ޚަބަރު

ރާއްޖޭގައި އުފެދުނު އެންމެ ފިތުނަވެރި، އެންމެ ބޮޑެތި ދޮގާއި އޮޅުވާލުން ހިންގާފައިވާ އަޒާން އާއި، އިސްލާމިކް މިނިސްޓަރ ބައްދަލުކޮށް، ތާޢީދު ކޮށްފި

ދިޔަވަރު
ރާއްޖޭގައި އުފެދުނު އެންމެ ފިތުނަވެރި، އެންމެ ބޮޑެތި ދޮގާއި އޮޅުވާލުން ހިންގާފައިވާ އަޒާން އާއި، އިސްލާމިކް މިނިސްޓަރ ބައްދަލުކޮށް، ތާޢީދު ކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ ފިތުނަވެރި، އެންމެ ބޮޑެތި ދޮގާއި އޮޅުވާލުން ހިންގާފައިވާ އަޒާން އާއި، އިސްލާމިކް މިނިސްޓަރ ބައްދަލުކޮށް، އޭނާ އަށް ތާޢީދު ކުރާކަމަށް ހާމަ ކޮށްފިއެވެ. މިއީ އިސްލާމީ ތާރީޚުގައި އިސްލާމިކް މިނިސްޓަރެއް، ކަނޑައެޅިގެން ރައްޔިތުންނަށް ދަންނަ ދޮގުވެރި ކައްޒާބަކަށް ފާޅުގައި ތާޢީދު ކުރި ފުރަތަމަ ފަހަރެވެ.

ރަސްމީ ގަޑީގައި، ރަސްމީ އޮފީހުގައި ބައްދަލު ކޮށް، އޭނާ އާއި އެކު ފޮޓޯ ނަންގަވައި އެންޑޯސް ކުރުމަށް، ޝަހީމް އެކްސްގައި ލިޔުއްވާފައިވާ ޕޯސްޓުގައި ވަނީ "ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް، ހިތަދޫގެ މެދު ދާއިރާއަށް، އަޅުގަނޑުގެ ފުރިހަމަ ތާޢީދު އަޚް އަހުމަދު އަޒާނަށް އަރުވަން". ކަމަށެވެ. ސަރުކާރުގެ ރަސްމީ ގަޑީގައި، ސަރުކާރު އޮފީހެއްގެ ތެރޭގައި ވަކި މީހަކަު ޕްރޮމޯޓް ކުރަން މަސައްކަތް ކުރުމަކީ ކޮރަޕްޝަނެވެ.

އިސްލާމިކް މިނިސްޓަރ އަކަށް ހުންނެވި ފަރާތަކީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް އޮތް މީހެކެވެ. އަދި ދޮގާއި، އޮޅުވާލުމުގައި ފަސް އަހަރު ހޭދަ ކޮށްފައިވާ މީހަކާއި ބައްދަލުކޮށް އޭނާ އަށް ތާޢީދު ކުރާކަށް އަމިއްލަ އަށް ވިދާޅުވުމީ އިސްލާމް ދީން ދެކެ ލޯބިވާ ފަރާތަކުން ކުރާނެ ކަމެއް ކަމަށް ނުބެލެވެއެވެ.

އަދި މިއީ ޤައުމުގައި ދޮގާއި، ހީލަތްތާއި މަކަރު ފެތުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް، އަދި އެކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން، އިސްލާމިކް މިނިސްޓަރ ކުރިކަމެކެވެ. އަދި ހިޓްލަރ ފަދަ އަނިޔާވެރި ފަރާތްތަކުން ގެންގުޅެފައިވާ އައިޑޮލޮޖީސް ކަމަށްވާ، ނިއޯ ނާޒިޒަމް ފަދަ، ހައްދުފަހަނަ އެޅި ފިކުރުތައް ޕްރޮމޯޓް ކުރުމަށް ދިން ހިތްވަރެކެވެ.

ދިޔަރެސް ނޫހުން، އަޒާން ކުރިއަށް ނެރުނު، ނާޒީންގެ ފިކުރާއި، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ފިކުރަކީ އިސްލާމް ދީން އެކަމަށް އިންތިހާއަށް ދެކޮޅު ފިކުރު ތަކެކެވެ. އަދި އެއީ ދުނިޔޭގައި އެތައް މިލިއަން ބަޔަކު މީގެ ކުރިން މަރާފައިވާ ފަރާތްތަކުން ގެންގުޅެފައިވާ ނުރައްކާތެރި ފިކުރުތަކެކެވެ. އެ ފިރުތަކާއި ދެކޮޅަށް މިއަދުވެސް މުޅި ދުނިޔެ ތެދުވަމުންދާ ނިއޯ ނާޒިޒަމްގެ ފިކުރުތަކެވެ.

އަޒާންގެ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ފިކުރަށް ތާއީދު ކޮށް، ޝަހީމް ކުރެއްވި ޕޯސްޓްގައި ލިޔެފައިވަނީ "އަޒާނަކީ ވަރަށް ހިތްވަރު ގަދަ، ޤައުމީ ވިސްނުމުގާއި، ނުގުޑާ ފަދަ އަޒުމެއް ހުރި ޒުވާނެއް." ކަމަށެވެ. އަޒާން އަޒުމް ހުރީ ނިއޯ ނާޒިޒަމްގެ ފިކުރާއި، ހައްދު ފަހަނަ އެޅި ޤައުމިއްޔަތު ޤަބުލޫ ނުކުރާ ފަރާތްތަކަކީ ޤައުމަށް ގައްދާރުވާ ބައެއް ކަމުގައި ބަލައި، އެމީހުނާއި މެދު މަރުގެ ހުކުން އިއްވުމުގެ ފިކުރެވެ. އިސްލާމިކް މިނިސްޓަރ މިއަދު އެ ތާޢީދު ކުރެއްވީ އެ ފިކުރަށެވެ.

ނިއޯ ނާޒިޒަމްގެ ނުރައްކާތެރި ފިކުރު ކުރިއަރުވައި، އެއާއި ދެކޮޅު ފަރާތްތައް ޤައްދާރުން ކަމަށް ސިފަކޮށް އެމީހުންނަށް މަރުގެ ހުކުން އިއްވަން ޖެހޭނެ ކަމަށް ބުނެ އަޒާން ވަނީ ތަފާތު ގިނަ ޓްވީޓް ތައް ކޮށްފައެވެ.