ޚަބަރު

އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް: ސިވިލް ކޯޓު

ދިޔަވަރު
އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް: ސިވިލް ކޯޓު

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް އެމްއާރުއެމްގައި މެންބަރުން ހަމަނުވާތީ އީސީން އެ ޕާޓީ އުވާލާފައިވަނީ މިދިޔަ އަހަރުގެ މެއި 24 ގައެވެ. އީސީން އެ ޕާޓީ އުވާލީ ދެ ފަހަރެއްގެ މަތިން މެންބަރުންގެ އަދަދު ހަމަކުރުމަށް ފުރުސަތު ދިނުމަށްފަހުއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އެ މައްސަލަ އެ ޕާޓީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ގާޒީ މުހައްމަދު އީސާފުޅު އިއްޔެ ކުރެއްވި ހުކުމްގައި ވަނީ އެމްއާރުއެމުން 3،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އީސީން ދީފައިވާ ނޯޓިހަށް ކަމަށާއި އެއިރު މެންބަރުން ތިބި އަދަދަކީ 2981 ކަމަށެވެ. ނަމަވެސް މެންބަރުންގެ އަދަދަށް ބަދަލު އައިސްފައިވާ ކަން އީސީން ފަހުން އަންގާފައި ނުވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެ މަހަކު އެއްފަހަރު މެންބަރުންގެ އަދަދު ކަށަވަރުކޮށް، ޕާޓީތަކަށް ނޯޓިސް ދޭން ޖެހޭ ކަމަށާއި ނަމަވެސް އީސީން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.

"އިލެކްޝަން ކޮމިޝަނުން ނުކޮށް ހުރި ކަމެއްގެ ގެއްލުމަކީ އެމްއާރްއެމުން އުފުލަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތެއް ކަމުގައި ނުވާތީ އެމްއާރްއެމަށް ފޮނުވާފައިވާ ނޯޓިހަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ދީފައިވާ ނޯޓިހެއް ކަމަށް ކަނޑައަޅަން،" ހުކުމްގައި ވެއެވެ.

ހުކުމުގައި ވަނީ އެ ނޯޓިސް އިން ޕްރޮސެސް ނުކުރާ ފޯމްތަކެއް ހުރިކަން ވެސް އެނގެން ނެތް އިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބައެއް ފޯމްތައް ޕްރޮސެސް ކުރުމުގައި ނޭކަށޭނަ ލަސްވުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އެއީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހިލާފަށް އަދި ދުސްތޫރީ ހައްގާ ހިލާފަށް އީސީން އެމްއާރްއެމާ މެދު ކޮށްފައިވާ އަމަލެއް ކަމަށްވެސް ހުކުމުގައި ބުންޏެވެ.

އެމްއާރްއެމް އުވާލުމަށް އީސީން ނިންމާފައިވަނީ ގާނޫނު އަސާސީގެ 43 މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި، ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީ އާއި އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި ފޮނުވި ސިޓީގެ އިތުރުން ދަރަނީގެ މައުލޫމާތު ހޯދުމަށް އީސީން ގެޒެޓް ކުރި އިއުލާނު ސިވިލް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ސިވިލް ކޯޓުން ވަނީ ކޯޓަށް ހޭދަވި ހަރަދުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ، އީސީގެ ފަރާތުން އެމްއާރްއެމަށް ހަތް ދުވަސް ތެރޭ ދައްކަން ވެސް އަމުރުކޮށްފައެވެ.