އާންމުންނަށް ލިބޭ ޑޮލަރު ލިމިޓް 25 ޑޮލަރަށް ކުޑަ ކުރިއިރު، ޑުބާއިއަށް ދިޔަ، 48 މީހުންނަށް އެލަވަންސްގެ ގޮތުގައި އެކަނި 2,343,840 ރުފިޔާ، ޑޮލަރުން ސަރުކާރުން ދީފައިވާކަން ފަޅާއަރައިފިއެވެ. މި މައުލޫމާތު ލިބިފައިވަނީ ރައީސް އޮފީހުންނެވެ. ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ޑުބާއީ އަށް ދިޔަ ދަތުރުގައި 6 ދުވަހުގެ އެލަވަންސް ނަގާފައިވާ ކަމަށާއި، ބައެއް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން، ސަމިޓް ނިމުމުން އެއަށްވުރެ ގިނަދުވަސްވަންދެން ޑުބާއީގައި މަޑު ކުރާތީ، އެ މީހުންނަށްވެސް އެ ދުވަސްތަކަށް ވެސް ފައިސާ ދީފައި ވަނީ ޑޮލަރުން ކަމުގައި މައުލޫމާތު ލިބެއެވެ.
ސަރުކާރުން ޑޮލަރު ދިނުމުގައި ދައްކާފައި އުޒުރަކީ، ސިޔާސީ ފަރާތްތަކަށް ޑޮލަރު ނުއަގުގައި ބްލެކްމާކެޓުން ގަތުމަކީ ދަތި ކަމެއް ކަމަށް ބުނެއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރެއްވި ގޮތުގައި ހަމަ މި ދަތިތައް އާންމު ރައްޔިތުންނަށްވެސް ދިމާވާ ކަމަށާއި، އިޤްތިޞާދު ރަނގަޅު ނުކޮށް، ދޭދޭ ޤައުމުތަކުގެ ގުޅުމަށް ބުރޫ އަރުވައިގެން މިކަންކަން ރަނގަޅު ކުރެވޭނޭ ގޮތެއް ފެންނަން ނެތް ކަމަށެވެ.