އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވާ, އެގައުމުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ, ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރައީސަށް ފޮނުވި ސިޓީގެ ޖަވާބު މިހާތަނަށްވެސް ރައީސް މުއިއްޒު ދެއްވާފައި ނުވާކަން ހާމަވެއްޖެއެވެ.
މި ކަން ހާމަވެފައިވަނީ ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެގައުމުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދެމުންދާ އިޒްރޭލުގެ ޕާސްޕޯޓުތައް ރާއްޖެއިން ބަލައިނުގަނެ، އެގައުމުގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް އެދިފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމުމާއި ގުޅިގެންނެވެ.
މި ކޮމިޓީން މީގެ ކުރިންވެސް ވަނީ މިމައްސަލާގައި މޫސާ ޒަމީރު ކޮމިޓީއަށް ހާޒިރުވާން ތަކުރާރުކޮށް އަންގާފައެވެ. އެހެންނަމަވެސް މަޖިލިހުގެ ތިން ވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރުވެސް، ވަގުތު ނުވާތީ ކަމަށްބުނެ ކޮމިޓީ އަށް މިމައްސަލާގައި މޫސާ ޒަމީރު ވަޑައިގެންފައެއް ނުވެއެވެ.
އެހެންކަމުން، އެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީންވަނީ މިމައްސަލާގައި ކޮމިޓީ އަށް ވަޑައިގެންނެވުމަށް ޒަމީރަށް އަލުން ދެންނެވުމަށް ނިންމާފައެވެ.
އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވައި ދިނުމަށް ގޮވާލައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮރިން މިނިސްޓްރީ ދޮށުގައި ބޭއްވި މުޒާހަރާއެއްގައި ޒަމީރު ވެސް ބައިވެރިވެވަޑައިގެން ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުއްލަވައިފަ އެވެ.
އެކަމަކު، ކޮމިޓީން ރައީސް މުއިއްޒަށް ފޮނުވި ސިޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ޒަމީރު ވަނީ އެ ދުވަހު ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ އެކި އުޒުރުތައް ދައްކާ, އިސްރޭލު ރައްޔިތުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ގޮވާލުންތައް ބޮލާލާ ޖަހަމުންނެވެ.