ސިޔާސީ

ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމަށް މުއިއްޒު ކޮށްދޭންވީ ކަމަކީ، ރާއްޖޭގައި ނިއުކްލިއަ ހަތިޔާރު އުފައްދައި، ނިއުކްލިއަ ބާރަކަށް ރާއްޖެ ހަދައިދިނުން!

ދިޔަވަރު
ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމަށް މުއިއްޒު ކޮށްދޭންވީ ކަމަކީ، ރާއްޖޭގައި ނިއުކްލިއަ ހަތިޔާރު އުފައްދައި، ނިއުކްލިއަ ބާރަކަށް ރާއްޖެ ހަދައިދިނުން!

މުއިއްޒު ވެރިކަމަށް އައީ، ރާއްޖޭގެ އުތުރާއި، ދެކުނުގައި ރާއްޖެ އާއި އެންމެ ކައިރީގައި އޮތް ދެ ޤައުމާއި ގުޅޭ ގޮތުން ދޮގު ވާހަކަ ދައްކައި، ފިތުނަ ފަސާދަ އުފައްދައިގެންނެވެ. އިންޑިޔާއިން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނަގާލަން އެތައް ހާސް ސިފައިންނެއް، އުތުރު ތިލަފަޅުގައި އާއި، ރާއްޖޭގެ ތަފާތު 3 ސަރަހައްދުގައި ތިބިކަމަށް ބުނެ ދޮގު ހަދައިގެންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް، ރާއްޖޭގެ ދެކުނުގައި އޮތް މޮރިޝަސް އަށް ފައިސާ ނަގައިގެން ދޫކޮށްލި ކަމަށް ބުނެ އެ ޤައުމާއި މެދު ވެސް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައިގެންނެވެ.

ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކަނައަތުފިޔާގެ ސިޔާސީ ކެމްޕެއިނެއް ކޮށްގެން ވެރިކަމަށް އައިސް، ވެރިކަމުގައި ދެމިހުރުމަށް، އަވަށްޓެރި ޤައުމުތަކާއި އޮތް ގުޅުން އިތުރަށް ހީނަރު ކުރުވުމަށް، އިންޑިޔާގެ ބޮޑުވަޒީރަށް ޑެޕިއުޓީ މިނިސްޓަރުން ލައްވާ އަޚްލާގު ދަށްކޮށް، މުހާތަބު ކުރުވައި، އިނގިރޭސި ވިލާތާއި ދެކޮޅަށް ދިވެހިންނަށް ލިބެން ނެތް، ހައްޤު ނޫން ކަނޑުގެ ސަރަހައްދެއް ހޯދަން އެތައް މިލިއަނަކުން ދަނީ ޚަރަދު ކުރަމުންނެވެ. ދޮކާއި މަކަރާއި، އޮޅުވާލުމުން ވެރިކަން ލިބުމުން، ވެރިކަމުގައި ހުރެވޭނީވެސް، ރައްޔިތުންނަށް އިތުރު އެތައް ދޮގެއް ހަދައި، އެތައް އޮޅުވާލުމެއް އޮޅުވާލައިގެން ކަމަށް ދެކިގެންނެވެ.

