ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަދެވޭނެ ގޮތެއް ނެތިގެން, ރައީސް މުއިއްޒު މިހާރު އަބޫދާބީއަަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓްއިން 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ހަމަޖެހިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް, މިމަހުވެސް ދައުލަތުގެ މުވައްޒަފުންނަށް މުޒާރަ ދެވޭނެ ގޮތްވަނީ ނުވެފައެވެ. އަދި މި ލޯނު ނަގަން މަޖުބޫރުވީ, ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނެތިގެ ބަޖެޓް ސަޕޯޓަށެވެ.
ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު ފާއިތުވި 3 މަހުވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ދީފައިވަނީ, ސެންޓްރަލް ބޭންކުން މެދުވެރިކޮށް ބޭންކް އޮފް މޯލިސްވްއިން ފައިސާ ލޭންދޭނަށް ނަގައިގެންނެވެ. އެގޮތުން, މުވައްޒަފުނަށް ފާއިތުވި ނޮވެމްބަރުމަހުގެ މުސާރަދީފައި ވަނީވެސް, ފިނޭންސް މިނިސްޓްރީން އެމްއެމްއޭ މެދުވެރިކޮށް ބޭންކު އޮފް މޯލްޑިވްސްއިން 700 މިލިއަން ރުފިޔާ ބޮރޯ ކޮށްގެން (ލޭންދޭނަށް ނަގައިގެން) ކަމަށެވެ.
އޭގެ އިތުރުން, ކުރިއަށް އޮތް ތިން މަހު ސިވިލް ސާވަންޓުންނަށާއި، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކަށް މުސާރަ ދިނުމަށް ބޭނުންވާ ފައިސާ ސަރުކާރުގައި ނެތުމަށް، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަންވެސް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލައިފި އެވެ.
މިއީ މިއަހަރުގެ ތެރޭގައި ޓީ-ބިލް ވިއްކަން ހުޅުވާލި ތިންވަނަ ފަހަރެެވެ.
ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ރައީސް މުއިއްޒު 300 މިލިއަން ޑޮލަރުގެ ލޯން ނަގާއިރު, ދައުލަތުގެ ދަރަނީ ވަނީ އިންތިހާއަށް މަތިވެފައެވެ. އެގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ޚާއްސަކޮށް މުސާރަ ދިނުންފަދަ ރިކަރަންޓް ޚަރަދުތައް ފޫބެއްދުމަށް ލޯން ނުނެގުމަށް ސަރުކާރަށް ލަފާ ދީފައެވެ.
އޭގެ ބަދަލުގައި, ބޮޑެތި މުސާރަލިބޭ ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުން ކޮންޓްރޯލްކޮށް, ދަތުރު ފަތުރަށާއި އަދި އެހެނިގެން ގޮތްގޮތުންވެސް ދައުލަތުން ކުރަމުންދާ ޚަރަދުތައް ކުޑަކުރުމަށްވެސް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ސަރުކާރަށް ލަފާ ދީފައެވެ. އެހެންނަަމަވެސް ރައީސް މުއިއްޒު ގެންދަވަނީ ގައުމުން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުތަކައްވެސް ބޮޑެތި ޚަރަދުކޮށް, އަދި ސިޔާސީ މަގާމްތަކަށްވެސް އެއްވެސް ހިފެހެއްޓުމެއްނެތި މީހުން އައްޔަން ކުރަމުންނެވެ.