ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކުރިން ކަނޑައެޅި 4000 މީހުންގެ ލިސްޓު ބާތިލުކޮށް، ފްލެޓު ލިބޭ މީހުން އަލުން ކަނޑައަޅަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގެ އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، އަލުން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލަން ނިންމީ ކަމަށް ސަރުކާރުން ބުނެ އެވެ.
"… ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވިން،" ހައުސިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފްލެޓު ލިބޭ މީހުންގެ މައްސަލަތައް އޭސީސީން ބަލާފައި ވަނީ ގޯސްކޮށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.
ފްލެޓު ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އަލުން އެކުލަވާލަން ނިންމިއިރު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތި ދިން ގޮޮތުގެ މައްސަލަތަކެއް ވެސް ބަލަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ [ފްލެޓް ނުވަތަ ގޯތި] ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ޑިސެމްބަރު 5، ގައި ރައީސް ވިދާޅުވި އެވެ.