ރާއްޖޭގެ އީއީޒެޑް ފުރިހަމަ އަށް ބެލެހެއްޓުމަށް، ޑިފެންސް އަށް އެކަނި، 100 ބިލިއަން ޑޮލަރުގެ އަހަރީ ބަޖެޓެއް ކުރިއަށް އޮތް 10 އަހަރަށް ބޭނުންވެއެވެ. މުޅި ރާއްޖޭގެ އަހަރީ ބަޖެޓަކީ 12 މިލިއަން ޑޮލަރެވެ. އެވެސް ހޯދަނީ އެހެން ޤައުމުތަކަށް ގޮސް އާދޭސް ކޮށްގެން ސަލާން ޖަހައިގެންނެވެ. ޑިފެންސް އަށް ހާއްސަކުރާ 100 ބިލިއަން ޑޮލަރުގެ އަހަރީ ބަޖެޓަކީ، ރާއްޖޭގެ އީއީޒެޑް ރައްކާތެރި ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އާއި، ފުރިހަމަ ހާރޑުވެއަރ އާއި، އުޅަނދުތަކާއި، ހަތިޔާރަށް އެކަނި ބޭނުންވާ މިންވަރެވެ. މި ހުރިހާ ފައިސާއަކާއި ހަތިޔާރެއް ލިބުނަސް، ރާއްޖޭގެ ކަނޑުގެ ސިފައިންގެ ގޮތުގައި ތިބީ 2000 މީހުންނަކަށް ރާއްޖޭގެ އީއީޒެޑްގެ 923,322 އަކަ ކިލޯމީޓަރެއް ނުބެލެހެއްޓޭނެއެވެ.

މަސްވެރިންނަށް ދޭން ހުރި، އެތައް 100 މިލިއަން ފައިސާ އެއް ނުދީ، ކޮންޑަކްޓަރުންނަށް ދޭން ހުރި އެތައް 100 މިލިއަން ފައިސާއެއް ހިފަހައްޓައި، ސަޕްލަޔަރުންނަށް ދޭން ހުރި އެތައް ބިލިއަން ރުފިޔާއެއް ނުދީ، މުއިއްޒު ތުރުކީ ސަރުކާރުން ބޮޑު އަގުގައި 5 ޑްރޯން ގަތަސް އެއަކުން ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދެއް ނުބެލެހެއްޓޭނެއެވެ. އެއީ ރައްޔިތުންނަށް އޮޅުވާލަން ހައްދުފަހަނައެޅި ޤައުމިއްޔަތުގެ މަކަރުގައި ރައްޔިތުން ޖައްސަން ދައްކާ މަކަރުވެރި ވާހަކަތަކެވެ.

އެމްއެންޑީއެފް އިން، ކޯސްޓްގާޑް މެދުވެރިކޮށް ރާއްޖޭގެ އުތުރުން އީއީޒެޑް ބަލަހައްޓަމުން ދާކަމަށް ބުނިތާ 8 ގަޑި އިރު ނުވަނީސް، ރާއްޖޭގެ އިތުރު މަސް ދޯންޏަކަށް ބަޔަކު އަރައި، އެކަން މީޑިޔާތަކަށް ތިލަވިއެވެ. މުއިއްޒު ގަންނަ 5 ޑްރޯން އިން ރާއްޖޭގެ ބޯޑަރު ސަލާމަތް ކުރަން އެއްކަމެއް ވެސް ނުކުރެވޭނެއެވެ. ރާއްޖޭގެ ބޯޑަރު ހިމާޔަތް ކުރަން ތިމަންނާ ތައްޔާރު ވަނީއޭ ބުނެ މަކަރުވެރި ވާހަކަ ދެއްކުމުގެ ބަދަލުގައި، ތިމަންނާ ދިވެހިރާއްޖޭގައި ނިއުކްލިއަ ހަތިޔާރު އުފައްދަނީ ކަމަށް ބުނަން މާ ރަނގަޅުވާނެއެވެ. ރާއްޖެ ނިއުކްލިއަ ބާރަކަށް ހަދާނެ ކަމަށް ޕޯޑިއަމް ތަކަށް އަރާ ވިދާޅުވާށެވެ. އެވެސް ދޮގެވެ. މިވެސް ދޮގެވެ. ދޮގެއް ހަދަންޏާވެސް، ތަންކޮޅެއް ބޮޑު ދޮގެއް ހައްދަވާށެވެ.

