ދަރަނި އިންތިހާއަށް އިތުރުވެ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްްރޫއުތައް ނުފެށި ލަސްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެ އިތުރުފުޅު ހައްދަވާފިއެވެ.
އެމަނިކުފާނު މި އިތުރުފުޅު ހެއްދެވީ ތ. އަތޮޅަށް ދިޔަމިގިލީގައި މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރަން މިއަދު ވަޑައިގެން ހުންނަވައެވެ.
ރަށް ރަށުގައި ތަރައްޤީގެ މަޝްރޫޢު ތައް ނުހިންގަނީ، އެރަށްތައް ފަޅުކޮށް، ރީޖަނަލް އާބާދީ ސެންޓަރުތަކެއް އަޅައި، އެތަންތަނަށް މީހުން ގެންދިޔުމަށް މުއިއްޒު ރާވާފައި ވާތީއެވެ. އެވާހަކަ ރައީސް އޮފީހުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކޮށްފައެވެ. އަދި ރަށްތަކުން މީހުން ހުސް ކުރާނީ، އެފަރާތްތައް ރުއްސައިގެން ކަމަށް ވެސް، މި ޕްރެސްގައި ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މާލޭ މީހުން ފުށި ދިއްގަރުފަޅަށް ބަދަލުވާން ދެކޮޅު ހަދާތީ، ފުށި ދިއްގަރު ފަޅަށް މާލެ އަތޮޅުގެ ރަށްރަށުގައި ތިބި އާބާދީތައް ގެނެސް ފަޅު ކޮށް އެރަށްރަށް ވިއްކާލުމަށް މުއިއްޒު ވަނީ ރާވާފައެވެ.
އެހެން ކަމުން، ރަށް ރަށުގައި ފައިސާ އިސްރާފު ކުރުމަށް އިތުރު އެއްވެސް ޕްރޮޖެކްޓެއް ނުހިންގުމަށާއި، އަދި ހިނގަމުންދާ ޕްރޮޖެކްޓްތައްވެސް ރައްޔިތުންގެ ފަރާތުން މާ ބޮޑު ނުރުންތެރިކަމެއް ނުފެންނަ ނަމަ، ހުއްޓާލަން ނިންމާފައި ވެއެވެ.
ސަރުކާރު ބަދަލުވަންދެން ހިނގަހިނގާ ހުރި ޕްރޮޖެކްޓްތަކެއް މާލީ ގޮތުން ދަތިވެގެން ހުއްޓެންވީ އެއްވެސް ސަބަބެއް ނެތެވެ. ބްރޮޖެކްޓްތައް ފަށަނީ ބަޖެޓް ކޮށްގެންނެވެ. ބަޖެޓް ކޮށްގެން ފަށާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ހުސްވާނީ ސިޔާސީ ކަންކަމަށް ބޭނުން ކުރަން ފެށުމުންނެވެ. މުއިއްޒު މިހާރު ފައްޓަވައިގެން އުޅޭ މަޖިލިސް ކެމްޕެއިނަށް އެކަނިވެސް ދައުލަތުން ވަނީ 328 މިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމާފައެވެ. މުއިއްޒަށް މަގުން ދަތުރު ކުރަން ދަތިވާތީ، ވައިގެ މަގުން ސީޕްލޭންތަކުން ގިނަ ދަތުރުތައް ވަނީ ކުރުމަށް ހަމަ ޖައްސާފައެވެ.
މީގެ އިތުރުން ސިޔާސީ މިނިސްޓަރުން އިންތިހާއަށް ގެނެވެ، ކުރީ ހުރިހާ ސަރުކާރަކަށްވުރެ، ސިޔާސީ ފަރާތްތަކަށް ޚަރަދު ކުރާ މިންވަރު މި ސަރުކާރުގައި ވަނީ އިތުރުވެފައެވެ. ރަށްރަށުގެ ޕްރޮޖެކްޓްތަކަށް ބަޖެޓް ކޮށްފައި ހުރި ފައިސާ ދަނީ ސިޔާސީ މީހުންގެ މަހު މުސާރައަށާއި، އެމީހުންގެ އެލަވަންސް ތަކަށެވެ.