ޚަބަރު

އިޒްރޭ ޕާސްޕޯޓު މަނާކުރުމަށް މި ސަރުކާރުން ދެކޮޅު ހަދާ މައްސަލާގައި, ތަކުރާރުކޮށް އެންގުމުންވެސް ޒަމީރު ކޮމިޓީއަށް ހާޒިރެއް ނުވި, އަނެއްކާވެސް ކޮމިޓީއަށް ހާޒިރުވުމަށް އަންގާ ނޯޓިސް ފޮނުވައިފި

ދިޔަވަރު
އިޒްރޭ ޕާސްޕޯޓު މަނާކުރުމަށް މި ސަރުކާރުން ދެކޮޅު ހަދާ މައްސަލާގައި, ތަކުރާރުކޮށް އެންގުމުންވެސް ޒަމީރު ކޮމިޓީއަށް ހާޒިރެއް ނުވި, އަނެއްކާވެސް ކޮމިޓީއަށް ހާޒިރުވުމަށް އަންގާ ނޯޓިސް ފޮނުވައިފި

އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވާ, އެގައުމުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ, ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރައީސަށް ފޮނުވި ސިޓީގެ ޖަވާބު ރައީސް މުއިއްޒު ނުދެއްވައިގެން, އެ މައްސަލާގައި ފޮރިން މިނިސްޓަރ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ކޮމީޓއަށް ހާޒިރު ވެފައި ނުވާކަން ހާމަވެއްޖެއެވެ.

މި ކަން ހާމަވެފައިވަނީ ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެގައުމުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދެމުންދާ އިޒްރޭލުގެ ޕާސްޕޯޓުތައް ރާއްޖެއިން ބަލައިނުގަނެ، އެގައުމުގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް އެދިފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމާ ކޮމިޓީގެ މެމްބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކުންނެވެ.

މިމައްސަލައާއި ގުޅޭގޮތުން މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ, މި ކޮމިޓީން މީގެ ކުރިންވެސް މިމައްސަލާގައި މޫސާ ޒަމީރު ކޮމިޓީއަށް ހާޒިރުވާން ތަކުރާރުކޮށް އަންގާފައިވާ ކަމުގައެވެ. އެހެންނަމަވެސް މަޖިލިހުގެ ތިން ވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރުވެސް، ވަގުތު ނުވާތީ ކަމަށްބުނެ ކޮމިޓީ އަށް މިމައްސަލާގައި މޫސާ ޒަމީރު ވަޑައިގެންފައެއް ނުވެއެވެ.

އެހެންކަމުން، އެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީންވަނީ މިމައްސަލާގައި ކޮމިޓީ އަށް ވަޑައިގެންނެވުމަށް ޒަމީރަށް އަލުން ދެންނެވުމަށް ނިންމާފައެވެ.

އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވައި ދިނުމަށް ގޮވާލައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮރިން މިނިސްޓްރީ ދޮށުގައި ބޭއްވި މުޒާހަރާއެއްގައި ޒަމީރު ވެސް ބައިވެރިވެވަޑައިގެން ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުއްލަވާފަ އެވެ.

އެކަމަކު، ކޮމިޓީން ރައީސް މުއިއްޒަށް ފޮނުވި ސިޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ޒަމީރު ވަނީ އެ ދުވަހު ވިދާޅުވެފައި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ އެކި އުޒުރުތައް ދައްކާ, އިސްރޭލު ރައްޔިތުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ގޮވާލުންތައް ބޮލާލާ ޖަހަމުންނެވެ.