ޚަބަރު

އައިއެމްއެފްއިން، މުއިއްޒު އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރި ކަމަށް ބުނެ، ހެދީ ދޮގު! އައިއެމްއެފްގެ ވެރިން، މުއިއްޒުގެ ސިޔާސަތު މޮޅުވެގެން، A ރިޕޯޓްދީ، އާޝޯހު ވެގެން ނޫޅޭ! އަދި ތައުރީފެއް ވެސް ނުކުރޭ!

ދިޔަވަރު
އައިއެމްއެފްއިން، މުއިއްޒު އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރި ކަމަށް ބުނެ، ހެދީ ދޮގު! އައިއެމްއެފްގެ ވެރިން، މުއިއްޒުގެ ސިޔާސަތު މޮޅުވެގެން، A ރިޕޯޓްދީ، އާޝޯހު ވެގެން ނޫޅޭ! އަދި ތައުރީފެއް ވެސް ނުކުރޭ!

އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ އިއްޔެ ރައީސް މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރިކަމަށް ބުނެ، ސަރުކާރުން ވަނީ ދޮގު ހަދާފައެވެ. އެ ބައްދަލުވުމަކީ 11 ފެބްރުއަރީ 2024 އިން ފެށިގެން ޑުބާއީގައި ކުރިއަށް ދާ، ވޯލްޑް ގަވަމެންޓް ސަމިޓްގައި، އެތަނަށް ވަޑައިގެން އުޅުއްވާ ބައެއް އިއްޒަތްތެރިންނާއި ބައްދަލު ކުރުމަށް، އެމްބަސީ މެދުވެރިކޮށް ސަރުކާރުން އެދިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިންގ ޑިރެކްޓަރ ޖޯޖީވާ، މުއިއްޒު އެދިފައިވާތީ، އެ އެދުމުގެ މަތިން ބައްދަލު ކޮށްލަން ވޯލްޑް ގަވަމަންޓް ސަމިޓުގެ ހަވާސާގެ ތެރެއިން އައިއެމްއެފް އިން ދެއްވި ފުރުޞަތެކެވެ.

އެ ބައްދަލު ކުރެއްވުމަށް، މުއިއްޒު ވަނީ، ވޯލްޑް ގަވަމަންޓް ސަމިޓް އޮތް މަދީނަތުލް ޖުމައިރާއަށް ވަޑައިގެންފައެވެ. އިއްޔެ އެ ބައްދަލުވުން ބޭއްވި އިރު، މުއިއްޒު އެ ސަމިޓުގައި ބައިވެރިވުމަށް ހަމަ ޖެހިފައިވާ އެއްވެސް ހަރަކާތެއް އިއްޔެއަކު ކުރިއަކަށް ނުދެއެވެ. މުއިއްޒު ވާހަކަ ދެއްކުމަށް ހަމަ ޖެހިފައިވަނީ މިއަދު ޑުބާއީ ގަޑިން 4 ޖަހާ ކަންހާއިރުއެވެ. އޭގެ އިތުރުން މުއިއްޒު ބައިވެރި ވަޑައިގަންނަވާނީ ސަމިޓް ނިންމުމުގެ ޖަލްސާގައެވެ. އެހެންކަމުން މި ބައްދަލުވުމަކީ ސަރުކާރުން އެދިގެން، އައިއެމްއެފް އިން، ވޯލްޑް ގަވަރމެންޓް ސަމިޓްގެ ހަވާސާގެ ތެރޭގައި ބައްދަލު ކޮށްލަން ދިން ފުރުޞަތެކެވެ.

