ޚަބަރު

މައުޟޫއާއި ގުޅޭ އެންމެ ވާހަކަ އެއްވެސް ނުދައްކާ، ސެގްމެންޓްގައިވާ ޓޮޕިކުން ބޭރުން މުއިއްޒު ޑުބާއީގައި ވާހަކަ ދައްކައި އަނެއްކާވެސް ރާއްޖެ ލަދުގަންނަވާލައިފިއެވެ!

ދިޔަވަރު
މައުޟޫއާއި ގުޅޭ އެންމެ ވާހަކަ އެއްވެސް ނުދައްކާ، ސެގްމެންޓްގައިވާ ޓޮޕިކުން ބޭރުން މުއިއްޒު ޑުބާއީގައި ވާހަކަ ދައްކައި އަނެއްކާވެސް ރާއްޖެ ލަދުގަންނަވާލައިފިއެވެ!

ޑުބާއީގައި އޮތް ވޯލްޑް ގަވަމެންޓް ސަމިޓުގައި ރައީސް މުއިއްޒު ވާހަކަ ދައްކަން ހަމަޖެހިފައިވާ، ސެގްމެންޓްގައިވާ ޓޮޕިކުން ބޭރުން އެމަނިކުފާނު ވާހަކަ ދައްކައި އަނެއްކާވެސް ރާއްޖެ ލަދުގަންނަވާލައިފިއެވެ. "ސަރުކާރުގެ ހަލުވިކަން އިތުރު ކުރުމާއި، ސަރުކާރު ހިންގުމަށް އިންޤިލާބީ ބަދަލު" ގެނައުމުގެ މައުޟޫ އޮއްވައި، ދައްކާނެ ވާހަކަ އެއް ނޭނގިގެން މުއިއްޒު ވާހަކަ އަމާޒު ކުރީ ރައީސް ސޯލިހްގެ މެނިފެސްޓޯގައި ހުރި ވާހަކަ ތަކަށެވެ. ދެން ދެއްކީ ޒަމާނާއި ނުގުޅޭ، ޓޮޕިކުން ބޭރުން ޖެނެރަލް ވާހަކަ ތަކެވެ.

މި ގޮތުން މުއިއްޒު ދެއްކި ވާހަކާގައި، އަންހެނުންނާއި ޒުވާނުންގެ ހުވަފެންތަކުގައި ކުލަ ޖައްސާނޭ ކަމަށާއި، ގައުމުގެ އުމްރާނީ އިމާރާތްތައް ބިނާ ކުރާނެ ވާހަކަ ދެއްކިއެވެ. މިއީ މައުޟޫއާއި ގުޅުމެއް ނެތް ވާހަކަ ތަކެކެވެ.

ދެން މުއިއްޒު ދެއްކީ، ރާއްޖެއަށް 1970 ގައި ޓުއަރިޒަމް އައުމާއި އެކު، ޓުއަރިޒަމް ފުޅާވެގެން ދިޔަ ހަލުވި ކަމުގެ ވާހަކައެވެ. އަދި 2024 ގައި 2 މިލިއަން ޓުއަރިސްޓުން ގެންނާނެ ކަމުގެ ވާހަކައެކެވެ. އެހެން ޤައުމުތަކަށް 30 މިލިއަން 40 މިލިއަނުން ޓުއަރިސްޓުން އަންނައިރު، 1970 ގައި ޓުއަރިޒަމް ފަށައި މިހާތަނަށް މިޤައުމަށް އެންމެ 2 މިލިއަން ޓުއަރިސްޓުން އަންނަ ވާހަކަ ދެއްކުމަކީ މައުޟޫ އާއި ސީދާ ދެކޮޅު، އަދި އެވާހަކައެއް ދައްކަން ލީޑަރުން ލަދު ގަންނަން ޖެހޭނެ ވާހަކައެކެވެ.

