ދައުލަތުގެ މާލިއްޔަތު ގާނޫނާ ޚިލާފަށް, އިއުލާން ކުރުމަކާ ނުލާ, ހިޔާ ފްލެޓްގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ރައީސް މުއިއްޒު ހަވާލު ކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލޓޑ އަށެވެ. އަދި އެކުންފުނިން މިހާރުވަނީ އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ހަރު ކޮށްފައެވެ.
އެހެންނަމަވެސް, ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރު ކުރުމުގެ މަޝްރޫއާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ސަރުކާރުން އަދި މި މަސައްކަތް ހަވާލުކުރި އެޗްޑީސީން ވެސް ހާމަކޮށްފައެއް ނުވެ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާ ކުންފުނިންވެސް މިމަޝްރޫއާއި ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެގޮތުން މިމަޝްރޫޢު ބަޖެޓް ކުރި އަދަދަށްވުރެވެސް ބޮޑުކޮށް, 300 މިލިއަން ރުފިޔާއަށް މިމަސައްކަތް ޗައިނާ ކުންފުންޏަށް އެވާރޑް ކޮށްފައިވަނީ, ދައުލަތުން ބަޖެޓް ކޮށްފައިވާ މިންވަރަށްވުރަށްވުރެ އިތުރަށް އެ ކުންފުންޏަށް ދައްކާ ފައިސާ ރައީސް މުއިއްޒުގެ "ޖީބަށް" ވަންނަ ގޮތަށް ކަމަށް, "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި މި ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ރައީސް މުއިއްޒުއަކީ, ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަމުގައި ހުންނަވައިގެން, ސިނަމާލެ ބުރިޖު އަޅަން އައި ކުންފުނިން ރިޝްވަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި ފަރާތެއްކަން, ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އާންމުވި މުއިއްޒުގެ ބޭންކު އެކައުންޓުގެ ތަފްސީލުތަކުން ހާމަވެފައިވާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.