ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަށް ދޭން ނިންމު 4,000 ފްލެޓް ލިސްޓު ބާތިލްކޮށް, ފަސްޓް ލޭޑީ މެޑަމް ސާޖިދާގެ އެކުލަވާލާ 2,000 މީހުންގެ ލިސްޓަކަށް ފްލެޓް ދިނުމަށް މި ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަވީ ކުރީ ސަރުކާރުގެ ފްލެޓް ލިސްޓު ސައްހަ ނޫންކަމަށް އޭސީސީން ނިންމާ, ފްލެޓް ދޭންޖެހޭ ވަކި ބައެއްގެ ލިސްޓު ހައުސިން މިނިސްޓްރީއާ އޭސީސީން މިއަދު ހިއްސާ ކުރުމާއެކުއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން, ހައުސިން މިނިސްޓްރީގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި މި ސަރުކާރުން އެންމެ ފުރަމަވެސް ނިންމާފައިވަނީ, މެޑަމް ސާޖިދާގެ ލިސްޓަކަށް ފްލެޓް ދިނުމަށް ކަމުގައެވެ. އެހެންނަމަވެސް, ރައީސް ޔާމިންގެ ސަރުކާރުގެ އެކަން ކުރި ބީދައިން, މެޑަމްގެ އޮފީހުން ސީދާ ލިސްޓު ފޮނުވައިގެން ލިސްޓް ކަނޑައަޅައިފިނަމަ ބޮޑެތި ހަމަނުޖެހުން ހިނގާ, އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އަސަރުކުރާނެ ކަމަށް ބެލެވޭތީ އޭސީސީއާއި މަތިކޮށް, މެޑަމް ސާޖިދާ އިސްވެ ހުންނަވާ ތައްޔާރުކޮށްފައިވާ 2,000 މީހުންގެ ލިސްޓަކަށް ފްލެޓް ބެހުމަށް ނިންމާފައިވާކަމަށްވެސް އޮފިޝަލް މައުލޫމާތު ދީފައި ވެއެވެ.
މިސަރުކާރު ވެރިކަމަށް އައުމަށްފަހު, މަޖިލިހުން ރުހުން ނުދިން ހައުސިން މިނިސްޓަރު ހައިދަރު ވިދާޅެވެފައިވަނީ, ކުރީ ސަރުކާރުން ތައްޔާރު ކޮށްފައިވާ ލިސްޓަށް ފްލެޓް ނުދޭނަކަމަށާއި, އޭގެ ބަދަލުގައި ލިސްޓު ފޮނުވާނީ އޭސީސީއަށް ކަމުގައެވެ.
އޭސީސީން ފާއިތުވި ހަފްތާގައި ބުނެފައިވަނީ, ކުރީ ސަރުކާރުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފްލެޓް ހައްގުވަނީ %60 މީހުންނަށް ކަމުގައެވެ. ރައީސް ސާލިހުގެ ސަރުކާރުގައި 4,000 ފްލެޓަށް 20,696 މީހުން ފޯމު ހުށަހަޅާފައި ވެއެވެ. އަދި އެ ސަރުކާރުން ނިންމާފައިވަނީ 18,167 މީހުންގެ ޝަރުތު ފުރިހަމަވާ ކަމަށެވެ.
އެހެންނަމަވެސް އޭސީސީން ބުނެފައިވަނީ ތަހުގީގުގައި ޖުމްލަ 4،048 ފޯމެއް ބެލި އިރު، ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމުގެ އެވެ. އަދި %19.7 މީހުންނަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ހުރި ފޯމެވެ. އަދި ޝަރުތު ފުރިހަމަ ނުވާ %59.6 ފޯމް ހުރިކަން ފާހަގަވާ ކަމަށް އޭސީސީން ބުންޏެވެ. އޭސީސީގެ މި ހިސާބުތަކަށް ބަލާއިރު, އެ މުވައްސަސާއިން މައްސަލަ ހުރިކަމށް ފާހަގަ ކޮށްފައިވާ ފޯމުތަކުގެ އަދަދަކީ 2,388 ފޯމެވެ.
އެހެންކަމުން މި ހިސާބުތަކަށް ބަލާއިރު, 4,000 ފްލެޓަށް ފޯމު ލީމީހުންގެ ފޯމު ބާތިކޮށް, އޭސީސީއާއި މަތިކޮށް, ސާޖިދާ ތައްޔާރު ކޮށްފައިވާ 2,000 މީހުންގެ ލިސްޓަކަށް ފްލެޓް ދިނުމަށް ހައުސިން މިނިސްޓްރީ މިހާރު ތައްޔާރުވަމުންދާ ކަމަށް"ދިޔަވަރު އޮންލައިން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވަނީ, އެއްވެސް ސިފައެއްގައި ފްލެޓްގެ ލިޔުން ލިބިފައިވާ އެއްވެސް ފަރާތެއްގެ އަތުން ފެލްޓް މި ސަރުކާރުން އަތު ނުލާނެ ކަމުގައެވެ.
އެހެންނަމަވެސް މުއިއްޒު ގެންދަވަނީ މި ބީދައިން ކެމްޕޭންގައި ކޮށްފައިވާ ހުރިހާ ވައުދެއް ބޮލާލާޖަހާ, މި ސަރުކާރުން ބޭނުންވާ ބަޔަކަށް އެކަނި ފްލެޓް ދިނުމަށް ތައްޔާރު ވަމުންނެވެ.