މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކެމްޕެއިނުގައި ދެއްކެވި ހުރިހާ ވާހަކަފުޅުތަކެއް ހިމެނޭ ފޮތް ޗާޕްކޮށްގެން މިހާރު ގެނެސްފައިވާ ކަމަށާއި އެކިއެކި އިދާރާތަކަށް އެ ފޮތް ފޮނުއްވާނެ ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސްގެ މަގާމުގެ ހުވާކުރެއްވުމުގެ ދެ ދުވަަސް ކުރިން ލޯންޗުކުރި އެ ފޮތުގައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 7 އިން ފެށިގެން ސެޕްޓެމްބަރު 29 ވަނަ ދުވަހާ ހަމައަށް ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މުއިއްޒު ދެއްކެވި ހުރިހާ ވާހަތަކެއް ހިމަނައިފަ އެވެ. އެއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ 33 ދުވަހާއި ދެ ވަނަ ބުރުގެ ކެމްޕެއިންގެ 20 ދުވަހުގެ ދަތުރުތަކުގައި މާލެއާއި ރަށްރަށަށް ވަޑައިގެން މުއިއްޒު ދެއްކެވި ވާހަކަފުޅުތަކެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވޭމަންޑޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެ ފޮތުގެ ބޭނުމަކީ އެ ތިމަންމަނިކުފާނުގެ ވާހަކަތައް ރައްޔިތުންގެ ހަނދާނުގައި އަބަދަށް ހަރުލެއްވުން ކަަމަށެވެ.
މިހާރު ރަނގަޅު ފެންވަރަކަށް ޗާޕްކުރެވި، އެ ފޮތްތައް މި ހަފުތާ ތެރޭގައި މާލެ އަށް ވެސް ލިބިފައި ވަނީ. ހުރިހާ ރަށަކާއި ކައުންސިލްތަކަށް ފޮނުވާނަން. ސްކޫލުތަކަށް ފޮނުވާނަން. އަދި ރަސްމީ އިދާރާތަކަށް ފޮނުވާނަން.. ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަދި އޮންލައިންކޮށް، ޑިޖިޓަލީ ވެސް ކިޔައިލެވޭނެ.
މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ "ތަގުރީރުތައް" ކިޔަވާކުދިންނަށް ފޯރުކޮށްދޭން ނިންމާފައިވާއިރު, ގައުމިއްޔަތުގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް މިއަހަރުންފެށިގެން "ގައުމިއްޔަތު" ނަމުގައި އާ މާއްދާއެއް ކިޔަވާދޭ ފެށުމަށް ވަނީ ނިންމާފައެވެ.
އެހެނަމަވެސް, ގައުމިއްޔަތުގެ ނަމުގައި ހައްދު ފަހަނައެޅި ވިސްނުމާއި, ގައުމުގެ ވެރިމީހާގެ ބުރުސޫރައާއި ވެރިމީހާގެ ފިކުރު ޅަދަރިންގެ ހިތްތަކުގައި އަށަގެންވުމަކީ, އުތުރު ކޮރެއާ, ޗައިނާ ފަދަ ޚުދުމުޚްތާރު ވެރިކަންތައް ހިނގަމުންދާ ގައުމުތަކުގައި އެގައުމުތަކުގެ ވެރީން ތަންފީޒު ކުރަމުން އަންނަ ސިޔާސަތެއްކަން ފާހަގަ ކޮށްލެވެއެވެ.
ވަކީ ޚާއްސަކޮށް, މި ސިޔާސަތަކީ ކޮމިއުނިސްޓް ޗައިނާގައި އެގައުމުގެ ރައީސް ޝީޖިން ޕިންގގެ ނުފޫޒާއި ބާރު ދަމަހައްޓާ, އެގައުމުގެ ރައްޔިތުން އަޅުވެތިކުރުމަށް ތަންފީޒުކުރަމުންދާ ސިޔާސަތެއްކަން ފާހަގަ ކޮށްލެވެއެވެ. ޗައިނާގެ ސްކޫލުތަކުގައި ޝީޖިން ޕިންގގެ ޝަޚްސިއްޔަތާއި އަދި އޭނާގެ ތަގުރީރުތަކއާއި ފިކުރުގެ މައްޗަށް އެކުލެވޭ މާއްދާތައް ކިޔަވާ ދިނުމަކީ ލާޒިމް ކަމެކެވެ.