ދެން ދެއްކެވީ ރައީސް ޔާމީން ފެއްޓެވި އެއަރޕޯޓް ބޮޑު ކުރުމުގެ މަސައްކަތުގެ ވާހަކައެވެ. މި ވާހަކައަކީވެސް މައުޟޫ އާއި ގުޅޭ ގޮތެއް ނުވިސްނެއެވެ. އަދި ރައީސް ޔާމީން، ފައްޓަވަން މަސައްކަތް ކުރެއްވި، އައިހެވަން މަޝްރޫޢުގެ ވާހަކައެވެ.

އެއަށް ފަހު މަސްވެރިކަން ރާއްޖޭގައި ކުރާ ވާހަކަ އެމަނިކުފާނު ދެއްކެވިއެވެ. މަސްވެރިންގެ ވާހަކަ އެމަނިކުފާނު ބައިނަލްއަޤްވާމީ ސަމިޓް ތަކުގައި ދައްކަވަން ލަދު ގަންނަން ޖެހެއެވެ. 320 މިލިއަން ރުފިޔާ މަސްވެރިންނަށް ހުރީ ނުދީއެވެ. މީގެ އިތުރުން މިވެސް މައުޟޫ އާއި ގުޅޭ ވާހަކައެއް ނޫނެވެ. މަސްވެރިންނަށް ސަރުކާރުން ދޭނެ ޚިދުމަތެއް އަވަސްކޮށްދޭނެ އީޖާދީ ގޮތެއް ބުނެ ދެވުނު ނަމަ އެންމެ ރަނގަޅެވެ. ނަމަވެސް އެފަދަ ވާހަކަ އެއް ނުދައްކައެވެ. އުޅުއްވީ މައުޟޫ ބޭރުގައެވެ. ދެންނެވިހާވެސް ވާހަކައަކީ ރައީސް ސޯލިހް ރިޔާސީ ވައުދެއް ކަމުގައިވާ ކޯލްޑް ސްޓޯރޭޖް ދެގުނަ ކޮށްދޭނެ ވާހަކައެވެ.

އޭގެ ފަހުން ދެން ދެއްކެވީ ރާއްޖޭގެ ރަށްރަށުން މީހުން ބާލައި، ފުށިދިއްގަރުފަޅު ކަހަލަ ތަންތަން ހަދައި އެތަންތަނަށް މީހުން އެއްކުރާ ވާހަކައެވެ.

ދެން އުޅުނީ އަރޓިފިޝަލް އިންޓަލިޖެންސް އެ ބަސް ރަނގަޅަށް ކިޔަން ނޭނގިގެންނެވެ. ވިދާޅުވީ އެވެސް ރާއްޖޭގައި ބޭނުން ކުރާނެ ވާހަކައެވެ. ނަމަވެސް ރާއްޖޭގައި އެފަދަ އެއްްވެސް ކަމެއް ކުރުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ރާވާފައި ނުވެއެވެ. އެހެން ކަމުން އެ ހެއްދެވީ އިތުރުފުޅެކެވެ.

ދެން ވިދާޅުވީ ޓެކްނޮލަޖީ ބޭނުން ކޮށްގެން ރާއްޖޭގައި ސަރުކާރު ހިންގާ ވާހަކައެވެ. ނަމަވެސް، ރާއްޖޭގައި މިހާތަނަށް އުފެއްދި ޑޮޓް.ގަވް އަދި ޓެކްނޮލަޖީ ހިމެނޭ ހުރިހާ ޕްލެޓްފޯމެއް އުފައްދައި އަދި އެފަދަ ރޭވުމެއް ރާވާފައި ވަނީވެސް އެމްޑީޕީ ސަރުކާރުންނެވެ. އޭގެ ކުރިންނަމަ، ރައީސް ޔާމީން ސަރުކާރުންނެވެ. މި ސަރުކާރުން އެފަދަ އެއްވެސް އާ އިސްނެގުމެއް، އާކަމެއް މިހާތަނަކަށް ރާވާފައެއް ނުވެއެވެ.

