ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި ގަވާއިދަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އޮފީހުން ސުޕްރީމް ކޯޓަށް ވައްދާފައިވާ ދުސްތޫރީ މައްސަލައިގައި މި އަމުރު ނެރުނީ މި މައްސަލައިގައި ގޮތެއް ނުނިމެނީސް ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްނުކޮށްފިނަމަ މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެވެ.
ވަގުތީ އަމުރު ނެރެން ފަނޑިޔާރުންގެ އަގުލަބިއްޔަތު ލިބުނު ނަމަވެސް ސުޕްރީމް ކޯޓުން މި މައްސަލަ ބަލަމުންދާ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އައިޝާ ސުޖޫނުގެ ރައުޔު ތަފާތެވެ. ބެންޗުގައި ހުންނެވި ޑރ. މުހައްމަދު އިބްރާހިމް ތާއިދުކުރެއްވި ސުޖޫންގެ ރައުޔުގައި އޭނާ ދެބަސްވީ މުއާލާތް ކެނޑިގެން ދާނެ ކަމަށް ބުނާ ބަޔާ އެވެ.
އެގޮތުން ޝުޖޫން ދެ ތިން ނުކުތާއެއް ފާހަގަކުރެއްވި އެވެ. އެއް ކަމަކީ މައްސަލަ ހުށަހެޅުމުގެ ލަސްކަމެވެ. ރައްޔިތުންގެ މަޖިލީހުން މި އިސްލާހުތައް ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގަ އެވެ. ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އޭގެ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހަފުތާގެ ކުރީކޮޅެވެ.
މިކަމުގެ މައްޗަށް ބިނާކޮށް ޝުޖޫން ވިދާޅުވީ މި މައްސަލައަކީ މުސްތަގުބަލުގައި ގާނޫނު އަސާސީއާ ހިލާފުވެދާނެ ހާލަތްތަކެއް އުފަންވެދާނެ ކަމަށް ބަލައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބެލެވޭތީ، މައްސަލައިގެ މުއާލާތް ކެނޑިގެން ހިނގައިދާނެ ފަދަ ފިޔަވަޅެއް އަޅަން ޖެހޭ ހާލަތެއް ކަމުގައި ބަލައި ގަންނަން ދަތި ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ އަގުލަބިއްޔަތު ލިބުނު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނު އާސާސީއާ ހިލާފުވެފައިވާ ކަމަށް ބަންޑާރަނައިބު ތުހުމަތުކުރާ ހާލަތުގައި އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި މިފަދަ އަމުރެއް ނެރެން ޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ރައްދުވާ ފަރާތަށް ފުރުސަތެއް ނުދީ ވެސް އަމުރު ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެންޗުގެ އަގުލަބިއްޔަތު ލިބުނު މި ރައުޔަށް ތާއީދުކުރެއްވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.