ޚަބަރު

ދުންޔާ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

ދިޔަވަރު
ދުންޔާ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދައިރާއަށް ވާދަކުރެއްވުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްފައިވިއެވެ.

ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ދުންޔާ މައުމޫނު މިއަދު ފޯމު ހުށަހަޅުއްވާފައިވާއިރު, ފާއިތުވި, ޕީއެންސީގެ އެދާއިރާގެ ޕްރައިމަރީގައިވެސް ދުންޔާ ވަނީ ވާދަކުރައްވާފައެވެ. އެހެންނަމަވެސް ޕީއެންސީން އެދާއިރާގެ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާން ކުރިއިރު, ޕްރައިމަރީ ކާމިޔާބު ކުރިކަމަށް އިއުލާން ކޮށްފައިވަނީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ.

އޭނާ އަށް 240 ވޯޓު ލިބުނުކަމަށް ނަތީޖާއިން ދައްކާއިރު, ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ރަހުމަތުﷲ އަޝްރަފަށެވެ. އޭނާ އަށް 102 ވޯޓު ލިބުނުއިރު, ނަތީޖާއިން ދައްކާގޮތުގައި ތިން ވަނަ އަށް ދިޔަ ދުންޔާ އަށް ލިބިވަޑައިގަތްކަމަށް ނަތީޖާއިން ދައްކާފައިވަނީ އެންމެ 70 ވޯޓެވެ.

އެހެންނަމަވެސް ޕީއެންސީގެ އެހެން ބައެއް ދާއިރާތަކުގައިވެސް, ރައީސް މުއިއްޒު ތާއީދުކުރާ ކެނޑިޑޭޓުންނަށް ޓިކެޓް ދިނުމަށް ޕްރައިމަރީތައް އޮޅުވާލާފައިވާފަދައިން, މި ދާއިރާގެ ޕްރައިމަރީވެސް އޮޅުވާލާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ކިޔައިދީފައެވެ.

އެގޮތުން މި ދާއިރާގެ ޕީއެންސީގެ ޓިކެޓް ކަށަވަރުކުރި ޝަނީޒް ހާޝިމް (ޝާންކޮ)އަކީ ރަައީސް މުއިއްޒުގެ ތާއީދާއެކީ ޕްރައިމަރީގައި ވާދަކުރި ފަރާތްކަމަށް މައުލޫމާތި ލިބިފައިވެއެވެ.

ދުންޔާ މައުމޫންއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ކުރެއްވުމަށްފަހު, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައި އިސް ދައުރެއް އަދާކުރެއްވި ކަނބަލެކެވެ.

ހުޅުމާލެ ދެކުނު ދައިރާއަށް އެމްޑީޕީގެ ޓިކެޓްގައި ޑރ. ޝަމްހީދު ވާދަކުރައްވާއިރު, ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވަނީ މަހުޖަނު ގާސިމް އިބުރާހިމްގެ އަނބިކަބަލުން, އަދި ރައީސް ސާލިހުގެ ވެރިކަމުގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރެއްވި އައިޝަތު ނަހުލާއެވެ. އަދި ޑިމޮކްރެޓްސްއިިން އެދާއިރާއަށް ވާދަކުރަނީ މިހާރުގެ މަޖިލިސް މެމްބަރު ފިރުޝާންއެވެ. އަދި ރައީސް ޔާމިންގެ ތާއީދާއެކު އެ ދާއިރާއަށް ވާދަކުރައްވަނީ ޢަބްދުއްޞަމަދު (ސަމަދުބެ)އެވެ.

ޓްރާންސްޕޯޓު މިނިސްޓަރުކަމުގައި ނަހުލާ ހުންނެވިއިރު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ. އޭގެތެރެއިން ބައެއް މައްސަލަތައް އޭސީސީއަށްވެސް ހުށަހަޅާފައި ވެއެވެ.