ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކޮށްގެން ދުބާއީގައި މިހާރު ކުރިޔަށްދާ އިންވެސްޓް ފޯރަމްގެ އެންމެ ކުރީ ސަފުގައި ތިއްބެވި ޑެލިގޭޓުންގެ ތެރޭގައި, ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ހިމެނިއްޖެއެވެ.
ކެބިނެޓްގެ ގިނަ ވަޒީރުންނާއި އަދި ކުންފުނިތަކުގެ އިސްވެރިންނާއި އަދި އެނޫންވެސް ގިނަ ބަޔަކު ހިމަނައިގެން އިނގިރޭސިބަހުން ކުރިޔަށްދާ މި ފޯރަމްގެ ޑެލިގޭޓުންގެ އެންމެ ކުރީ ސަފުގައި އަބުދުއްރަހީމް އިންނެވިއިރު, ރައީސް މުއިއްޒު ދުބާއީގައި މިހާރު ބާއްވަމުންދާ ޑިޕްލޮމެޓިކް ހުރިހާ ބައްދަލުވުމެއްގައިވެސް, ފޮރިމިނިސްޓަރަށްވުރެވެސް ކުރީގައި, ރައީސް މުއިއްޒުއާއި ޖެހިގެން އިންނަވަމުން ގެންދަވަނީ އަބުދުއްރަހީމްކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް, ވަކީން ޚާއްސަކޮށް ޚާރިޖީ ގުޅުންތަކާބެހޭ ޕްރޮޓޮކޯލްތައް ހަމެޖެހިފައި އޮންނަ ގޮތުން, ރައީސުލްޖުމުހޫރިއްޔާ ފިޔަވާ ރާއްޖޭގެ އެންމެ އިސް ޑިޕްލޮމޭޓަކީ ޚާރިޖީ ވަޒީރެވެ. އޭގެ އެންމެބޮޑު އެއް ސަބަބަކީ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ރައީސުލްޖުމްހުރިއްޔާ ފިޔަވާ ގައުމު ތަމްސީލުކުރުމުގެ އެންމެ ބޮޑު ޒިންމާ ދެން އުފުއްލަވަންޖެހޭ ފަރާތަކީ ޚާރިޖީ ވަޒީރުކަމަށް ވާތީވެސްމެއެވެ.
ހަމައެއާއެކު ޑިޕްލޮމެޓިކް ހުރިހާ ފޯރަމެއްގައިވެސް, ޕްރޮޓޮކޯލް ހަމަޖެހިފައި އޮންނަ ގޮތަކީ, ރައީސުލްޖުމުހޫރިއްޔާއާއި ޖެހިގެން ދެން ގައުމުގެ ޚާރިޖީ ވަޒީރު އިންނެވުމެވެ.
އެހެންނަމަވެސް ގައުމުން ބޭރުގެ އެންމެ 7 ވިޔަފާރަވެރިޔަކު ހާޒިރުވެގެން, ދުބާއީގައި ބާއްވަމުންދާ އިންވެސްޓް ފޯރަމްގެވެސް އެންމެ ކުރީ ސަފުގައި ރައީސް މުއިއްޒުއާއި ޖެހިގެން އަބުދުއްރަހީމް އިންނެވިއިރު, ރައީސް މުއިއްޒު ދުބާއީގެ ވެރިޔާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބު ރައީސް, ބޮޑުވަޒީރު އަދި މިނިސްޓަރ ފޮރ ޑިފެންސް, ހިޒް ހައިނެސް ޝައިޚް މުހައްމަދު ބިބް ރާޝިދު އަލް މަޚްތޫމް ރާޝިދު އަލް މަޚްތޫމްއާއި އިއްޔެ ބައްދަލު ކުރެއްވިއިރުވެސް ރައީސް މުއިއްޒުއާއި ޖެހިގެން އިންނެވީ އަބުދުއްރަހީމްއެވެ.
މި ބައްދަލުވުމުގައިވެސް ޚާރިޖީ ވަޒީރު ޒަމީރުއަށް އިންނަވަން ޖެހުނީ އުބުދުއްރަހީމްއަށްވުރެ ފަހަތުގައެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ އަބުދުއްރަހީމްއަކީ އިނގިރޭސިބަހުން ލިޔަންކިޔަންވެސް ނުދަަންނަ މީހެއްކަމެވެ. އޭގެ އިތުރުން އޭނާއަކީ ހުތުރު ބަހުން ވާހަކަ ދައްކަން އާދަވެފައިހުރި, މީހަކަށްވާއިރު, އަބުދުއްރަހީމްއަކީ އެއްވެސް ބާވަތެއްގެ ތައުލީމެއްވެސް ހާސިލްކޮށްފައިވާ މީހެއްވެސް ނުމެ ނޫންމެއެވެ.
އާންމުކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައި ބާއްވާ ފޯރަމްތަކުގައި އިންޓަރޕްރިޓޭޝަންގެ (ތަރުޖަމާ ކުރުމުގެ) ޚިދުމަތް އިޔަރ ފޯނުގެ ޒަރީއާއިން ފޯރުކޮށް ދެއެވެ. އެހެންނަމަވެސް ދުބާއީގައި ކުރިޔަށްދާ އިންވެސްޓް ފޯރަމް ކުރިޔަށް ދަނީ ހަމައެކަނި އިނގިރޭސިބަހުން ކަމަށްވާތީ, އެ ފޯރަމްގައި ދައްކާވާހަކަ ދިވެހި ބަހުން ތަރުޖަމާގެ ކޮށްދެމުންނެއް ނުދެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން, އެ ފޯރަމްގެ އެންމެ ކުރީ ސަފުގައި އަބުދުއްރަހީމް އިންނެވި ނަމަވެސް, ފޯރަމްގައި ދައްކާ އެއްވެސް ވާހަކައެއް އަބުދުއްރަހީމަށް ފަހުމް ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.
ބައިނަލްއަގުވާމީ ފޯރަމްތަކުގައާއި, ބައްދަލުވުންތަކުގެ އެންމެ ކުރީސަފުގައި, ރާއްޖެ ތަމްސީލުކުރުމުގެ ގާބިލްކަމެއް ނެތް, އަދި އެއްވެސް ވަރަކަށް އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ ފަރާތްތައް މިސަރުކާރުން ބައިވެރި ކުރަމުން ދިއުމަކީ ގައުމު ލަދުވެތިވާން ޖެހިފައިވާ ކަމެއްކަމުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ދުބާއީގައި ކުރިޔަށްދާ އިންވެސްޓް ފޯރަމްއަކީ ދައުލަތުގެ މާލިއްޔަތުން 70 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްދާ އިންވެސްޓް ފޯރަމްއެކެވެ. އެހެންނަމަވެ މި ފޯރަމްގެ ގިނަ ބައިވެރިންނަކީ ދިވެހީންނެވެ.
އަދި މުޅި ފޯރަމްގައިވެސް, އޭގެ އިތުރުން ދުބާއީގައި ބާއްވަމުންދާ ހުރިހާ ޑިޕްލޮމެޓިކް ބައްދަލުވުންތަކުގައިވެސް ރައީސް ފިޔަވާ ދެން ގައުމު ތަމްސީލުކުރައްވާ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވީ އަބުދުއްރަހީމްއެވެ.