ސަރުކާރާއި، ދައުލަތުން ކުރާ ޚަރަދުތައް ބޮޑުކަމުން، ރާއްޖެ އޮތީ އިޤްތިޞާދީ ގޮތުން ނުރައްކާތެރި ފައްތަރެއްގައި ކަމަށް، ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުގެ ފަރާތުން އެފަދައިން ވިދާޅުވީ، ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރެއިސާއެވެ. އޭނާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރު މިއަދު ވަނީ ނިންމަވަލައްވައިފައެވެ.
ދައުލަތުން ކުރާ ހޭދަތައް މަތިވުމާއި، ބޭރުފައިސާގެ ރިޒާވްގެ މަދުކަމާއި، ދަރަނި ބޮޑު ވުމާއި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓު މަތިވުމާ ގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުން މުހިންމު ކަމަށް ރެއިސާ ވިދާޅުވިއެވެ.
އޭނާ ލަފާ ދެއްވީ، ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ޚަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށެވެ. އަދި، ކުރަންހުރި މުހިންމު ހޭދަތައް ތަރުތީބުކޮށްގެން ހޭދަކުރުމަށާއި ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމަށާއި ރަށްރަށުން ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަންކަން ކަމަށް ރެއިސާ ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި މިވަގުތު ރާއްޖޭގައި 10 މަޝްރޫއެއް ހިނގަމުން ދާއިރު، މި ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގަކީ 217 މިލިޔަން ޑޮލަރެވެ.