްރީގެ މަސައްކަތްތަކާ ދުރަށް ވަޑައިގަންނަވަން ނިންމަވައި، ރަމީލާ އެކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނޮބެމްބަރު މަހުގެ 29 ގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ފަރުވާ އަށް ވަޑައިގަތީ އިންޑިއާ އަށެވެ.