މި ސަރުކާރުން އިންތިޒާމް ކޮށްގެން, ދުބާއީގެ ބުރުޖު އަލް އަރަބްގައި އިއްޔެ ފެށި އިންވެސްޓް ފޯރަމްގެ އެއްވެސް ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވާން, މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު އިބުރާހިމް ފައިސަލް އަމިއްލައަށް ތަނާޒުލް ވެއްޖެ ކަމުގައި, އިންވެސްޓް ފޯރަމްގެ އިންތިޒާމުތަކުގެ ކަންކަމުގައި އިސްކޮށް ހަރަކާތެރިވާ އޮފިޝަކު ވިދާޅުވެއްޖެއެވެ.
"ދިޔަވަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރި, ޔޫއޭއީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ މި ފޯރަމްއަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުން މައިގަޑު އެއް އަމާޒަކަށް ހަދައިގެން ބޭއްވި ފޯރަމަކަށްވެސް ވުމާއެކު, ފޯރަމްގެ އެންމެ މުހިންމު ދައުރެއް އޮތީވެސް ފަތުރުވެރިކަމާބެހޭ ވަޒީރަށް ކަމުގައެވެ.
އެގޮތުން ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާ ދިނުމުގެ އިތުރުން ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް ޓުއަރިޒަމް މިނިސްޓަރު ޖަވާބު ދިނުމަށްވެސް ހަމަޖެހިފައި އޮތް ކަމުގައެވެ.
އެހެންނަމަވެސް, އަދުރޭގެ ދަރިފުޅު ފައިސަލް ޕެނަލް ޑިސްކަޝަންގައި ބައިވެރިވުމަށް ދެކޮޅު ހެއްދެވީކަމަށް "ދިޔަވަރު އޮންލައިން" ވާހަކަ ދެއްކި އެމްބަސީގެ އޮފިޝަލް ވިދާޅުވިއެވެ.
އަޅުގަޑުމެން ހަމަޖެއްސިން އިންޓަރޕްރިޓޭޝަން (ތަރުޖަމާ)އާއެކު ޕެނަލް ޑިސްކަގައި ބައިވެރިވެވަޑައިގަންނަވަންވެސް. އެގޮތަށްވެސް ޕެނަލް ޑިސްކަޝަންގައި ބައިވެރިވާން ދެކޮޅު ހެއްދެވީ.
އެމްބަސީގެ އޮފިޝަލް ވިދާޅުވިއެވެ.
ދުބާއީގައި އިއްޔެއިން ފެށިގެން ކުރިޔަށްދާ އިންވެސްޓް ފޯރަމްގައި މި ސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބައިވެރިވަޑައިގެން "ބްރޯކެން އިންގްލްޝްއިން" (ފުރިހަމަ ނޫން އިނގިރޭސިބަސް ބޭނުންކޮށްގެން) ވާހަކަ ދައްކަވާފައިވާ ވީޑިއޯތައް މިހާރުދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އަދި ރާއްޖޭގެ ޚާރިޖީ ވަޒީރަކަށް, ރަގަޅަށް އިނގިރޭސިބަސް ދެނެވަޑައިނުގަންނަވާ ބޭފުޅަކު ހުންނެވުމުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަމާޒު ގެއްލި, ފޮރިން މިނިސްޓްރީގެ ވަރަށް ގިނަބައްދަލުވުންތަކުގެ މަގުސަދު ހާސިލް ނުވުމުގެ ކަންބޮޑުވުން ފާއިތުވެދިޔަ ތަނުގައި ފޮރިން މިނިސްޓްރީގެ މުވައްޒަފުންވެސް ފާޅުކޮށްފައި ވެއެވެ.
އުދުރޭގެ ދަރިފުޅު އިބުރާހިމް ފައިސަލްވަނީ ސަރުކާރުގެ ރަސްމީ ބައެއް ޖަލްސާތަކުގައިވެސް މީގެކުރިން "ބްރޯކެން އިންގްލިޝް"އިން ވާހަކަ ދައްކަވާފައެވެ.