ޚަބަރު

ގައުމުން ބޭރުގެ 7 ވިޔަފާރަވެރިން ޒިޔާރަތްކުރި އިންވެސްޓް ފޯރަމް ދުބާއީގައި ބާއްވަނީ 25 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން, ފޯރަމް ބާއްވާ ހޯލުގައި ގޮނޑިތައް ހުހަށް!

ދިޔަވަރު
ގައުމުން ބޭރުގެ 7 ވިޔަފާރަވެރިން ޒިޔާރަތްކުރި އިންވެސްޓް ފޯރަމް ދުބާއީގައި ބާއްވަނީ 25 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން, ފޯރަމް ބާއްވާ ހޯލުގައި ގޮނޑިތައް ހުހަށް!

މި ސަރުކާރުން އިންތިޒާމް ކޮށްގެން, ދުބާއީގެ ބުރުޖު އަލް އަރަބްގައި މިއަދު ބާއްވަމުންދާ އިންވެސްޓް ފޯރަމަށް, ދުބާއީން ވިޔަފާރަވެރިން ހާޒިރު ނުވުމާއެކު, މި ފޯރަމް ބާއްވަމުންދާ ކުޑަ ހޯލްގައި ޖަހާފައިވާ ގިނަ ގޮނޑިތައް މުޅި ފޯރަމްގައިވެސް ހުރީ ހުސްކޮށްކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

ފޯރަމްގައި ބައިވެރިވަމުންދާ ބައިވެރިޔަކު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި, މި ފޯރަމްގެ ފެށުމުގެ ރައްމިއްޔާތަށްފަހު ދެން ކުރިޔަށްދިޔަ އެއްވެސް ސެޝަނެއްގައި ދުބާއީގެ އެއްވެސް ވިޔަފާރަވެރިޔަކު ބައިވެރި ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި, ބޭއްވި ބައެއް ޕެންލް ޑިސްކަޝަންތަކުގައި ދުބާއީގެ ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ އިސްބައެއް ވެރިން ވަނީ ބައިވެރިވެ މައުލޫމާތު ދީފައެވެ.

އަދި އިތުރަށް އިންވެސްޓް ފޯރަމުގެ ބައެއް ޑިސްކަޝަންތައް އަޑު އެހުމަށް 7 ވިޔަފާރިވެރިއަކު ދިޔަކަމަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވީ, އެ 7 މީހުންނަކީ އާދައިގެން 7 ކުންފުންޏެއްގެ ސޭލްސް ރެޕްރެސެންޓޭޓިވްސްއިން ކަމުގައެވެ.

ބޮޑު ޚަރަދެއް ކޮށްގެން މި ފޯރަމް ދުބާއީގެ އެންމެ ހައިއެންޑް އެވެނިއުއެއްގައި މިބާއްވަނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭގޭ. މާލޭ ސްޓެލްކޯގެ ހޯލްގައިވެސް މި ބައްދަލުވުން ބޭއްވިދާނެ.

ދުބާއީގައި ކުރިޔަށްދާ އިންވެސްޓް ފޯރަމަށް އެކޮޅަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ވިޔަފާރަވެރިއަކު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިންވެސްޓް ފޯރަމަށް ވަޑައިގެންނެވީ ޑުބާއިއަށް ދިޔަ، 48 މީހުންގެ ބޮޑު ވަފުދަކާ އެކިއެވެ. މި 48 މީހުންނަށް އެލަވަންސްގެ ގޮތުގައި އެކަނި 2,343,840 ރުފިޔާ، ޑޮލަރުން ސަރުކާރުން ދީފައިވާކަމަށް ވަނީ އެނގިފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ރައީސް އޮފީހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޑުބާއީ އަށް ދިޔަ ދަތުރުގައި 6 ދުވަހުގެ އެލަވަންސް ނަގާފައިވާ ކަމަށާއި، ބައެއް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން، ސަމިޓް ނިމުމުން އެއަށްވުރެ ގިނަދުވަސްވަންދެން ޑުބާއީގައި މަޑު ކުރާތީ، އެ މީހުންނަށްވެސް އެ ދުވަސްތަކަށް ވެސް ފައިސާ ދީފައި ވަނީ ޑޮލަރުންނެވެ.

އޭގެ އިތުރަށް ފޯރަމް ބާއްވަނީ ދުބާއީގެ އެންމެ އަގުބޮޑު އެވެނިއުގައި ކަމަށް ވުމާއެކު އެތަނުގެ ޚަރަދާއި, ދިޔަ މީހުން ދަތުރު ފަތުރާއި, އެކޮމޮޑޭޝަންއާއި ފަރިއްކޮޅުތަކާއި, ރިސެޕްޝަންތަކާއި, ރައީސްގެ ޚަރަދުތަކާއި އެކު, މި ފޯރަމް ބޭއްވުމަށް ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއް ކޮށްފައިވާކަމަށްވެސް ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.