ސަވާދީއްތަ ދަތުރަކީ ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް އިންތިޒާމުކުރާ ރެލީ އެކެވެ. މިއީ ރައީސް ސޯލިހްގެ ވެރިކަމުގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު ކުރުމަށް ނިންމައިގެން، ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ފެށުނު ހަރަކާތެކެވެ.
މި ހަރަކާތް ވަނީ 2022 ގައި އަދި 2023 ގައި ވެސް ކާމިޔާބު ކަމާއި އެކު އޭރު އޮތް ސަރުކާރުން ކޮށްފައެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރުން ފެށި ސަވާދީއްތަ ދަތުރު ވާނީ ނާކާމިޔާބު ވެފައެވެ. މިއީ ރައީސް ސޯލިހްގެ ވެރިކަމުގައި، ރައީސް ސޯލިހްގެ ސަރުކާރުން އިސްނަގައިގެން ފެށިކަމެއް ކަމުގައި ވީ ނަމަވެސް، މިފަހަރުގެ ސަވާދީއްތަ ދަތުރު ވެގެން ދިޔައީ، ތައުލީމެއް، އިލްމެއް ހިލްމެއް ނެތް ބަޔަކަށް ސިޔާސީ މެޑަލް ޖަހަން ލިބުނު ފުރުޞަތަކަށެވެ.
މެޑަލް ޖެހުމަށް އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުނާ ޚާލިދު ވަނީ ސަވާދީއްތަ ދަތުރު ދޫކޮށް، ޑުބާއީ އަށް ޗުއްޓީ ކޮށްލުމަށް ސަރުކާރުގެ ގިނަ އަދަދެއްގެ ބަޔަކާއި އެކު ގޮސްފައެވެ.
މިކަން ކުރަން ތިބީ ފަންނީ ގާބިލު ކަމެއް، ނެތް ބައެކެވެ. މިކަން ހިންގުމުގައި ކުރިން ބައިވެރިވި ފަރާތްތައް ސިޔާސީ ވާދަވެރި ކަމުގެ ތެރޭ ގައި ޝިއުނާ ވަނީ އެކަހެރިކޮށްފައެވެ. މީގެ ސަބަބުން އިންތިޒާމުތައް ގޯހުން ގޯހަށް ގޮސް މުޅި ސަވާދީއްތަ ދަތުރު ވަނީ ފެއިލްވެފައެވެ.
މާގިރިން ދަތުރު ފަށައިގެން އިރު، އިންތިޒާމުތައް ދޯހަޅިކަމުން، ދެ އުޅެއްދެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި ދަތުރަށް ފުރަންތިބި ޔޮޓުތަކުގެ ތެރެއިން ޔޮޓެއް ދަތުރު ނުކުރަން ނިންމަން ޖެހުނެވެ. ސަރުކާރުން އުޅުނީ މި ރެލީ ފެށުމުގެ ގޮތުން ކުޑަގިރީގައި ޚާއްޞަ ރަސްމިއްޔާތެއް ވެސް ބާއްވައި، ޕީއާރު ޖެއްސުމުގައި މާ ބުރަ ކޮށެވެ. އެމީހުންނަށް އިންތިޒާމުތަކެއް ނުބެލެހެއްޓުނެވެ.

މި ރެލީގެ ފުރަތަމަ ސްޓޮޕެއްގެ ގޮތުގައި ކ. ކުޑަގިރި ވެފައިވާއިރު، މި ރެލީގެ ދެވަނަ ސްޓޮޕަކީ ވ. ފުލިދޫއެވެ. ވ. ފުލިދޫ އާއި ހަމަ އަށް ދިޔައިރު، އިތުރު 4 ޔޮޓް ވަނީ ދަތުރުގައި ބައިވެރި ނުވުމަށް ނިންމާފައެވެ.
އިންޑިޔާގެ ކުންފުންޏަކުން ބައިވެރި ކުރި ޔޮޓާއި މެދު، ސަރުކާރުން ގެންގުޅުނު ރޭސިސްޓް، އަދި ޒާތީ ކަންކަމުގެ ސަބަބުން އެ ޔޮޓްވެސް އެންމެފަހުން ދަތުރު ދޫކޮށް ދާން ނިންމިއެވެ.
ސަވާދިއްތަ ދަތުރުގެ ތިންވަނަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާޓް" މި ތީމްގެ ދަށުންނެވެ. ހިތް ބޮޑުވެ، ކިބުރުވެރި ކަމުން ދަތުރުގެ ބައިވެރިންނާއި މެދު އިންސާފުވެރިކޮށް ކަން ކުރަންވެސް ނޭނގި، ރާއްޖެ ޕްރޮމޯޓް ކުރުމަށް މި ސަރުކާރުން ބޭއްވި ފުރަތަމަ ސަވާދިއްތަ ދަތުރު ނާކާމިޔާބު ވެގެން މި ދިޔައީ ނާޤާބިލު މީހުން ވެރިންގެ ގޮތުގައި ތިބުމުންނެވެ.
ސަވާދީއްތަ ދަތުރު 10 އުޅަނދުން ފެށި އިރު، މިހާރު ބާކީ ތިބީ 5 އުޅަނދެވެ. އެ 5 އުޅަނދުވެސް މުޅި ދަތުރު ނިންމާނެ ކަމުގެ ޔަގީން ކަމެއް މިހާރަކު ނެތެވެ.