ޚަބަރު

ކުޅިވަރު ކުޅޭ ބޯޅަ ތަކަކާއި، މާފުށި ސްކޫލަށް ބޯޑަކާއި ބޮންޑަމާކަރު ކޮޅެއް ދިނުމުން ޗައިނާގެ ސަފީރުގެ ޝަރަފުގައި ފަސްޓް ލޭޑީ ސާޖިދާ ބޮޑު ހަފްލާއެއް ބާއްވަދީފި! "ޑޮނޭޝަން" ކަމަށްބުނެ ލިބުނު އެއްޗެއްސަށްވުރެ ހަފްލާއަށް ދިޔަ ޚަރަދު ބޮޑު!

ދިޔަވަރު
ކުޅިވަރު ކުޅޭ ބޯޅަ ތަކަކާއި، މާފުށި ސްކޫލަށް ބޯޑަކާއި ބޮންޑަމާކަރު ކޮޅެއް ދިނުމުން ޗައިނާގެ ސަފީރުގެ ޝަރަފުގައި ފަސްޓް ލޭޑީ ސާޖިދާ ބޮޑު ހަފްލާއެއް ބާއްވަދީފި! "ޑޮނޭޝަން" ކަމަށްބުނެ ލިބުނު އެއްޗެއްސަށްވުރެ ހަފްލާއަށް ދިޔަ ޚަރަދު ބޮޑު!

ކ. މާފުށީ ސްކޫލަށް ކުޅިވަރު ކުޅޭ ބައެއް ސާމާނާއި ބޯޑަތަކަކާއި ބޮންޑަމާކަރު ކޮޅެއް ދިނުމަށް ސަރުކާރުން ސާޖިދާ އަންގައިގެން ޗައިނާ ސަފީރުގެ ޝަރަފުގައި ބޮޑު ހަފްލާއެއް ބާއްވާފިއެވެ. މި ހަފްލާގެ އިންތިޒާމު ތަކާއި، މި ހަފްލާއަށް ދައުލަތުގެ ޚަރަދުން ދަތުރު ކޮށް ސާޖިދާ އައުމަށް ދިޔަ ޚަރަދު ހިމަނާލާއިރު، ޗައިނާއިން މާފުށި ސްކޫލަށް ދިން ކުޅިވަރުގެ ސާމާނާއި، ބޮންޑަމާކަރު ކޮޅަށްވުރެ އަގު ބޮޑު ވެގެން ދެއެވެ. މިހާ ކުޑަ ކަންކަމުގައި ޗައިނާއަށް ބޮޑެތި މުނާސަބަތުތައް ސަރުކާރުން ބާއްވާ ދެނީ ޗައިނާގެ ފައިބުޑަށް ދިވެހިރާއްޖެ ވެއްޓިފައިވާލެއް ބޮޑު ކަމުންނެވެ.

މިގޮތަށް ވެދޭ އެހީތައް އެއީ "ޑޮނޭޝަން" ކަމަށް ކިޔުމަކީ ދިވެހިރާއްޖެ އިތުރަށް ދަށްކޮލުމަށް ބޭނުން ކުރާ ބަސްމަގެކެވެ. އޭގެ ބަދަލުގައި އެހީގެތަކެތި assistance ފޯރުކޮށްދިން ކަމަށް ބުނުމަކީ ޤައުމު މިހާ ދަށްކޮށް ނުލާ މިކަން ކުރެވިދާނެ ގޮތެކެވެ. ސަރުކާރުން ރައީސް އޮފީހުގެ ވެބްސައިޓުގައި އާއި، ސޯޝަލް މީޑިޔާގައި މި އެހީ އަކީ ޑޮނޭޝަން ކަމުގައި ބަލާފައިވެއެވެ. ޑޮނޭޝަން އަކީ ފަގީރު ނިކަމެތި، ނުވަތަ ހަނގުރާމައިން ވީރާނާވެ، އެއްވެސް ހާލެއް ނެތް ފަރާތްތަކަށް ހަދިޔާ ކުރާ އެއްޗެއްސަށް ބުނެ އުޅޭ ބަހެކެވެ. އެއީ ރާއްޖެ ފަދަ ޤައުމަކަށް އަދި އޮތް ހާލަތުގައި، މުހާތަބު ކުރަން އެކަށޭނެ ބަސް މަގަކަށް ނުވާއިރު، ޗައިނާ ސަރުކާރުން އެފަދައިން އެމީހުން ރާއްޖެއަށް ވަނީ ޑޮނޭޝަން ކަމަށް ދެކެނީ ދިވެހިރާއްޖެއަށް ކުރާ މަލާމާތެއްގެ ގޮތުގައެވެ.

މީގެ ކުރިން، ޗައިނާއިން ވަނީ، 1،500 ޓަނުގެ ޕްލާސްޓިކް ފެންފުޅި ރާއްޖެ އަށް ހަދިޔާ ކުރަންވެސް ނިންމާފައެވެ. ނަމަވެސް އާންމުން އެކަމަށް ފާޑު ކިޔައި، ރާއްޖެ މިއީ އެފްރިކާ ފަގީރު ޤައުމެއް ނޫން ކަމަށާއި، ޗައިނާއިން ދިވެހިންނަކީ ތަންދޮރު ނުދަންނަ، އެފްރިކާގެ އަވަށްގަޑެއްގެ ބައެއް ގޮތުގައި ސިފަކޮށް ކަންކަން ކުރާތީ ނުރުހުން ވުމުން އެކަން ވަނީ ހުއްޓާލާފައެވެ.