ޚަބަރު

މުވައްޒިފުން ވަޒީފާތަކުން ވަކިކުރަމުންދާ މައްސަލާގައި ފާޑު ކިއުން ބޮޑުވެ, މުއާޒު ފެނަކައިން ބަދަލުކުރަނީ!

ދިޔަވަރު
މުވައްޒިފުން ވަޒީފާތަކުން ވަކިކުރަމުންދާ މައްސަލާގައި ފާޑު ކިއުން ބޮޑުވެ, މުއާޒު ފެނަކައިން ބަދަލުކުރަނީ!

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމަށް އައްޔަންކުރި މުއާޒު ރަޝީދުން ފެނަކައިގެ އެމްޑީކަމުން ވަކިކޮށް އެހެން މަގާމަކަށް ބަދަލުކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ފެނަކަ ކޯޕަރޭޝަންއާއި ހަވާލުވިތާ 3 މަހެއްހާ ދުވަސް ފަހުން, އެ ކުންފުނީގެ އެމްޑީކަމުން މުއާޒު ވަކިކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވަނީ, ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ, ވަޒީފާއިން ބޭއިންސާފުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެކަމަށް ވިދާޅުވި ވައުދާ ޚިލާފަށް, ފެނަކައިގެ އެކި ބުރާންޗްތަކުގައި މަސައްކަތް ކުރާ އެތައް ސަތޭކަ މުވައްޒަފުންނެއް މުއާޒު ވަޒީފާއިން ވަކިކުރަމުން ދިއުމާއި ގުޅިގެން ކުރިމަތިވާން ފަށާފައިވާ ޕްރެޝަރުތަކާއި ގުޅިގެންނެވެ.

އެގޮތުން, ފެނަކަ ކޯޕަރޭޝަންއިން އެތައް ސަތޭކަ މުވައްޒަފުންނެށް, ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކުރިޔަށް އޮއްވާ ވަކިކުރުމަކީ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ޕީއެންސީއަށް މިހާރު ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއްގެ ގޮތުގައި ރައީސް މުއިއްޒު ދެކެވަޑައިގަންނަވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މުއާޒު އެމްޑީކަމާ ހަވާލު ވުމަށްފަހު އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފި. މިހާރު ރައީސް ގަބޫލު ކުރައްވަނީ, މިއީ މަޖިލިސް އިންތިޚާބަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް. އެތައް ރައްޔިތުންނެއްވަނީ މި މައްސަލައާއި ގުޅިގެން ރައީސަށް ޝަކުވާ ހުށަހަޅާފަ.

އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމުން ވަކި ކުރުމަށްފަހު މުއާޒުއަށް ހަމަޖެއްސުމަށް ރައީސް ނިންމަވާފައިވަނީ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމެވެ.

މުއާޒް ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަމާއި ހަވާލުވުމަށްފަހު, އެކުންފުނީގެ ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަމުންދިޔަ އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ވަޒީފާއިން ވަކިކޮށް, ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮއްވާ, ވަރަށް އަނިޔާވެރި ގޮތަކަށް ވަނީ މަގުމަތި ކޮށްލާފައެވެ.

މުއާޒް ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނާއި, ބްރާންޗްތަކާއި އަދި ހެޑް އޮފީހުގައި މަސައްކަތް ކުރަމުންދާ އެތައް މުވައްޒަފުންނެއްވެސް ހިމެނެއެވެ.

ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުދޭނެކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެފައެވެ. ކެމްޕޭންގައި މުއިއްްޒު ވިދާޅުވީ ބޮޑުވަރުވެގެންވެސް މުއައްޒަފުން އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ކުރާނީ ބަދަލު ކަމުގައެވެ.