ރައްޔިތުން މަޖިލީހުގެ ނިންމެވުމަކަށް ގޮންޖައްސަވައި، މަޖިލިހުން ރުހުން ދިނުމަށް އިންކާރު ކޮށްފައިވާ 3 ވަޒީރެއްގެ ހުވާ ލައިދިނުމަށް ހުސްނުއް ސުއޫދު އޭނާއަށް ވުރެ، ބޮޑު ފާޓު ފުޅާ ފަޓުލޫނެއް ތުރުކުރުއްވައިގެން ރައީސް އޮފީހަށް ވަޑައިގެން ހުންނެވީ ސިޔާސީ ތޮފި އަޅައިގެންނެވެ.
މަޖިލީހުގައި ނެތް، މަޖިލީހުން ވަކިވެފައިވާ ބައެއްގެ އަދަދު މަޖިލީހުގައި ނަގާ ވޯޓެއްގައި ހިމެނެން ނެތް ކަމަށް ކަނޑައަޅައި، އަޒުލު ކުރުމުގެ ޤާނޫނު ފުރިހަމަ ކުރުމަށް ގެނައި ހެޔޮ ބަދަލާއި މެދު، މުއިއްޒު ހިތްޕުޅާ ނުވުމުން، މަޖިލީހަށް ލިބިފައިވާ ޤާނޫނު އުފެއްދުމާއި، ގާނޫނަށް ބަދަލު ގެނައުމުގެ ބާރަށް އަރައިގަނެ، ވަގުތީ އަމުރެއް ސްޕްރީމް ކޯޓުން ނެރުނީ، ހުސްނުއްސުއޫދު ސިޔާސީ ތާކިހާ އަޅުއްވައިގެން އިތުރު ދައުރެއްގައި ފަނޑިޔާރަކަށް އިނުމުގެ ދަހިވެތި ބޭނުމުގައެވެ.
ފަނޑިޔާރުންނާ ގުޅޭ "ޝަކުވާތައް ތަހުގީގުކޮށް ނިންމުމުގެ ބާރު" ޖޭއެސްސީއަށް ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވެ އެވެ. މިއީ އެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ޖޭއެސްސީއަށް ހުށައަޅަން ވީ ވަގުތެވެ. ހުސްނުއްސުއޫދުގެ އަމަލުތަކާއި މެދު މަޖިލީހުގައި ހުރި ކަން ކަންބޮޑުވުން ތަކެއް މަޖިލީހުގެ ގިނަބައެއްގެ ސޮއާއި އެކު ޕެޓިޝަންއެއްގެ ގޮތުގައި، އެ މައްސަލަތައް ތަހުގީގުކޮށް ދިނުމަށް އެދި ޖޭއެސްސީއަށް ހުށަހެޅަންވީ ވަގުތެވެ. އަދި އެ ފަނޑިޔާރަކު ޖޭއެސްސީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ޖޭއެސްސީއަށް ހުށަހެޅަން ޖެހެއެވެ.
ޖޭއެސްސީގެ މަރުހަލާ:
ފަނޑިޔާރަކު މަގާމުން ދުރުކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ފަނޑިޔާރެއްގެ މައްޗަށް އޭނާގެ ނާގާބިލުކަމާއި ހުރެ، ނުވަތަ އުސޫލުން ބޭރުން އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައިފި ނަމަ އެވެ. އެއީ ކޮން ކަންކަމެއްކަން ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ނެތުމުން ޖޭއެސްސީއަށް ކޮންމެ ހާލަތެއްވެސް އެއީ އެކަށީގެންވާ ހާލަތެއްތޯ ބެލުމުގެ ޖާގަ އެބައޮތެވެ.
ޝަކުވާ: ފަނޑިޔާރަކާ ގުޅޭ ގޮތުން ކޮންމެ މީހަކަށް ވެސް ޖޭއެސްސީއަށް މައްސަލަ ހުށައެޅުމަށް ފުރުޞަތު އޮވެއެވެ. މައްސަލަ ހުށައަޅާއިރު، ތުހުމަތު ކުރެވޭ ކަންކަން ސާފުކޮސް ބަޔާން ކުރުން މުހިންމެވެ.
