ކޮންމެ ރެއަކު ފަތިސް ނަމާދަށް ވަޑައިގަންނަވާކަމަށް އަމިއްލައަށް މަޝްރޫވެ, އަދި އަރިސް ބޭފުޅުން ލައްވާ, ސަޖިދައަށް އޮންނަވާ މަންޒަރު ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި އެފޮޓޯތައް އިސްތިހާރު ކުރައްވަމުން ގެންދަވާ, ރައީސް މުއިއްޒު މަޖިލިސް ކެމްޕޭނަށް ދެނަމާދު ދޭތެރެއާއި ދިމާވާގޮތަށް, ނަމާދު ވަގުތަށް ބެލުމެއްނެތި ރަށްރަށަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.
ދެނަމާދު ދޭތެރެއަކީ, އާދަކާދައިގެ ގޮތުންނާއި, އަދި ދީނީ ގޮތުންވެސް ދިވެހީން ކެމްޕޭން ކުރުމާއި އެފަދަ ކަންކަން އާންކޮށް އިންތިޒާމްކުރާ ވަގުތެއް ނޫނެނެވެ.
އެހެންނަމަވެސް މިއަދު ރައީސް މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި, އެއަތޮޅު ވޭމަންޑޫއަށް ވަޑައިގެންނެވީ މައުރިބް ނަމާދުގެ ބަންގި ވަގުތާއި ދިމާކޮށެވެ. އަދި އެރަށުން މުއިއްޒުއަށް މަރުހަބާ ކިޔުމަށް މީހުން ނުކުތުމަށް އަންގާފައިވަނީ މަޢުރިބް ނަމާދުވަގުތަށްވެސް ބެލުމެއް ނެތިކަމަށް, އެރަށުން "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި އާންމު ކިޔައި ދީފައިވެއެވެ.
މުއިއްޒުގެ މި ދަތުރުފުޅުގައި ވޭމަންޑޫގައި މަރުހަބާކިޔުން ކުރިޔަށް ގެންގޮސްފައިވަނީ މަޢުރިބް ނަމާދާއި ޢިޝާނަމާދާ ދެމެދުއެވެ.
މުއިއްޒު ދައުލަތުގެ ޚަރަދުގައި ރަށްރަށަށް ދަތުރު ކުރައްވަން ފައްޓާވާފައިމިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕޭންއާއި ދިމާކޮށެވެ. އަދި ރައީސް މުއިއްޒުއާއެކު, ހަމަ ދައުލަތުގެ ޚަރަދުގައި ޓިކެޓާއި, ރަށްރަށުގައި ތިބުމާއި ކެއުންވެސް ހަމަޖައްސާގޮތަށް, ސަރުކާރުގެ އިސް ވެރިންގެ ބޮޑު ވަފުދެއް ދަނީ ތ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރަމުންނެވެ.
މިއަދު ހެނދުނު ރައީސް މުއިއްޒު ތ. ގުރައިދުއަށް ވަޑައިގެންނެވީ ރައީސް އޮފީހުގެ ބަޖެޓުން ޚަރަދު ކޮށްގެން އެއަރ ޓެކްސީއެއް ކުއްޔަށް ހިފައިގެންކަން ފާހަގަ ކޮށްލެވެއެވެ.