ރޯދަ މަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް ހުށަހެޅި ބިލު ހާއްސަ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު އިސްލާހު ހުށަހަޅާފައި ވަނީ އިންތިހާބެއް ރޯދަ މަހާ ދިމާވާނަމަ, އެ އިންތިހާބެއް ބޭއްވުން ރޯދަ މަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް ބަދަލުކުރުމަށެވެ.
މި ބިލު ފާސްކުރީ އެ ބިލު ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ފަސް މެންބަރުންގެ ހާއްސަ ކޮމެޓީގެ އިއްތިފާގުންނެވެ.
ބިލުގެ ކޮމެޓީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިއްޔެ ހާޒިރުކުރުމުން ހަބީބް ވަނީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް, އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އޭޕްރީލް 28 ވަނަ ދުވަހާ ހަމައަށް އިންތިހާބުގެ ހުރިހާ ކަމެއް ނިމި, އަންގަން ޖެހޭ މުއައްސަސާތަކަށް އަންގާފައި އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން އޭޕްރީލް 21 ގައި އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމަށް ލިބެނީ ހަ ދުވަހުގެ މުއްދަތު ކަމަށެވެ.
ގާނޫނު އަސާސީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހޭ ކަަމަށެވެ. އެ ގާނޫނަށް ރިއާއަތްކޮށް އިއްޔެ ހަބީބް ވިދާޅުވީ އިންތިހާބު ފަސް ކުރާނަމަ، އިންތިހާބަށްފަހު ކަމެއް ހިނގައިފި ހާލަތެއްގައި އެކަން ހައްލު ކުރުމަށް ކޮންމެވެސް ވަރެއްގެ މުއްދަތެއް ލިބިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން މިހާރު އިލެކްޝަނުން ނިންމާފައިވާ ތާރީހަކީ މާޗް 17 އެވެ. އެއީ ރޯދަ މަހުގެ ހަތްވަނަ ދުވަހެވެ. ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވައިފިނަމަ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވެދާނެ ކަމުގެ ކަންބޮޑުވުން ޕާޓީތަކުން ދަނީ ފާޅު ކުރަމުންނެވެ.