ފެނަކަ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ މައްކަތްތަކަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ އެކުންފުނީގެ މުވައްޒަފުންނަށް ކުންފުނިން ދޭންޖެހޭ އެލަވަންސް ނުދީ, މަސައްކަތް ކުރުވަމުންދާ ކަމަށް އެކުންފުނީގެ ބައެއް މުވައްޒަފުން "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދީފިއެވެ.
"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ފެނަކަ ކުންފުނީގެ މުވައްޒަފަކު ކިޔައިދިން ގޮތުގައި, މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ނުދޭ ސަބަބެއްވެސް ކުންފުނިން މުވައްޒަފުންނާއި ހިއްސާ ކޮށްފައެއް ނުވެއެވެ. މިގޮތުން, ބައެއް މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ފޯރުކޮށް ނުދޭތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާކަމަށްވެސް މުވައްޒަފުން ބުނެފައި ވެއެވެ.
ހަމަ ކިޔަނީ ދޭނަމޭ, ދޭނަމޭ. އެލަވަންސް ނުދެވިގެން އުޅޭ ސަބަބެއްވެސް ހާމައެއް ނުކުރޭ. މުވައްޒަފުންނަށް ހައްގުވާ އުޖޫރަ ނުދީ މުވައްޒަފުންލައްވާ މަސައްކަތް ކުރުވުން މިއީ މީގެކުރިން މިކުންފުނިން ކޮށްފައިވާ ކަމެއްނޫން.
"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި މުވައްޒަފު ބުނެފައި ވެއެވެ.
ފެނަކަ ކޯޕަރޭޝަންއަކީ, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުވައްޒަފުންނާ ދޭތެރޭ އެންމެ އަނިޔާވެރިކޮށް އަމަލުކޮށްފައިވާ, ދައުލަތުގެ އެއް ކުންފުންޏެވެ.
ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށާއި, ހުރިހާ މުވައްޒަފުންގެ ހައްގުތައްވެސް ހިމާޔަތް ކޮށްދެެއްވާނެ ކަމުގައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުދޭނެކަމަށްވެސް މުއިއްޒު ވަނީ ވައުދު ވެފައެވެ. ކެމްޕޭންގައި މުއިއްްޒު ވިދާޅުވީ ބޮޑުވަރުވެގެންވެސް މުއައްޒަފުން އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ކުރާނީ ބަދަލު ކަމުގައެވެ.
އެހެންނަމަވެސް ފެނަކަ ކުންފުނިންވަނީ މިހާތަނަށް އައިއިރު, މަގުބޫލު އެއްވެސް ސަބަބަކާ ނުލާ, އެ ކުންފުނީގެ އެތައްސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލާފައެވެ.