ރައީސް މުއިއްޒު މި ހަފްތާގައި ތ. އަތޮޅަށް ކުރެއްވި, ތިން ދުވަހުގެ, މަޖިލިސް ކެމްޕޭން ދަތުރުފުޅު މިއަދު ނިންމަވާލެއްވިއިރު, މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ތ. އަތޮޅުގެ 9 ރަށަކަށް ވަޑައިގެން, ދައުލަތުގެ ޚަރަދުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވާފައެވެ.
މިރަށްރަށް ޒިޔާރަތްކޮށް މުއިއްޒުވަނީ, މިއަހަރަށް ބަޖެޓް ކޮށްފައި ނުވާ ޕްރޮޖެކްޓްތަކަށް ދާންދެން ފަށާދޭނެކަމަށް ވައުދުވެ, ރައްޔިތުންނަށް ގިނަ ހުވަފެންތަކެއް ދައްކާފައެވެ.
އެހެންނަމަވެސް, ދައުލަތުގެ މާލިއްޔަތުން ޚަރަދުކޮށްގެން, ގާނޫނާ ޚިލާފަށް ރައީސް މުއިއްޒުގެ ތ. ދަތުރުގައި ކެމްޕޭން ކޮށްފައިވިނަމަވެސް, އެއަށްވުރެ މާ ނުރައްކާތެރި އެހެން މައްސަލައެއް ވަނީ މި ދަތުރުން ފާހަގަވެގެން ގޮސްފައެވެ.
މި ދަތުރުގައި ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދުއަށެވެ. އެއީ ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒުއަށް އެއް ރަށަކުން އެންމެ ގިނައިން ވޯޓު ލިބުނު ރަށެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު, އެންމެ ގިނައިން ވޯޓުލިބުނު ރަށަކަށް ވަޑައިގެންނެވުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއުސޫލުން ބަލާއިރު, މިދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެރަށް ޚިޔާރު ކުރެއްވުމުގައި މައްސަލައެއް އޮތްކަމުގައި ނުބެލެވެއެވެ.
އެހެންނަމަވެސް, ވަކި ރަށަކުން މެޖޯރިޓީ ނުލިބުނީތީ އެރަށެއް ބާލީ ކޮށްލުން އެއީ, މުއިއްޒުއަށް ވޯޓު ނުދިނީތީ ރައްޔިތުންނަށް ދިން އަދަބެއްގެ ގޮތުގައި މެނުވީ މާނަކުރެވޭނެ އެހެން އެއްވެސް ހަަމައެއް އޮންނާނޭތޯއެވެ.!
ރައީސް މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލެއްވިއިރު, ތިން ދުވަހުގެ ތެރޭގައި މުއިއްޒު ވަނީ ތ. ގުރައިދޫގެ އިތުރުން, ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ.
އެގޮތުން މިދަތުރުފުޅުގައި މުއިއްޒު ވަޑައިނުގަންނަވާ ތިން ރަށެއްގެ ގޮތުގައި އޮތީ ތިމަރަފުށި, ވިލިފުށި އަދި ހިރިލަންދޫއެވެ. މި ތިން ރަށަކީވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހުއަށް މެޖޯރިޓީ ލިބުނު ތިން ރަށްކަން ފާހަގަ ކޮށްލެވެއެވެ.
ތ. ހިރިލަންދޫއިން ރައީސް ސާލިހަށް %55.6 ލިބިލެއްވިއިރު, މުއިއްޒުއަށް ކާމިޔާބު ކުރެއްވުނީ %44.4 ވޯޓެވެ. ތ. ތިމަރަފުށިން ރައީސް ސާލިހަށް %52.9 ވޯޓު ލިބިލެއްވިއިރު ރައީސް މުއިއްޒުއަށް ކާމިޔާބު ކުރެއްވުނީ %47.1 ވޯޓެވެ. އަދި ތ. ވިލިފުށިން ރައީސް ސާލިހު %51.1 ކާމިޔާބު ކުރެއްވިއިރު ރައީށް މުއިއްޒުއަށް ކާމިޔާބު ކުރެއްވުނީ %48.9 ވޯޓެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބުނެފައިވަނީ, ރައީސުލްޖުމްހުރިއްޔާއަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކޮށްދީ, އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއް ގެންގުޅެގެންވާނެ ފަރާތަކަށް ވެގެން ނުވާނެ ކަމުގައެވެ.
އަދި ވެރިކަމާއި ހަވާލުވުމަށް, ރައީސުލްޖުމްހޫރިއްޔާ މާތްالله ގަންދީ ހުވާކުރައްވަނީވެސް, އެއްވެސް ރައްޔިތަކާމެދުގައި ތަފާތުކުރުމެއްނެތި, އަދުލުވެރިކަމާއެކު ރައްޔިތުންގެ މައްޗަށް ވެރިކަން ކުރެއްވުމަށެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީވެސް ގައުމުގެ ވެރިކަން ކުރައްވާނީ އެމަނިކުފާނަށް ވޯޓުދިން ރައްޔިތުންނާއި ވޯޓު ނުދޭ ރައްޔިތުންގެ މެދުގައިވެސް ތަފާތު ކުރުމެއް ނެތި ކަމުގައެވެ.
އެހެންނަމަވެސް, ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް މުއިއްޒު ރާއްޖެތެރެއަށް އެންމެ ފުރަތަމަވެސް ކުރެއްވި ދަތުރުފުޅުގައި, އެމަނިކުފާނު މިވަނީ, ރިޔާސީ އިންތިޚާބުގައި މެޖޯރިޓީ ނުލިބުނު ރަށްތައް ބާކީކޮށް, ގިނައިން ވޯޓު ލިބުނު ރައްތަކަށް އިސްކަންދީ, ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ތަފާތުކުރުމެއް ގެންގުޅެފައެވެ.
ގަބޫލު ކުރެވޭ ގޮތުގައި ދައުރުގެ ކުރިޔަށް އޮތް ތަނުގައި މުއިއްޒު ތަރައްގީގެ މަޝްރޫޢުތައްވެސް ކުރިޔަށް ގެންދަވާނީވެސް މި ބީދައިންނެވެ.
އެހެންނަަމަވެސް, ވޯޓު ނުދިނީތީ ރައްޔިތުން ހައްގުތަކުން މަހުރޫމް ކުރުމާއި, ގިނައިން ވޯޓު ލިބުނު ރަށްތަކަށް އިސްކަންދީ, މަދުން ވޯޓު ލިބުނު ރައްތައް ބާކީކުރުމުގެ އެއްވެސް އިޚްތިޔާރެއް ގާނޫނު އަސާސީން ރައީސް މުއިއްޒުއަށް ދީފައި ނުވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިއީ ގާނޫނު އަސާސީއާއި ޚިލާފަށް, ރައީސް މުއިއްޒު ރާއްޖޭގެ އެތައް ހާސް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ, ރައްޔިންގެ މައްޗަށް ވާ ވަރަށް ބޮޑު ބޭއިންސާފެއްކަމުގައި މެނުވީ ނުވާނެއެވެ.