ރައީސް މުއިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކުވި ސިއްރު އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރެއްވެން ނެތްކަަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިކަން ހާމަވީ, ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތަފްސީލު, މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށް ފާއިތުވި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އާންމު މީހަކު ރައީސް އޮފީހަށް ހުށަހެޅި ފޯމުގެ ޖަވާބުގައި ރައީސް އޮފީހުން އެފަރާތަށް ފޮނުވި ލިޔުމުންނެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އާންމު ފަރާތުން އެދުމުން އޭގެ ޖަވާބުގައި ރައީސް އޮފީހުން ދިން ލިޔުމުގައި ވިދާޅުވެފައިވަނީ, "އެއްބަސްވުންތަކުގެ ތަފްސީލު ގާނޫނުގެ 25ވަނަ މާއްދާއާއި, 30 ވަނަ މާއްދާއާއި, 31 ވަނަ މާއްދާގެ ދަށުން މިވަގުތު ހިއްސާކުރެވެން ނެތްކަމުގައި ދެންނެވީމެވެ." މިފަދައިންނެވެ.
މިޖަވާބު ރައީސް އޮފީހުން އާންމު ފަރާތަށް ދީފައިވަނީ މިއަދުއެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާއާއެކު ވަނީ އަސްކަރީ ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައެވެ. އޭގެ ތެރޭގައި, ރާއްޖޭގެ ރަށެއްކަމުގައިވާ ހދ. މަކުނުދޫގައި ޗައިނާއިން އަސްކަރީ މަރުކަޒެއް ހެދުމާއި ގުޅޭގޮތުން ސޮއިކުރި އެއްބަސްވުންވެސް ހިމެނެއެވެ.
އަދި އޭގެ އިތުރުން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާއިރު, އެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ, ޑިފެންސް މިނިސްޓަރު ޢައްސާން މައުމޫން ސޮއި ކުރެއްވީ ކޮން އެއްބަސްވުމެއްގައި ކަންވެސް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިއްރު އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށާއި, ސޮއިކުރާ ހުރިހާ އެއްބަސްވުންތަކުގެ ތަފްސީލުތައްވެސް ހާމަކުރައްވާނެ ކަމުގައެވެ.
އޭގެ އިތުރުން, އިންޑިއާއާއި ރާއްޖެއާ ދެމެދު ރައީސް ސާލިހުގެ ދައުރުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުން ގައުމު "ވިއްކާލާފައިވާކަމަށް" ވިދާޅުވެ, ވެރިކަން ލިބިއްޖެނަމަ އެ އެއްބަސްވުންތައްވެސް ހާމަކުރާނެކަމަށް ވިދާޅުވެ, ވެރިކަމަށް 2 މަސް ފުރިގެންދިޔައިރުވެސް މިސަރުކާރުން އެ އެއްބަސްވުންތައްވެސް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު ގެންދަވަނީ ވެރިކަން ހޯއްދެވުމަށް އިންތިޚާބުތެރޭގައި ވީ އެތައް ވައުދަކާ ޚިލާފަށް އަމަލުތައް ބަހައްޓަމުންނެވެ. އެގޮތުން, ވެރިކަން ލިބިއްޖެނަމަ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވިދާޅުވުމަށްފަހު, މުއިއްޒުވަނީ ފެނަކައިގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލާފައެވެ.