ޑުބާއީގައި ކުރިއަށް ދާ، ވޯލްޑް ގަވަމެންޓް ސަމިޓުގައި، މުއިއްޒު ދޭ ސްޕީޗް ދިނުމަށް ހަމަޖެހިފައިވަނީ ޑްބާއީގެ ގަޑިން 4 ޖަހާއިރުއެވެ. އެއީ ރާއްޖެ ގަޑިން 3 ޖަހާކަންހާއިރުއެވެ. މި ސްޕީޗަށް އިނގިރޭސި ފަރިތަކުރުމަށްޓަކައި އެމަނިކުފާނު ޕްރެކްޓިސް ކުރައްވާތާ 4 ދުވަސް ވެއްޗެކަމަށް ޑުބާއީއަށް ވަޑައިގެން އުޅުއްވާ ރައީސް އޮފީހުގެ ބޭފުޅެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މުއިއްޒުގެ ސްޕީޗް މިއަދު އޮތީ، ކުރީގެ ރާއްޖޭގެ ނައިބްރައިސް ވަޑައިގެން ސްޕީޗް ދެއްވި ބޭފުޅުންނާއި އެކު، ކުޑަ ހޯލެއްގައި ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ލީޑަރުން އިއްޔެ ތަޤްރީރް ދީ ނިމިފައިވާ ކަމަށާއި، މިއަދު މުއިއްޒާއި އެކު ސްޕީޗް ދެނީ، މަޑަގަސްކަރަ، ސީޝަލްސް އަދި އެ ޤައުމަކާއި މެދު މުއިއްޒު ދޮގު ވާހަކަ ފަތުރާފައިވާ މޮރިޝަސް އާއި އެކުއެވެ.
މުއިއްޒް ސްޕީޗް ދިނުން އޮތީ މަދީނަތުލް ޖުމައިރާ ގައި ހުންނަ ޓްރޭޑް ސެންޓަރގައި ވޯލްޑް ގަވަމަންޓް ސަމިޓަށް ހަދާފައިވާ ސަރަހައްދުގައި ހުރި ޕްލެނަރީ ހޯލްގައި ކަމަށާއި، އަދި، ވާހަކަފުޅު ދެއްކުމަށް ޑުބާއިން ދީފައިވާ ޓޮޕިކަކީ، GOVERNMENT ACCELERATION AND TRANSFORMATION އާއި ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރު ޓްރާންސްފޯމް ކުރުމާއި މަސައްކަތްތައް އަވަސް ކުރުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭތީ މުއިއްޒުގެ ސްޕީޗް ތައްޔާރު ކުރަން ޖެހުނީ ޗެޓްޖީޓީޕީއިން ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.