ތަހުގީގު: ޖޭއެސްސީން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ފަނޑިޔާރަށް ދޭން ޖެހެއެވެ.
ޖޭއެސްސީގެ ލަފާ: ތަހުގީގަށް ފަހު ޖޭއެސްސީން މަޖިލީހަށް ލަފައެއް ދެއްވިދާނެއެވެ. ރިކޮމެންޑޭޝަނަކީ މަގާމުން ވަކިކުރުން ނަމަ، އިމްޕީޗްކުރުމުގެ މަރުހަލާ ފެށިދާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރުހަލާ:
ހުށަހެޅުން: ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގެ ލަފަޔާ އެއްގޮތަށް ފަނޑިޔާރުގެ އިމްޕީޗްމަންޓަށް މަޖިލީހުގެ ތަޅުމަށް ހުށައެޅިދާނެއެވެ.
ބަހުސް: މަޖިލީހުން ގަރާރަށް ބަހުސްކޮށް ހުށަހެޅޭ ހެކިތަކަށް މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުޞަތު ދީ، މަޖިލީހުގެ ކުރިމަތީގައި ދިފާއުވުމުގެ އިހްތިޔާރު ފަނޑިޔާރަށް ދިނުމަށް ފަހު، ވޯޓަށް އަހާނީއެވެ.
ވޯޓް: ފަނޑިޔާރަކު މަގާމުން ދުރުކުރަން ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާނެއެވެ. އެ އަޣުލަބިއްޔަތާއި އެކު ފަނޑިޔާރު އަޒުލު ކުރާނީއެވެ.
ރައްޔިތުން މަޖިލީހުގެ ގިނަ ބަޔަކު ތިބީ ފަނޑިޔާރުން، މަޖިލީހުގެ ބާރުތަކަށް އަރާގަނެ، މަޖިލީހުގެ އިހްތިޞާސުގެ ތެރެއަށް ވަދެފައިވާތީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެހެން ކަމުން މިވޯޓަކީ ފަސޭހަ ކަމާއި އެކު ނެގިގެން ދާނެ ވޯޓެކެވެ. ފަސޭހަ ކަމާއި އެކު ހުސްނުއްސުއޫދު އަޒުލު ކުރެވޭނެ ވޯޓެކެވެ.
މާ ގިނަ ދުވަހު، ކޯޓުގައި އިނދެވި، ފަނޑިޔާރު ގެއަކީ ހުސްނުއްސުއޫދުގެ ހަރުމުދާހެން މިހާރު އޭނާއަށް ހީވާކަހަލައެވެ.
މަޖިލީހުގެ ބާރު ކަނޑުވާލުމަށް ވޯޓުލުމުގެ އުސޫލަށް ގެނައި ބަދަލު ހުއްޓުވުމަށް، ސުޕްރީމް ކޯޓުގެ ބެންޗުގެ އަގުލަބިއްޔަތު ލިބުނު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ވަނީ، ރައްޔިތުންގެ މަޖިލީހުން ގާނޫނު އާސާސީއާ ހިލާފުވެފައިވާ ކަމަށް ބަންޑާރަނައިބު ތުހުމަތުކުރާ ހާލަތުގައި އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި މިފަދަ އަމުރެއް ނެރެން ޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ރައްދުވާ ފަރާތަށް ފުރުސަތެއް ނުދީ ވެސް އަމުރު ނެރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހުސްނުއް ސުއޫދަށާއި، އަޒްމިރާލްދާ އަށް ބަންޑާރަނައިބަކީ މަޖިލީހުން ރުހުން ދިނުމަށް އިންކާރު ކޮށްފައިވާ ފަރާތެއް ކަމާއި، އޭނާ ތަމްސީލު ކުރަނީ، މުއިއްޒުގެ ސީދާ އިންޓްރެސްޓްކަން ނޭނގެނީތޯއެވެ؟
ބެންޗުގެ އަގުލަބިއްޔަތު ލިބުނު މި ރައުޔަށް ތާއީދުކުރެއްވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.