ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގައްދޫ ދާއިރާގެ ކެނޑިޑޭޓްގެ ކެމްޕޭނަށް ނިކުތްކަމަށް ތުހުމަތުކޮށް, ގައްދޫ ފެނަކަ ބްރާންޗް ހިންގުމާއި ހަވާލުވެހުރި އެރަށު އޭޝިއާގޭ އިލްހާމް ރަޝީދު މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.
އިލްހާމް ރަޝީދުއަކީ, ރައީސް ސާލިހުގެ ދައުރުން ފެށިގެން, ގައްދޫ ފެނަކަ ބްރާންޗު ހިންގުމާ ހަވާލުވެ ހުރި ފަރާތެވެ. އޭނާ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއާއި ގުޅުނީ 14 ޖަނަވަރީ 2019 ގައެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުއެވެ.
އިލްހާމް ވަޒީފާ އަދާކުރަމުން އައިސްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެސިސްޓަންޓް ޑިރެކްޓަރގެ މަގާމްގައެވެ.
ފެނަކަ ކޯޕަރޭޝަންއިން މިއަދު އިލްހާމް ވަޒީފާއިން ވަކިކޮށްފައިވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ. އޭނާ ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި މަގާމުގެ ނާޖާއިޒް ފައިދާ ނެގިކަމަށް ތުހުމަތު ކޮށްފައިވި ނަމަވެސް, އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ތުހުމަތެއްގެ މަައުލޫމާތު އޭނާއަށް އަންގާފައި ނުވެއެވެ.

އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި, ގައްދޫ ދާއިރާއަށް ވާދަކުރަމުންދާ ކެނޑިޑޭޓްގެ ކެމްޕޭނަށް އޭނާ ނިކުތްކަމަށް ތުހުމަތުކޮށް ކަމަށް "ދިޔަވަރު އޮންލައިން"އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުދޭނެކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެފައެވެ.
އެހެންނަމަވެސް ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮށްވާ ރައީސް މުއިއްޒުގެ އެންގެވުމަށް ފެނަކައިން ވަނީ އެކުންފުނީގެ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންގެ ތެެރެއިން, ޕީއެންސީގެ މަޖިލިސް ކެމްޕޭނަށް ތާއީދު ނުކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބިރު އެކުންފުނިން ދަނީ ދައްކަމުންނެވެ.