އުތުރުން ޖެހިގެން އުޅެނީ، ސަރަހައްދީ ސްޕަރ ޕަވަރ އަކާއެވެ. އިންޑިޔާއަކީ ނިއުކްލިއަ ހަތިޔާރު އޮތް ގައުމެކެވެ. ދެކުނުން ފޯޅަވަހި މިހާރު މޮރިޝަސް އަކަށް ނުލިބެއެވެ. އދ. އާއި ބައިނަލްއަގްވާމީ ހުރިހާ ކޯޓަކުން ނިންމުމުންވެސް އެތަން މޮރިޝަސް އަށް ނުދޭނެ ކަމަށް އިނގިރޭސިން ބުނެފިއެވެ. ދެކުނުން މުއިއްޒު ޖައްސާލައިގެން އުޅެނީ ނިއުކްލިއަ ބާރަކާއެވެ. ފޯލަވަހީގައި އޮތް މިލިޓަރީ ބޭސް އަކީ ޔޫއެސްގެ މިލިޓަރީ ބޭހެކެވެ. ޔޫއެސް އަކީ ނިއުކްލިއަ ބާރެކެވެ. އިންޑިޔާވެސް، އެމެރިކާވެސް، އިނގިރޭސި ވިލާތް، މުއިއްޒު ކުޅޭ އަކުންބަކުން އަކަށް ނުސިހޭނެވެ. ރާއްޖެ ނިއުކްލިއަ ބާރަކަށް ހަދައި ނުދޭހާ ދުވަހަކު، މުއިއްޒާއި މެދު ކުޑަކޮށްވެސް މިއިން އެއްވެސް ޤައުމަކުން ޖެހިލުމެއް ނުވާނެއެވެ. މުއިއްޒު ކަރަށް ބާރު ލާފައި، ހަރު އަޑުކުން ގޮވީމާ ސިހޭނީ، މުއިއްޒު ވަޒީފާދީގެން ގެންގުޅޭ ދެތިން ޑިޕިއުޓީންނެވެ. އެއަޑަށް ބިރަށް، ނުވަތަ ތުރުކީއިން މުއިއްޒު ގެންނަ 5 ޑްރޯންނަށް ބިރުން ބޯޑަރަށް މިއިން އެއް ޤައުމަކުން އެއް އިޚްތިރާމެއްވެސް މުއިއްޒު އެއުޅޭ ފާޑުން ނުކުރާނެއެވެ. އަދި އަމުދުން މިލިޓަރީ ބޭނުމަކަށް އިންޑިޔާއަކުންވެސް، އެމެރިކާއަކުންވެސް ރާއްޖޭގަައި އެމީހުންގެ ސިފައިން ބާތިއްބާކަން ނުވެސް ޖެހެއެވެ. މިލިޓަރީ ބޭނުމަކަށް ކަމެއް ކުރަން ޖެހޭ ހާލަތެއްގައި 20 މިނުޓުން އިންޑިޔާއިން އިންޑިޔާ ސިފައިން، 20 މިނުޓުން ފޯޅަވަހިން އެމެރިކާ ސިފައިން ތިބޭނީ މާލެ އަރެއެވެ. ހަތިޔާރާއި އެކު ޖެޓުގައެވެ. މިއީ ކަން އޮތް ގޮތެވެ. ހަޤީގަތެވެ.

އިސްކުރަންވީ، އިހްތިރާމާއި ސުލްހަ މަސަލަސްކަމެވެ. ދޮގާއި މަކަރާއި، އަޔަހޫދީ ކަމެއް ނޫނެވެ. އިސްކުރަންވީ ޑިޕްލޮމަސީއެވެ. އިސްކުރަންވީ ބައިލެޓްރަލް، މަލްޓިލެޓްރަލް ގުޅުންތަކެވެ. ޔޫއެން އަށް ގޮސް މަލްޓިލެޓްރަލް ކިޔަން ނޭނގިގެން ޓެރަރިޒަމް ކި ނައިބްރައީސްއެއް ހުރި ވެރިކަމަކަށް ޚާރިޖީ ގުޅުންތަކެއް ނޭނގޭނެއެވެ. ގައުމު އަލުން އިނގިރޭސީންގެ އަތްދަށަށް ދިޔުމުގެ ކުރިން، މުއިއްޒު ބާލަދޭށެވެ.