އަދި މާލެ އަކީ މޮޑެލް ސިޓީއަކަށް ހަދާނެ ކަމަށް ވިދާޅުވިއެވެ. އެއީ ކޮން ގޮތަކުން ކިހިނެއް ކަމެއް ވިދާޅެއް ނުވެއެވެ. މައުޟޫ އާއި ކުޑަކޮށް ގުޅޭ ކޮންމެވެސް އެއްޗެއް ގެނައުމަށް ދެއްކެވި ވާހަކައެއް ކަމުގައި ބެލެވެއެވެ.

ދެން ވިދާޅުވީ، ފުށިދިއްގަރުފަޅުގައި 60 ހާސް ހައުސިންގ ޔުނިޓް އަޅާނެ ވާހަކައެވެ. ނަމަވެސް މިއީ ވެސް މައުޟޫ އިން ބޭރު ވާހަކައެކެވެ.

ދެން ދެއްކީ ވާރޭ ވެހި ފެން ބޮޑުވާ ވާހަކައެވެ. ދެން ދެއްކީ މޫސުމީ ބަދަލުތަކުން ދިމާވާ ކަންކަން ހައްލު ކުރަން، އިބޫ ސަރުކާރުން ބައިނަލްއަޤްވާމީ ދުނިޔޭގައި މީގެ ކުރިން ދައްކާފައި ހުރި ވާހަކަ ތަކެވެ.

ދެން ދެއްކީ މުޅިންވެސް، ކުރީ ސަރުކާރުތަކުން ކުރަން ނިންމާފައިވާ ކަންކަމެވެ. ބައެއް ފަހަރު، މީނާ ވާހަކަ މިދައްކަނީ ތިމާވެއްޓާއި ބެހޭ ސަމިޓެއްގައި ވެސް ހީވެއެވެ. 5 މިނުޓުގެ ސްޕީޗެއް ދެއްވި އިރު، މައުޟޫ އަށް ވަންނަން ނޭނގި މާދުރު ވާހަކަ ތަކެއް ދެއްކީމާ ޤައުމަށް ވަރަށް ހުތުރެވެ.

މި ސްޕީޗުން އެނގިގެން ދިޔައީ، ސަރުކާރުގެ މަސައްކަތް ހަލުވި ދުވެލީގައި ކޮށް، ސަރުކާރު ހިންގުމަށް ބޮޑު ބަދަލެއް ގެނައުމުގެ އެއްވެސް ކަހަލަ ވިސްނުމެއް ފިކުރެއް އަދި އަމުދުން ޕްލޭނެއް މުއިއްޒުގެ ސަރުކާރުގައި ނެތްކަމެވެ. މައުޟޫ އިން ބޭރުން ވާހަކަ ދައްކައިގެން ރާއްޖެ ލަދު ގަންނަވާލުމުގެ އިތުރުން، ސަރުކާރުގެ ދުވެލި އަވަސް ކުރުމަށް އެއްވެސް ކަހަލަ ރޭވުމެއް އަދި ވިސްނުމެއް ނެތްކަން ބޭރު ދުނިޔެއަށް މުއިއްޒުގެ ސްޕީޗުން ހާމަވެގެން ދިޔުމަކީ ދިވެހިން އިތުރަށް މިފަދަ ނާތަހުޒީބީ ވެރިއެއް ދަށުވެފައިވާކަން ފެނި، ލަދުގަންނަން ޖެހުނު ކަމެކެވެ.

ނިންމާލީ ހޫނުވެފައިވާ ޚާރިޖީ ސިޔާސަތުގެ ވާހަކަ މިއަށްވެސް ނުސީދާކޮށް ވައްދައިގެންނެވެ. މުއިއްޒުގެ ބަސްމަގު އޭނާ ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ދިފާޢުގައި ދައްކަން ހަދައިގެން އިތުރަށް، ދުނިޔެއަށް ހާމަވެގެން ދިޔައީ ނާގާބިލު އަނިޔާވެރިއެއްގެ ސިފަ މީނާގެ ކިބާގައި ހުރި ކަމެވެ.