އައިއެމްއެފް އިން ސަރުކާރުގެ "ހަރުދާނާ ސިޔާސަތަ" ތައުރީފް ކުރެއްވި ކަމަށް ވިދާޅުވެ ހެއްދެވީ އިތުރު ފުޅެކެވެ. އެއްވެސް ސަރުކާރަކުން، މާލީ ސިޔާސާތުތައް ރަނގަޅު ކުރުމަށް އަޅަން ވިސްނާ އެއްވެސް ފިޔަވަޅެއް ގޯސް ކަމަކަށް، އައިއެމްއެފް އިން އަދި ވޯލްޑް ބޭންކުންވެސް ނުބުނާނެއެވެ. އެއީ ޑިޕްލޮމެޓިކް ބަސްމަގު ހުންނަ ގޮތެވެ. މި ގޮތުން އާ ސަރުކާރަކުން ކުރަން ރައްޔިތުންނަށް ކޮށްދޭން ބުނާ ކަންކަމަށްވެސް ފާޑެއް ނުކިޔާނެއެވެ. އެއްވެސް ޤައުމެއްގެ އެއްވެސް ފަރާތަކަށް އެފަދަ ފާޑު ކިޔުމެއް ދުވަހަކުވެސް، އައިއެމްއެފް އިން ކޮށްފައެއްވެސް ނުވެއެވެ. ވިދާޅުވާނީ ތި ހުރިހާ ކަމެއްވެސް ކުރުން ހަމަ އެންމެ ރަނގަޅު ކަމަށެވެ. ހަމަ އެއާއި އެކު، ޚަރަދު ކުޑަ ކުރުމަށާއި، އިޤްތިޞާދީ ގޮތުން ބަލަން ޖެހޭ މިންގަޑުތަކަށް އަލި އަޅުވާފައި އެކަންކަމަށް ރިޢާއަތް ކޮށްގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވާނެއެވެ. މިއީ، ހުރިހާ ބައްދަލުވުމެއްގައިވެސް އައިއެމްއެފް، ވޯލްޑް ބޭންކް ފަދަ ތަންތަނުން ވާހަކަ ދެއްކުމުގައި ގެންގުޅޭ ހަމައެވެ. ޑިޕްލޮމަސީއެވެ. އައިއެމްއެފްގެ ވެރިން، މުއިއްޒުގެ ސިޔާސަތު މޮޅުވެގެން، A ރިޕޯޓްދީ، އާޝޯހު ވެގެން ނޫޅެއެވެ. އެހެންނަމަ، އިގްތިޞާދު އުނގެނެން އައިއެމްއެފް އިން ރާއްޖެއަށް ވަފްދެއްވެސް ފޮނުވާނެއެވެ. އަދި ދިވެހިރައްޔިތުން އަނގައާއި އަތާއި ދިމާނުވެގެން އުޅޭކަށްވެސް ނުޖެހޭނެއެވެ. ޑޮލަރުވެސް ތިޔާގި ކޮށް ލިބޭނެއެވެ.

މާދަމާ އައިއެމްއެފް އިން ރިޕޯޓެއް ލިޔުނަސް ހުންނާނީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި މެދު ސުވާލު އުފައްދާފައެވެ. އައިއެމްއެފް އިން ދިރާސާއެއް ނުކޮށް، ކަންހިނގާ ގޮތް ނުބަލައި، ބަޔަކު ފިޔަވަޅެއް އަޅަން ނިންމަމޭ ބުނުމަކުން އެއަކަށް ފާޑެއް ނުކިޔާނެއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އައިއެމްއެފްއިން، ރާއްޖޭގެ އިޤްތިޞާދީ، މާލީ ހާލަތު ބަލައި ހެކި ހާމަ ކުރުމަށް ފަހު، ހެއްކާއި ގަރީނާ ދައްކަމުން، ކަންކަމަށް ފާޑު ކިޔާނެއެވެ. އޭގެ ކުރިން މުއިއްޒު ޑުބާއީއިން ފެންނަ އިރަށް، "އޭ ކަލޭމެންގެ ރާއްޖޭގެ މަލީ ސިޔާސަތު ހާދަ ގޯހޭ" ކިޔައި އައިއެމްއެފް އަކުން ނޫޅޭނެއެވެ. އެހެން ނޫޅުމަކީ މުއިއްޒަށް ތައުރީފް ކުރުން ކަމަށް ވިސްނުމަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ދޮގު ވާހަކަ ތަކެވެ. ނޫނީ ދުނިޔޭގައި ކަންކަން އޮންނަނީ އެފަދައިން ކަމަށް މުއިއްޒަށް ހީވެފައި އޮތުމަކީ، ސަރުކާރު ވެރިކަން ކުރުމަށް ނާގާބިލު މިންވަރު ދައްކުވައިދޭ ކަމެކެވެ.