ޚަބަރު

ރައްޔިތުންނަށް ލިބިފައިވާ ބައެއް ގޯތިތައް، ފުށިދިއްގަރުފަޅަށް ބަދަލުކޮށް، ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ހަދައިފި!

ދިޔަވަރު
ރައްޔިތުންނަށް ލިބިފައިވާ ބައެއް ގޯތިތައް، ފުށިދިއްގަރުފަޅަށް ބަދަލުކޮށް، ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ހަދައިފި!

ބިންވެރިޔާ ސްކީމުގެ ދަށުން އާބާދު ކުރަން ނިންމި ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭންތައް މި ސަރުކާރުން އަލުން ހަދައިފި އެވެ.

ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލޭ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހިން ވެސް ކުރީގެ ސަރުކާރުން އޮތީ ގޯތި ދޭން ނިންމައިފަ އެވެ. ގޯތިތައް ދޫކުރީ، ބިން ލިބޭ ސަރަހައްދު ފާހަގަކޮށްފަ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ކުރިން ލޭންޑް ޔޫސް ޕްލޭންތައް ހަދާފައި ހުރީ އެއްވެސް ޕްލޭނެއް ނެތި ކަމަށާއި މިހާރު އަލުން އެ ޕްލޭންތައް ސަރުކާރުން ހަދާފައިވާ ކަމަށެވެ.

"ގުޅީފަޅާއި ގިރާވަރުފަޅުގެ ގޯތިތައް ކުރީގައި ދީފައި ހުރީ ކަނޑައެޅިގެން އެއްވެސް ކަހަލަ ޕްލޭނެއްގެ ދަށުން ނޫންކަން. އަޅުގަނޑުމެން ޕްލޭންތައް ހަދައި ފައިނަލްކޮށްފައި މިހާރު އެ ހުރީ. މީހުންނަށް ދިރިއުޅެވޭނެ ގޮތަކަށް އެ ތަންތަނުގެ ލޭންޑް ޔޫސް ޕްލޭންތައް އަޅުގަނޑުމެން ތައްޔާރުކޮށް ނިންމައިފިން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ އެއްޗެހިތައް ޕަބްލިކް ވެސް ކުރާނަން," ހައިދަރު ވިދާޅުވި އެވެ.

ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި، މި ގޮތަށް ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައި ވަނީ، ބައެއް ފަރާތްތަކަށް ލިބޭ ގޯތިތައް އެތަންތަނުން ނެގުމުގެ ގޮތުންނެވެ. އަދި ފުށިދިއްގަރު ފަޅަށް ދާނެ ބަޔަކު ނެތުމުން، ގޯތި ލިބުނު މީހުންގެ ތެރެއިން ގޯއްޗަށް އެންމެ ބޭނުން ޖެހިފައި ތިބި މީހުންގެ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެމީހުން ފުށިދިއްގަރުފަޅަށް ބަދަލު ކުރުމަށެވެ. އެހެން ނޫނީ މުއިއްޒުގެ ފުށި ދިއްގަރު ފަޅުގެ ޕްރޮޖެކްޓު އެއްވެސް ތަނެއްގައި ލައްވާ ނުލާ، ފަޅު ތަނަކަށް ވެދާނެތީ މުއިއްޒު ވަނީ ކަންބޮޑުވެފައެވެ.

ލޭންޑް ޔޫސް ޕްލޭން އަލުން ހެދުމުން ގޯތި ލިބުނު މީހުންނަށް ގޯތިތައް ލިބޭ ތަންތަން ބަދަލުވުން އެކަށީގެން ވާކަމަށް ސަރުކާރުން ވަނީ ވެސް ބުނެފައެވެ. އެކަން ކުރިއަށްގެންދާނެ ތަފްސީލެއް ސަރުކާރުން ރަސްމީކޮށް އަދި ހާމަކުރަން ދަނީ ދެކޮޅު ހަދަމުންނެވެ.